Last Updated: April 26, 18:07
Friday, April 26, 2024
ކުޅިވަރު

ޔޫރޯ ކޮލިފައިން: ޖާމަނީ އާއި އިޓަލީ އަށް ފަސޭހަ މޮޅެއް

އަންނަ އަހަރު ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކޮލިފިކޭޝަންގައި ރޭ ޖާމަނީ އާއި އިޓަލީ ކުޅުނު މެޗުތައް އެ ދެ ޓީމުން ވެސް ފަސޭހަކަމާއެކު ކާމިޔާބުކޮށްފިއެވެ.

ގްރޫޕް ސީގައި ހިމެނޭ ޖާމަނީ ރޭ މޮޅުވީ ބެލަރޫސްއާ ބައްދަލުކޮށް 2-0 އިންނެވެ.

ބެލަރޫސްގެ ދަނޑުގައި ކުޅުނު މި މެޗުގެ 12 ވަނަ މިނެޓްގައި ލީރޯއި ސާނޭ ވަނީ ޖާމަނީ އަށް ލީޑު ނަގާދީފައެވެ. ނަތީޖާ އެއްވަރުކޮށްލަން ފުރަތަމަ ހާފްގައި ބެލަރޫސްގެ ނައުމޯވް އަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ބޮލުން ފޮނުވާލި ހަމަލާ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޖާމަނީގެ ކީޕަރު މެނުއަލް ނޯޔާ ވަނީ ދިފާއުކޮށްފައެވެ.

ރޭގެ މެޗުގައި ޖާމަނީން ކާމިޔާބުކުރި ދެވަނަ ގޯލު މެޗުގެ 62 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މާކޯ ރޮއިސްއެވެ. އަދި ތިންވަނަ ގޯލެއް ކާމިޔާބުކޮށްލަން އޭގެ އިރުކޮޅެއްފަހުން ސާނޭ އަށް ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑި އަށެވެ.

ގްރޫޕް ޖޭ ގައި ހިމެނޭ އިޓަލީ ރޭ މޮޅުވީ ގްރީސްއާ ބައްދަލުކޮށް 3-0 އިންނެވެ.

ގްރީސްގައި ރޭ ކުޅުނު މި މެޗުގައި ފެނިގެންދިޔަ ތިން ގޯލުވެސް އިޓަލީން ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ހާފްގައެވެ. އެގޮތުން އެޓީމުގެ ފުރަތަމަ ގޯލު މެޗުގެ 23 ވަނަ މިނެޓްގައި ބަރެއްލާ ކާމިޔާބުކޮށްދިންއިރު ދެވަނަ ގޯލު މެޗުގެ 30 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ލޮރެންޒޯ އިންސިންޔޭއެވެ. އަދި އޭގެ ތިން މިނެޓްފަހުން އިޓަލީގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިނީ ބޮނޫޗީއެވެ.

އިޓަލީގެ ފަރާތުން މޮޅު ކުޅުމެއް މި މެޗުގައި ފެނުނުއިރު ގްރީސް އަށް އިޓަލީގެ ގޯލަށް މާބޮޑު ނުރައްކަލެއް ކުރެވިފައެއް ނުވެއެވެ.

މިއީ ކޮލިފިކޭޝަންގައި އިޓަލީން ކުޅުނު ތިންވަނަ މެޗު ކަމަށްވާއިރު، ތިން މެޗުން ވެސް އެޓީމު ވަނީ މޮޅުވެފައެވެ.