Last Updated: April 25, 12:03
Thursday, April 25, 2024
މުނިފޫހިފިލުވުން

ދީވާނާ 2 ( ތޭވަންނަ ވަނަބައި)

" ޝައުން…މަޑުކޮށްބަލަ! ކޮންތާކަށް ތިދަނީ؟…" ޝައުންގެ ފަހަތުން ސައިކަލު ދުއްވާލަމުން އާއިން ގޮވާލިއެވެ. ނަމަވެސް ޝައުން މަޑުކޮށްލުމެއްވެސް ނެތި މަގުހުރިގޮތަށް ދުވަމުން ދިޔައެވެ. ކުއްލިއަކަށް ގޯޅިން ނުކުތް ވެހިކަލެއްގެ އަލިއެޅުމުން ޝައުންއަށް ހުއްޓެވުނެވެ. ބާރުދުވެލީގައި އައި ވޭން ފެނިފައި ޝައުންއަށް ހަޅޭއްލަވައިގަނެވުނެވެ. ވަގުތު އޮއްވައި ފަހުދަށް ވޭނުގެ ބްރޭކް ޖެއްސުނުކަމުން ޝައުން އޭގައި ނުޖެހި ސަލާމަތްވިއެވެ. ފަހުދު އަވަސް އަވަހަށް ވޭނުން ފައިބައިގެން ޝައުންގެ ގާތަށް އައެވެ.
" ޝައުން އޯކޭތަ؟…" އެއްވެސް ހަރަކާތެއްނެތި ޝައުން ހުރުމުން ކަންބޮޑުވެފައި ފަހުދު އެހިއެވެ.
" ޝައުން…ޝައުން އޯކޭތަ؟…" ޝައުންގެ ފަހަތުން އައި އާއިންވެސް ހަމަ އެސުވާލު ތަކުރާރުކޮށްލިއެވެ.
" އަހަރެން އޯކޭ….ހިނގާދާން…" ޝައުން ހަމައަކަށް އެޅިލަމުން އާއިންއަށް ބަލާލާފައި ބުންޏެވެ.
" ކީއްވެ މާބާރަކަށް ދުވެފަ ތިއައީ؟…" ޝައުން މާބާރަށް ދުވެފައި އައި ސަބަބެއް އޮޅުން ފިލުވަން ފަހުދު ބޭނުންވިއެވެ.
" އެއީ އެއީ އަހަރެން ކުޑަކޮށް އާންއާ ސަކަރާތްޖަހާލީ…" ހަމަޖެހޭގޮތް ދައްކަމުން ޝައުން ހީލިއެވެ.
" ތެދެއް…މިއީ ވަރަށް ސަކަރާތްބޮޑު އަންހެނެއް…ހިނގާބަލަ ދެންވެސް ވާރޭ އޮއްސާނުލަނީސް ދެވޭތޯ ބަލަން…" ޝައުންގެ އަތުގައި ހިފައި ހިނގައިގަންނަމުން އާއިން ބުނެލިއެވެ. ފަހުދު ހައިރާންކަމުގެ ނަޒަރަކުން އެމީހުން ދިޔަ މަންޒަރު ބަލަންހުރިއިރު އޭނާގެ ހިތަށް ތަފާތު ޚިޔާލުތައް ވެރިވަމުން ދިޔައެވެ. އެދެމީހުންގެ މެދުގައި އޮތް ގުޅުމާމެދު އޭނާގެ ހިތުގައި ޝައްކެއް އުފެދިއްޖެއެވެ. ނަމަވެސް ފަރަހަނާޒްގެ ފިރިއަކަށްވެހުރެ، އެފަދަކަމެއް ކުރާވަރަށްވުރެ އާއިން ރަނގަޅުކަމުގައި އޭނާގެ ހިތަށް ވިސްނައިދިނެވެ.
