Last Updated: April 26, 23:59
Friday, April 26, 2024
ކުޅިވަރު

މެސީގެ ދެ ގޯލުން އާޖެންޓީނާ މޮޅުވެއްޖެ

ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރޭ ކުޅުނު އެކުވެރިކަމުގެ މެޗުގައި ނިކަރާގުޔާއާ ބައްދަލުކޮށް 5-1 އިން އާޖެންޓީނާ މޮޅުވެއްޖެއެވެ.

އާޖެންޓީނާގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ގޯލު މެޗުގެ 37 ވަނަ މިނެޓްގައި އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ލިއޮނަލް މެސީއެވެ. އަދި އޭގެ މިނެޓެއްފަހުން އެޓީމުގެ ދެވަނަ ގޯލުވެސް ކާމިޔާބުކޮށްދިނީ މެސީއެވެ.

ދެ ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް އާޖެންޓީނާ އިން ނިންމާލިއިރު އެޓީމުގެ ތިންވަނަ ގޯލާއި ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް ލައުޓާރޯ މާޓިނޭޒްއެވެ. އަދި އާޖެންޓީނާގެ ފަހު ގޯލު މެޗުގެ 81 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ރޮބާޓޯ ޕެރޭރާއެވެ.

މި މެޗުގައި ނިކަރާގުއާ އިން ކާމިޔާބުކުރި ހަމައެކަނި ގޯލު މެޗުގެ ފަހު މިނެޓްގައި ކާމިޔާބުކޮށްދިނީ ހުއާން ބަރޭރާއެވެ.

މި މަހުގެ 14 އިން ޖުލައި ހަތްވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ކޮޕަ އެމެރިކާ އޮންނާނީ ބްރެޒިލްގައެވެ. އާޖެންޓީނާ ހިމެނެނީ ގްރޫޕް ބީ ގައި ކަމަށްވާއިރު މި ގްރޫޕްގައި ދެން ހިމެނެނީ ކޮލަމްބިޔާ އާއި ޕެރަގުއޭގެ އިތުރުން ގަތަރެވެ.

އާޖެންޓީނާ އިން ވަނީ ފާއިތުވި ދެ ފަހަރު ވެސް މި މުބާރާތުގެ ފައިނަލްގައި ކުޅެފައެވެ. ނަމަވެސް އެ ދެ ފަހަރު ވެސް އާޖެންޓީނާ ވަނީ ޗިލީ އަތުން ބަލިވެފައެވެ.