Last Updated: April 25, 08:46
Thursday, April 25, 2024
ވިޔަފާރި

ޓީޓީއެމް ފެއާގެ ޓައިޓަލް ސްޕޮންސަރަކަށް އުރީދޫ ހަމަޖައްސައިފި

ޓްރެވަލް ޓްރޭޑް މޯލްޑިިވްސް (ޓީޓީއެމް) 2019 ގެ ޓައިޓަލް ސްޕޮންސަރ ގޮތުގައި އުރިދޫ މޯލްޑިވްސް ހަމަޖައްސައިފިއެވެ.

ޓީޓީއެމް އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ޚާއްސަކޮށްގެން، ރާއްޖޭގެ ވިޔަފާރިތަކާއި ބައިނަލްްއަޤްވާމީ ޓްރެވެލް އޭޖެންޓުންގެ ވިއުގައާއި ފަސޭހަކަމާއިއެކު ގުޅުވާލަދިނުމަށް ކުރިއަށްގެންދާ ޕްލެޓްފޯމެކެވެ.

ވިޔަފާރިތަކަށް އަމާޒުކޮށްގެން އަހަރުން އަހަރަށް ކުރިއަށްގެންދާ މި އިވެންޓަކީ، ރާއްޖެއާއި ރާއްޖޭއިން ބޭރުގެ އެތައް ސަތޭކަ ހޮޓެލިއަރުންނާއި ފަތުރުވެރިކަމުގެ ދާއިރާގެ މާހިރުން އެއްތަންކޮށްދޭ، ކޮންމެހެންވެސް ބައިވެރިވުން މުހިއްމު ބީ.ޓު.ބީ އިވެންޓެކެވެ.

ޓްރެވަލް ޓެކްނޮލޮޖީ އާއި އެނަލިޓިކްސް އަށް އަމާޒުކޮށް ބޭއްވިގެންދާ މިއަހަރުގެ ޓީޓީއެމް ސަމިޓު އަލިއަޅުވާލާދޭނީ ފަތުރުވެރިކަމުގެ ދާއިރާގައި އެނަލެޓިކްސް، ޑައިނަމިކް ޕްރައިޒިންގ، ޑިޖިޓަލް އަދި އާޓިފިޝަލް އިންޓެލިޖެންސް މެދުވެރިކޮށް ވިޔަފާރިތަށް ކުރިއެރުވޭނެ ގޮތްތަކަށެވެ.

އުރީދޫގެ ސީއީއޯ ނަޖީބް ހާން ވިދާޅުވީ ޓީޓއެމް ބޭއްވުމުގެ މައިގަނޑު އެއް މަގުސަދަކީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ރާއްޖެއަށް 2.5 މިލިއަން ޓޫރިސްޓުން ގެނެސް، ޓުއަރިޒަމުން ލިބޭ އާމްދަނީ 3.5 ބިލިއަން ޑޮލަރަށް ގެންދިއުމުގެ އަމާޒަށް ވާސިލްވުން ކަމަށާއި ޑިިޖިޓަލް ރާއްޖެއަކަށް އެއްބާރުލުންދީ، ޑިޖިޓަލް ޓެކްނޮލޮޖީތަކުގެ އެހީގައި ޤައުމުގެ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ކުރިއެރުވުމަށް އުރީދޫ އިން ކުރަމުންދާ ތަފާތު މަސައްކަތްތަކާއި، ޓީޓީއެމް ޕްލެޓްފޯމު އަދި މިއަހަރުގެ ތީމް ކަމަށްވާ "ޓްރެވަލް ޓެކްނޮލޮޖީ އާއި އެނަލިޓިކްސް" ވަނީ ވަރަށް ބޮޑަށް ގުޅިފައި ކަމަށެވެ.

އެހެންކަމުން އޯކާ މީޑިއާ ގްރޫޕާއިއެކު ޕާޓްނާކޮށް، ޓީޓީއެމް އަށް އުރީދޫ އިން ފޯރުކޮށްދެމުންދާ އެހީތެރިކަން އިތުރަށް ވަރުގަދަ ކުރުމަކީ، އުރީދޫ އަށް ލިބޭ ވަރަށް ބޮޑޫ އުުފަލެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޯކާ މީޑިއާ ގްރޫޕްގެ ސީއީއޯ، ޑރ. ހުސެން ސަނީ އުމަރު ވިދާޅުވީ ޤައުމުގެ އިޤްތިޞާދީ އަމާޒުތަކާއި، ފުއްދުންތެރިކަން އިތުރު ކުރުމުގައި އުރީދޫ އަކީ އަބަދުވެސް މުހިއްމު މަސައްކަތްތަކެއް ކުރަމުންދާ، އުފެއްދުންތެރި ބްރޭންޑެއް ކަމަށެވެ.

"އަޅުގަނޑުމެންނެކޭ އެއްފަދައިން، 2025 ގެ ނިޔަލަށް ރާއްޖެއަށް 2.5 މިލިއަން ޓޫރިސްޓުން ގެނެއުުމަށް ޓުއަރިޒަމްގެ ޞިނާޢަތަށް އެކިގޮތްގޮތުން އެއްބާރުލުންދެމުންދާ ކުންފުންޏެއް. މިގޮތުން، ރާއްޖޭގެ އެންމެ ބޮޑު އަދި ކާމިޔާބު ޓްރެވަލް ޓްރޭޑް ޝޯ ކުރިއަށްގެންދިއުމުގައި ބައިވެރިވުމަކީ، މި އަމާޒާއި ހަމައަށް ވާޞިލްވުމަށްޓަކައި ދިވެހިރާއްޖެއަށް ފޯރުކޮށްދެވޭ މުހިއްމު އެހީތެރިކަމެއް." ޑރ. ހުސެން ސަނީ އުމަރު ވިދާޅުވިއެވެ.

މިއަހަރުގެ ޓީޓީއެމް ކުރިއަށްދާނީ ޖޫން މަހުގެ 11 އިން 13 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި މި ފެއާގައި، 300 އަށް ވުރެ ގިނަ ޓޫރިޒަމް ދާއިރާގެ އިންވެސްޓަރުންނާއި، ރިސޯޓުތަކާއި ހޮޓާތަކުގެ ވެރިން އަދި ޑިވެލޮޕަރުންނާއި ފަރުމާކުރުންތެރިންގެ އިތުރުން، ކޮންސަލްޓެންޓުންނާއި މި ދާއިރާގެ މާހިރުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.