އާއިންއާއި ޝައުން ގެއާހަމައަށް ދެވޭންދެންވެސް ތިބީ ހިމޭނުންނެވެ. ދެމީހުންކުރެ އެކަކުވެސް އިތުރަށް ދެބަސްވާން ބޭނުންނެތީއެވެ. ޝައުންއާ ދެބަސްވެވުނީތީ އާއިން އިނީ ދެރަވެފައެވެ. ޝައުންއަށް އަޅާލަންޖެހޭވަރަށް އޭނާއަށް އަޅާނުލެވެނީއޭ ހިތަށްއެރިއެވެ. ވިސްނުމުގައި އިންދައި ގެއާހަމައަށް އާދެވުމުން އާއިން ސައިކަލު މަޑުކޮށްލިއެވެ. އެއާއެކު ހިނދުކޮޅަކުވެސް މަޑުކޮށްނުލައި ޝައުން ސައިކަލުން ފައިބައިގެން ހަލުވިކަމާއެކު ގޮސް ގެއަށްވަނެވެ. ނަމަވެސް އާއިންހުރީ ހަމަޖެހިލައިގެން ޝައުންއާ ވާހަކަދައްކައި ވީގޮތެއް އޮޅުންފިލުވަން ބޭނުންވެފައެވެ. އާއިން މޮޅިވެފައި ހުރެގެން ގޭތެރެއަށް ވަތްއިރު، ޝައުން ގޮސް އޭނާގެ ކޮޓަރިއަށްވަދެ ނިމިއްޖެއެވެ.
****
މެންދަމުގެ ވަގުތެވެ. ބާރު ގުގުރިއެއްގެ އަޑާއިއެކު ސިހިފައި ޝައުންއަށް ހޭލެވުނެވެ. އޭނާ ސިހިދެލޯބޮޑުވެފައި އޮއްވައި އަނެއްކާވެސް ގުގުރިއެއް ޖަހަފިއެވެ. އެދުން ފުންމާލައިގެން ދުވެގޮސް އާއިންއަށް ގޮވަން ހިތަށްއަރާފައިވެސް އޭނާ މަޑުކޮށްލީ، އާއިން އޮންނާނީ އަރާމުކޮށް ފަރަހަނާޒްގެ ގާތުގައި ނިދާފައޭ ހިތަށްއެރުމުންނެވެ. ނަމަވެސް ގުރުރީގެ އަޑު ހިނދެއް ހިނދަކަށް ދިޔައީ ގަދަވަމުންނެވެ. ވައިބާރުގެ ވާރޭވެސް ބޯކޮށްލައިފިއެވެ. އިރުއިރުކޮޅުން ވިދާލާވިދުވަރުން ދެލޯ ތަރަތަރަ ޖަހައިގެންދާހައިވެއެވެ. ބޮލާއިއެކު ރަޖާއަޅައިގެން، ދެލޯމަރައި ތަގުޅިކޮށްގެން އޮތްއިރުވެސް، ބިރުން އޭނާ ތުރުތުރު އަޅައެވެ. ކެތްކުރެވޭތޯ ހިތްވަރު ކުރަމުންދަނިކޮށްވެސް އޭނާގެ ލޮލުން ކަރުނަ ފާއްދާލިއެވެ.
އަނެއްކޮޅުން އާއިންއާއި ފަރަހަނާޒްވެސް ތިބީ ހޭލައެވެ. ފަރަހަނާޒް އަޔާނާ ހޭލަފާނެތީ ކަންބޮޑުވެފައިވީއިރު، އާއިންއަށް ވިސްނެމުން ދިޔައީ ޝައުންއާމެދުގައެވެ. ޝައުންއަކީ، ގުރުރާނަމަ އާދަޔާ ޚިލާފަށް ބިރުގަންނަ ކުއްޖެކެވެ. ކުޑައިރުއްސުރެ ޝައުންގެ އެއާދަ ހުރުމުން އޭނާ ބިރުކެނޑުވުމަށްޓަކައި އާއިން އެތައް މަސައްކަތެއް ކުރިއެވެ. ނަމަވެސް އަދިވެސް ޝައުންގެ ބިރުނުކެނޑޭކަށް އޭނާއަށް އެނގެއެވެ.
" ޝައުން ވަރަށް ބިރުގަންނާނެ…ގުގުރާނަމަ އޭނާބިރުން ރޯނެ…" ކަންބޮޑުވެގެން ގޮސް އެންމެފަހުން އާއިންއަށް ބުނެވުނެވެ.
" އެހެންތަ؟…ދެން އާއިން އޭނަގާތަށްދާންވީނު…" ވިސްނާލުމެއްވެސްނެތި ފަރަހަނާޒަށް އެހެންބުނެވުނީ އޭނާވެސް ޝައުންއާމެދު ކަންބޮޑުވީވަރުންނެވެ.
