Last Updated: April 25, 17:59
Thursday, April 25, 2024
ކުޅިވަރު

ބައިބަލާގެ ދެވަނަ ބުރުގެ މެޗުތައް ޕީއެސްއެމް އިން ގެންނަނީ

އީދު ބައިބަލާގެ 1440 މުބާރާތުގެ މެޗުތައް ދެވަނަ ބުރުން ފެށިގެން ޕަބްލިކް ސާވިސް މީޑިއާގެ ޔެސް ޓީ.ވީ މެދުވެރިކޮށް ގެނެސްދިނުމަށް ނިންމައިފިއެވެ.

ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ފާޑުކިޔުން ޕީއެސްއެމްއަށް އަމާޒުވެގެންދިޔައީ ޖެހިޖެހިގެން ކޮންމެ އަހަރަކު ބައިބަލާ މުބާރާތުގެ ލައިވް ކަވަރެޖް ޕީއެސްއެމްއިން ގެނެސް މިއަހަރު ލައިވް ކަވަރެޖު ނުގެންނާތީއެވެ. މިމުބާރާތުގެ ލައިވް ކަވަރޭޖް މުބާރާތުގެ ދެވަނަ ބުރާ ހިސާބުން ފަށަން ނިންމާފައިވަނީ ޕީ.އެސް.އެމާއި ބައިބަލާ އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއެކު ވާހަކަ ދެއްކެވުމަށްފަހުއެވެ.

މިފަހަރުގެ މުބާރާތުގައި 32 ދެ ޓީމަކުން ވާދަކުރަމުންދާއިރު މިމުބާރާތުގެ ފުރަތަމަ ބުރުގެ ކުޅުން މިހާރު ވަނީ ނިމިފައެވެ. ފުރަތަމަ ބުރުގެ 16 މެޗު ކުޅެވިފައިވާއިރު 16 ޓީމެއް ވަނީ މުބާރާތުން ކަޓައިގެންވެސް ގޮސްފައެވެ. އެއީ ނޮކް އައުޓް އުސޫލުން މުބާރާތް ކުރިއަށްގެންދާތީއެވެ. މުބާރާތުގެ ދެވަނަ ބުރުގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭއެވެ.

ޕީ.އެސް.އެމްގެ ޔެސް ޓީ.ވީގެ މެނޭޖަރު މުހައްމަދު މުޖާޙް ވިދާޅުވީ، ބައިބަލާ މުބާރާތުގެ ދެވަނަ ބުރާ ހިސާބުންފެށިގެން ހުރިހާ މެޗެއް ލައިވްކޮށް ގެނަސްދޭއިރު މުބާރާތުގެ މެޗުތަކުގެ ކަވަރޭޖްގެ ކުރިން ތިރީސް މިނެޓުގެ ޕްރީ ޝޯއެއްވެސް ގެނަސްދޭނެ ކަމަށާއި މުބާރާތުގެ މެޗުތައް ލައިވް ކުރާނީ މިވަގުތު ލައިވް ކަވަރޭޖް ހެދެން އޮތް އެންމެ ރަނގަޅު ފެންވަރުގައި ކަމަށެވެ.

މުބާރާތުގެ ދެވަނަ ބުރުގައި މާދަމާ ރޭ ކުޅެވިގެންދާނީ 8 މެޗެވެ. އަދި ޖެހިގެން އަންނަ ރޭ ކުއާޓަރ ފައިނަލްގެ 4 މެޗު ކުޅުމަށްފަހު ސެމީފައިނަލްގެ ދެ މެޗާއި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 11 ވަނަ ދުވަހުގެ ރެއެވެ.