Last Updated: April 25, 08:46
Thursday, April 25, 2024
ކުޅިވަރު

އިންގްލޭންޑް ބަލިކޮށް ނެދަލޭންޑްސް ފައިނަލަށް

3-1 އިން އިންގްލޭންޑް ބަލިކުރުމަށްފަހު ޔޫއެފާ ނޭޝަންސް ލީގުގެ ފައިނަލަށް ނެދަލޭންޑްސް ދަތުރުކޮށްފިއެވެ.

ޕޯޗުގަލްގައި ރޭ ކުޅުނު ސެމީފައިނަލް މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ އިންގްލޭންޑުންނެވެ. އިންގްލޭންޑަށް ލިބުނު ޕެނަލްޓީއަކުން މެޗުގެ 32 ވަނަ މިނެޓްގައި މި ގޯލު ކާމިޔާބުކޮށްދިނީ މާކަސް ރަޝްފޯޑެވެ. މި ގޯލަށްފަހު ވެސް ގޯލްޖަހާނެ ރަނގަޅު އިތުރު ފުރުސަތެއް ރަޝްފޯޑަށް ލިބި ބޭކާރުވެފައިވެއެވެ.

އިންގްލޭންޑު ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފްގައި ނެދަލޭންޑްސް އިން ކުޅުން ރަނގަޅުކޮށް ދިޔައީ އިންގްލޭންޑްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން މެޗުގެ 73 ވަނަ މިނެޓްގައި ޑި ލައިޓް ވަނީ ނެދަލޭންޑްސް އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މެޗުގެ 90 މިނެޓް ހަމަވިއިރު ދެ ޓީމުވެސް އެއްވަރުވެފައި އޮތުމުން، ނަތީޖާ ނެރުމަށް ދެން ކުޅުނީ 15 މިނެޓްގެ ދެ ހާފެވެ. އެ ދެ ހާފްގެ ތެރެއިން ކޮންމެ ހާފެއްގައި ކާމިޔާބުކުރި ދެ ގޯލާއެކު ނެދަލޭންޑްސް ވަނީ މުބާރާތުގެ ފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފައެވެ. ނެދަލޭންޑްސްގެ މި ދެ ގޯލުގެ ތެރެއިން އެއް ގޯލަކީ އިންގްލޭންޑުގެ ޑިފެންޑަރު ކައިލް ވޯކާ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. އަދި އަނެއް ގޯލު ނެދަލޭންޑްސް އަށް ކާމިޔާބުކޮށްދިނީ ޕްރޮމްސްއެވެ.

މުބާރާތުގެ ފައިނަލްގައި ނެދަލޭންޑްސް ނިކުންނާނީ ސްވިޒަލޭންޑް ބަލިކުރުމަށްފަހު ފައިނަލަށް ދަތުރުކުރި ޕޯޗުގަލްއާއެވެ. ފައިނަލް މެޗު އޮންނާނީ އަންނަ އާދީއްތަ ދުވަހުއެވެ.