" ނާޒްއަށް އޯކޭތަ އަހަރެން ދިޔަޔަސް؟…" ފަރަހަނާޒް އެހާފަސޭހައިން ބުނީތީ ހައިރާންވެފައި އާއިން އަހާލިއެވެ. ބުނެވުނު އެއްޗަކާމެދު ފަރަހަނާޒްއަށްވެސް ވިސްނާލެވުނީ އެވަގުތުއެވެ.
" އާނ…އުޝާދައްތަވެސް އެއްދުވަހު ބުނި ޝައުން ވަރަށް ބިރުގަންނަ ވާހަކަ…އެހެންވީމަ އެހާބިރުގަންނަ މީހަކު އެކަނިބާއްވާކަށް ނުވާނެއްނު…." އާއިން ފޮނުވަން އޭނާގެ ހިތްނޭދުނު ނަމަވެސް ހާލަތުގެ ގޮތުން އޭނާއަށް އެހެންބުނަން މަޖުބޫރުވީއެވެ.
" އާނ…އަހަރެން ގޮސް ބަލާލަފަ އަންނާނަން…." އާއިން އެނދުން ތެދުވަމުން ބުނެލިއެވެ.
ޝައުން ހިތާހިތާ ޝަކުވާކޮށް ރޯލަ ރޯލާ އޮތީ ހަމަ އެންމެ ފަހަރަކުވެސް އާއިން އޭނާގެ ހާލުބަލާނުލީތީ ދެރަވެފައެވެ. އާއިން ގޮސް ޝައުންގެ ކޮޓަރި ތަޅުގައި ހިފާލިއިރު ތަޅުލާފައި ހުރުމުން މަޑުމަޑުން ދޮރުގައި ޓަކިދިނީ ޝައުންއޮތީ ހޭލާތޯ ޔަޤީންކުރުމަށެވެ. ދޮރުގައި ޓަކިދިން އަޑު އިވުނުނަމަވެސް ޝައުން ހީކުރީ އެއީ އޭނާއަށް ހީވިގޮތެއް ކަމަށެވެ. އެހެންކަމުން އެއޮތްގޮތަށް ގުޑާވެސްނުލާ އޭނާއޮތެވެ. އެހެން އޮއްވައި ތަކުރާރުކޮށް ޓަކިދޭއަޑުއިވުމުން އޭނާ އެކަމަށް ސަމާލުވިއެވެ.
" ޝައުން….ހޭލާތަ؟…" ޖެހިލުންވެހުރެ އާއިން ގޮވާލިއެވެ. ވެހެމުންދިޔަ ބޯވާރޭގެ ސަބަބުން އާއިންގެ އަޑު ޝައުންއާ ހަމައަށް ފޯރިކަމެއް ޚުދު އާއިންއަކަށް ޔަޤީނެއްނޫނެވެ.
" އާން؟…" އާއިންގެ އަޑުއިވުމުން ޔަޤީންނުވެފައި ޝައުންއަށް ކިޔާލެވުނެވެ. އަދި ބިރުންހުރެ ތެދުވެގެން ގޮސް ދޮރުހުޅުވާލިއެވެ. ދޮރުމަތީގައިހުރި އާއިން ފެނުމާއެކު އޮޅުލައިގެންފައި ޝަކުވާކުރަން ޝައުން ބޭނުންވިއެވެ. ނަމަވެސް އޭނާ އަވަސް އަވަހަށް އޭނާގެ ނަފްސު ހަމައަކަށް އަޅުވާލިއެވެ.
" ހޭލާދޯ ތިއުޅެނީ؟…" ޝައުން ފެނުމާއެކު އާއިން އަހާލިއެވެ.
" ހޫމް…ގުގުރާއަޑަށް ހޭލެވުނީ…." މަޑުމަޑުން ޝައުން ބުނެލިއެވެ.
" އަހަރެން ވަންނަންތަ؟…" ޝައުން ދެރަވެފައިހުރިކަން އެނގޭތީ އާއިން ބޭނުންވީ ޝައުންއާއެކު ވަގުތުކޮޅެއް ހޭދަކޮށްލުމަށެވެ.
" ނާޒް ކޮބާ؟…ނިދާފަތަ؟…" އާއިންގެ ސުވާލަށް ޖަވާބުދިނުމުގެ ބަދަލުގައި ޝައުން ސުވާލުކުރިއެވެ.
