Last Updated: March 29, 11:09
Friday, March 29, 2024
ކުޅިވަރު

ތިންވަނަ މެޗުން ވެސް ސްޕެއިނަށް ފަސޭހަ މޮޅެއް

ސާޖިއޯ ރާމޯސް

އަންނަ އަހަރު ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކޮލިފިކޭޝަންގެ ތިންވަނަ މެޗުން ވެސް ސްޕެއިން މޮޅުވެއްޖެއެވެ.

ގްރޫޕް ޑީ ގައި ހިމެނޭ ސްޕެއިން ރޭ މޮޅުވީ ފެރޯ އައިލޭންޑްސްއާ ބައްދަލުކޮށް 4-1 އިންނެވެ.

ފެރޯ އައިލޭންޑްސްގައި އިއްޔެ ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ސްޕެއިނުން ވަނީ ތިން ގޯލު ކާމިޔާބުކޮށްފައެވެ. އެ ތިން ގޯލުގެ ތެރެއިން އެއް ގޯލަކީ ފެރޯ އައިލޭންޑްސްގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަތް ގޯލެއް ކަމަށްވާއިރު އަނެއް ދެ ގޯލު ސްޕެއިނަށް ކާމިޔާބުކޮށްދިނީ ސާޖިއޯ ރާމޯސް އާއި ޖީސެސް ނަވާސްއެވެ.

ސްޕެއިންގެ ހަތަރުވަނަ ގޯލު ދެވަނަ ހާފްގައި ކާމިޔާބުކޮށްދިނީ ހޯޒޭ ލުއިސް ގަޔާއެވެ. މި މެޗުގައި ފެރޯ އައިލޭންޑްސް އިން ކާމިޔާބުކުރި ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ އޮލްސެންއެވެ.

ސްޕެއިންގެ އިތުރުން މި ގްރޫޕްގައި ހިމެނޭ ސްވިޑެން އިން ވަނީ މަލްޓާގެ މައްޗަށް 3-0 އިން ކުރި ހޯދާފައެވެ.

މި ނަތީޖާތަކާއެކު ގްރޫޕްގެ އެއްވަނައިގައި 9 ޕޮއިންޓާ އެކު ސްޕެއިން އޮތްއިރު ދެވަނައިގައި ހަ ޕޮއިންޓާ އެކު އޮތީ ސްވިޑެންއެވެ. އަދި ތިންވަނައިގައި ތިން ޕޮއިންޓާ އެކު އޮތީ ރޮމޭނިޔާއެވެ.

ކޮލިފިކޭޝަންގެ ހަތަރުވަނަ މެޗުގައި އަންނަ ހޯމަ ދުވަހުގެރޭ ސްޕެއިން ނިކުންނާނީ ސްވިޑެންއާ ދެކޮޅަށެވެ.