" ނޫން ހޭލާ އުޅެނީ…ނާޒް ބުނެގެން މިއައީ…." އާއިން އޮޅުން ފިލުވައިދިނެވެ.
" އެހެންވީމަ އާން ދޭ….އެމީހުންގާތަށް……ނާޒްވެސް ބިރުގަންނާނެއްނު…" ޝައުން ބެލީ އަވަހަށް އާއިން ފޮނުވާލެވޭތޯއެވެ. ފަރަހަނާޒް ހީކޮށްފާނެ އެއްޗަކަށް ޝައުން ޖެހިލުންވިއެވެ.
" ނޫނޭ…ނާޒްއަކީ އެހާ ބިރުގަންނަ ކުއްޖެއްނޫން…އެހެންނޫނަސް އަނާވެސް އޮންނާނެއްނު ނާޒްގާތު…އޭނާ އެކަންޏެއްނުވާނެއްނު…" އާއިން އުޅުނީ ޝައުންއަށް ވިސްނައިދެވޭތޯއެވެ.
" އަހަރެންނަށް…" ނުރުހިފައި ޝައުން އެއްޗެއް ބުނަން އަނގަ ހުޅުވާލުމާއެކު ޖެހިބާރު ގުގުރިއެއްގެ ސަބަބުން ބޭއިޚްތިޔާރުގައި އޭނާއަށް އާއިންގެ ގައިގާ ބައްދާލެވުނެވެ. އާއިންވެސް ޝައުންގެ އުނަގަނޑުގައި ދެއަތުން ވަށާލުމަށްފަހު ގަޔާލާ ބޮނޑިކޮށްލިއެވެ. އާއިންގެ އަތުގެ ހިމާޔަތް ލިބުމުން ޝައުންގެ ހުރިހާ ބިރެއް ފިލާދިޔަ ފަދައެވެ. އެގޮތުގައި މުޅި އުމުރުވެސް ހުރެވޭނެ ނަމައޭ އޭނާގެ ހިތަށްއެރިއެވެ.
" ހިނގާ އެތެރެއަށް ނިދޭތޯބަލަން….ނުނިދާހުރީމަ މާދަމާ ބޮލުގަ ރިއްސާނެ…" އާއިން ކުޑަކޮށް ޝައުން ގަޔާދުރުކޮށްލަމުން ބުނެލިއެވެ. ޝައުންވެސް ދެބަހެއްނެތި އާއިންއާއެކު ކޮޓަރިއަށް ވަނެވެ. ފަހުންވެދާނެ ގޮތަކާމެދު އޭނާ ވިސްނާކަށްވެސް އެވަގުތު ބޭނުމެއްނުވިއެވެ. އާއިން ޝައުންގެ އަތުގައި ހިފައިގެން ގެނެސް އެނދުގައި ބޭންދުމުން އޭނާ މަޑުމަޑުން އޮށޯތެވެ. އާއިންވެސް ޝައުންގެ މަގަތުގައި އޮށޯވެ ރަޖާގަނޑުން ދެމީހުންގެ ހަށިގަނޑު ނިވާކޮށްލިއެވެ. ޝައުން ލޯމަރައިގެން ނިދޭތޯ މަސައްކަތްކުރި ނަމަވެސް އާއިން އެހައި ގާތުގައި އޮތުމުން އޭނާއަށް ނިދަން އުނގަދޫވިއެވެ. ތަފާތު ނޭއްގާނީ ޚިޔާލުތައް އޭނާއަށް އުނދަގޫކުރަމުން ދިޔައެވެ. ނަމަވެސް އޭނާ ކެތްކޮށްލައިގެން އޮވެ ނިދޭތޯ މަސައްކަތްކުރަމުން ދިޔައެވެ. ޝައުންގެ މޫނަށް ނަޒަރު ހުއްޓާލައިގެން އޮތް އާއިންގެ ހިތްވެސް އޭނާއަށް ތަފާތު ވަސްވާސްތައް ދެމުންދިޔައެވެ. ޝައުންގެ އެހަން އޮމާން މޫނުގައި ބީހިލުމަށް އެތައްފަހަރަކު އޭނާއަށް ނަސޭހަތްތެރިވިއެވެ. ނަމަވެސް ޝައުންގެ އެއްބަސްވުމުގެ މަތިން ހަނދާންވުމާއެކު އޭނާ އަތްފައި ހިމޭނުންލައިގެން އޮތެވެ. ޚުދު އަމިއްލަ މިލްކެއްގެ ގޮތުގައި އެހާ ގާތުގައި އޮތްނަމަވެސް އެދެމެދުގައި އެތައްމޭލެއްގެ ދުރުމިން ވާފަދައެވެ. އެ ދުރުމިން ދުވަހަކުވެސް ނެތިގެން ހިނގައިދާނެބާއޭ އޭނާގެ ހިތަށްއެރިއެވެ.
އާއިން ޝައުންގެ ކޮޓަރިއަށް ދިޔައީއްސުރެ ފަރަހަނާޒްގެ ހިތްނުތަނަވަސްވަމުން ދިޔައެވެ. އޭނާއަށް މިހެދުނީ ގޯހެކޭ ހިތަށްއަރައި އަމިއްލަ މޮޔަކަމަށްޓަކައި އޭނާގެ އަމިއްލަ ނަފްސަށް މަލާމާތްކުރެވުނެވެ.
" އާން އަނެއްކާ ޝައުންއާއެކު ނިދީތަ؟…ނޫން އާން ނުނިދާނެ.." ފަރަހަނާޒް އާއިންއާމެދު ރަނގަޅަށް ވިސްނުމަށް މަސައްކަތްކުރިއެވެ. ނަމަވެސް އޭނާގެ ހިތަށް ތަފާތު ވަސްވާސްތައް ވެރިވަމުން ދިޔައެވެ. ޒުވާންކަމުގެ ހޫނުލޭ ހިނގާ އަންހެނަކާއި ފިރިހެނަކު މިފަދަ ފިނި ރެއެއްގައި ހިމޭންކަމާއެކު އެއްކޮޓަރީގައި އަމުދުން ދެމަފިރިންގެ ގޮތުގައި ކަމެއްނުކޮށް ތިބެފާނެ ހެއްޔެވެ؟ އެމީހުންނަށް އެކަމުގެ ފުރިހަމަ ހައްޤާއި އިޚްތިޔާރު ލިބިގެންވީހިނދު އެދެމެދުގައި ހުރަހެއްލައިގެން އަޅާވެސްނުލައި ތިބެފާނެ ހެއްޔެވެ؟ ނޫނެކެވެ. އެހެން އެކަމެއްނުވާނެއެވެ. ކޮންމެ މަޤުސަދެއްގައި ނަމަވެސް އެމީހުން އެތިބީ ކައިވެނި ކޮށްގެންނެވެ. ކޮންމެ ގޮތަކަށް ބެލިނަމަވެސް އެއީ ހަލާލު ދެމަފިރިންނެވެ. ވީއިރު އެމީހުން ކުރަން ބޭނުން ކޮންމެކަމެއް ކުރުމުގެ ފުރިހަމަ އިޚްތިޔާރު ލިބިގެންވެއެވެ. އެމީހުން ބޭނުން ކޮންމެ އިމެއް ހުރަސްކުރަންވީއެވެ. އެކަމުގައި އެމީހުން ކުށްވެރިވާނެ އެއްވެސް ގޮތެއްނެތެވެ. މީހަކަށް އެއްޗެއް ބުނެވޭނެ އެއްވެސް މަގެއްނެތެވެ. ވީއިރު، ހަމައެކަނި ފަރަހަނާޒަށްޓަކައި އެމީހުން، އެމީހުންގެ ނަފްސުތައް ކޮންޓްރޯލްކޮށްގެން ތިބެފާނެ ހެއްޔެވެ؟ ނޫނެކެވެ. ނުތިބޭނެއެވެ. ނުވެސް ތިބެވޭނެއެވެ. އޭނާދެކެ އާއިން ކިތަންމެ ލޯބިވީނަމަވެސް އާއިންއަކީވެސް ފިރިހެނެކެވެ. ޝައުންފަދަ ޒުވާން އަމުދުން އާކުއްޖަކާއި ގާތްނުވެ ނުހުރެވޭނެއެވެ. އޭނާއަށް މިކުރެވުނީ ކިހާމޮޔަ ކަމެއް ހެއްޔެވެ؟ ހިތުންރުހުމުން އޭނާގެ ފިރިމީހާ އެހެން އަންހެނެއްގެ އުނގުތެރެއަށް ފޮނުވުނީއެވެ. ފަރަހަނާޒް އޭނާގެ އަމިއްލަ ނަފްސު ކުށްވެރިކުރުމުގައި އެތައްއިރަކު އޮތެވެ.
މެންދަމުން އަލިވެ ތިނެއްޖެހިއިރުވެސް ވިދާ ގުގުރުމަކަށް ބަދަލެއްނާދެއެވެ. ގުގުރި ޖަހާލާ ކޮންމެ ފަހަރަކު ޝައުން އާއިންގެ އަތުގައި ބާރަށް ހިފަހައްޓާލައެވެ. އެހެންކަމުން ޝައުންއޮތީ އަދިވެސް ހޭލާކަން އާއިންއަށް އެނގުނެވެ.
" އާދެބަލަ! މާދުރުގަ އޮތީމައޭ ނުނިދިގެން ތިއުޅެނީ…" ޝައުންގެ އުނަގަނޑުގައި އަތްއަޅުވާލައި އާއިންގެ ގާތަށް ދަމާލަމުން އާއިން ބުނެލިއެވެ. އެވަގުތު ލިބުނު ސިހުމުން ޝައުންއަށް ދެލޯބޮޑުކޮށްލެވުނެވެ.
" ބިރު ނުގަނެބަލަ! އަހަރެން ނޫޅެމޭ ކަމެއްކުރާކަށް…ރީތިކޮށް ބަސްއަހައިގެން އޮވެބަލަ!…" އާއިންގެ ގަޔާލައި ޝައުން ފިއްތާލަމުން މަޑުމަޑުން އާއިން ބުނެލިއެވެ. އާއިންގެ ހަށިގަނޑުގެ ހޫނު އިހުސާސްކުރެވުމުން ޝައުންގެ ހިތުގެ ވިންދު އަވަސްވެގެން ދިޔައެވެ.
" ލޯމަރާބަލަ! އޭރުންނެއްނު ނިދޭނީ…" ޝައުން ކަންބޮޑުވެފައި އޮތުމުން ހިނިތުންވެލަމުން އާއިން ބުނެލިއެވެ. ޝައުން އަވަސް އަވަހަށް ދެލޯމަރާލިއެވެ. އެހެނަސް އޭނާގެ ހިތުގެ ތެޅުމަށް ބަދަލެއްނައެވެ. އާއިން ބޭނުންވަނީ އޭނާ އެގޮތުގައި ތަޅުވަންބާއޭ ޝައުންގެ ހިތަށްއެރިއެވެ. އާއިން ޝައުންގެ ބުރަކަށީގައި ފިރުމަންފެށުމުން ޝައުންގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ނަމަވެސް ވިދާގުގުރުމުގެ ސަބަބުން ހިތަށް ލިބިފައިވާ ބިރުވެރިކަން މަޑުމަޑުން ފިލަމުން ދިޔައެވެ. ދެން އޭނާގެ ހިތުގައި ހިނގާލީ އެހެންކަމެއްގެ ބިރުވެރިކަމެވެ. އާއިންގެ އަތުތެރެއަށް އޭނާގެ ނަފްސު ވިރިގެން ހިނގައިދާނެ ކަމުގެ ބިރުވެރިކަމެވެ. އެހެންވެއްޖެނަމަ ދެން އޭނާ ހަދާނީ ކިހިނެއް ހެއްޔެވެ؟ އާއިންގެ އަތުގެ ބީހިލުންތައް އޭނާގެ ޖިސްމުގައި ހަލަބޮލިކަމެއް އުފައްދަނީއެވެ. ނިންޖަށް ބަލިވެފައިވާ އޭނާގެ ދެލޯވެސް އެހެން ޖަޒްބާތަކުން މަސްތުކުރުވަނީއެވެ. އާއިންގެ ގައިން ދުވަމުންދިޔަ މީރުވަހުގެ ސަބަބުން އޭނާގެ ސިކުނޑިވެސް މަސްތުކުރުވައިފިއެވެ. ކުރީފަހަރު ހެދުނުފަދަ ގޯހެއް އޭނާގެ އަތުންފައިން ނުހެދެނީސް އެޖަޒްބާތުތައް ކޮންޓްރޯލްކުރަން އޭނާބޭނުންވިއެވެ. އެހެންކަމުން އޭނާ ކުއްލިއަކަށް ތެދުވިއެވެ.
" ކިހިނެއްވީ؟…" އާއިން ސިހިފައި ލޯހުޅުވާލަމުން އެހިއެވެ.
" ފާޚާނާއަށް…" ޝައުން އެހެން ބުނުމަށްފަހު އަވަސް އަވަހަށް އެނދުން ފުންމާލައިގެން ގޮސް ފާޚާނާއަށްވަދެ ދޮރުލެއްޕިއެވެ. ޝައުންގެ ހަރަކާތްތައްހުރި ގޮތުން އާއިންގެ ގާތަށް ހިނިވެސްއައެވެ. ފާޚާނާގެ ދޮރުގައި ލެނގިލައިގެންހުރެ ޝައުން ފުންކޮށް ނޭވާލައި އޭނާގެ ހިތްހަމައަކަށް އެޅުވޭތޯ މަސައްކަތްކުރަމުން ދިޔައެވެ.
" އާން…ކީއްވެތަ އެގޮތަށް ކަންތައް އެކުރަނީ؟…ކީއްވެތަ އަހަރެންނާ އެހާ ގާތްވަނީ؟…އާންއަށް ނޭނގެނީތަ އާތްގާތްވީމަ އަހަރެންނަށް ވާގޮތް؟…ނޫނީ ހަމަ ގަސްތުގަ އެނގިހުރެ އެގޮތަށް ކަންތައްކުރަނީތަ؟…" ޝައުން ހިތާހިތާ ސުވާލުތައް ކުރަމުން ދިޔައެވެ.
އާއިން ފާޚާނާގެ ދޮރަށް ނަޒަރުހުއްޓާލައިގެން ޝައުންގެ އިންތިޒާރުގައި އޮތެވެ. ޝައުން ހަމަކުއްލިއަކަށް ދުވެގޮސް ފާޚާނާއަށްވަނީތީ އޭނާގެ ހިތުގައި ސުވާލު އުފެދިއްޖެއެވެ. ޝައުން ހަޤީޤަތުގައިވެސް އެދިޔައީ ފާޚާނާއަށް ދާންޖެހިގެން ހެއްޔެވެ؟ ނޫނީ އޭނާއާ ދުރަށްދިއުމުގެ ބޭނުމުގައި ހެއްޔެވެ؟ ޝައުން އެހާބިރުގަންނަނީ ކޮންކަމަކާ ހެއްޔެވެ؟ ޝައުން އޭނާއަށް އިތުބާރު ނުކުރަނީ ހެއްޔެވެ؟ ނޫންނަމަ އަމިއްލަ ނަފްސުގެ މައްޗަށް އިތުބާރެއް ނެތީ ހެއްޔެވެ؟ އަދިވެސް އޭނާދެކެ ޝައުން އެހާބޮޑަށް ލޯބިވޭ ހެއްޔެވެ؟ އޭނާގެ ކުޑަކުޑަ ބީހިލުމަކުންވެސް އެހިތަށް އެހާބޮޑު އަސަރެއް ކުރޭ ހެއްޔެވެ؟ އާއިން އެގޮތުގައި ވިސްނަން އޮއްވައި ޝައުން ފާޚާނާއިން ނުކުތެވެ.
" އަހަރެން ހީކުރީ ފާޚާނާގަ ނިދީކަމަށް…." ޝައުން އައިސް އެނދުގައި އިށީނުމުން ހީލާފައި އާއިން ބުނެލިއެވެ.
" އާން..ދެންދާންވީނު އެކޮޓަރިއަށް….މިހާރު ވާރޭވެސް ތުނިކޮށްލައިފި…." ޖެހިލުންވެ އިނދެ ޝައުން ބުނެލިއެވެ.
" އެކަމު އަހަރެންނަށް އަދިވެސް އެބައިވޭ ބޯކޮށް ވާރޭވެހޭއަޑު….އަދި ގުގުރާއަޑުވެސް އެބައިވޭ….ޝައުންއަކަށް ނީވޭތަ؟…" ލާނެއްގޮތަކަށް ހީލާފައި ޝައުންއާ ދިމާބަލާލަމުން އާއިން ބުނެލިއެވެ. އާއިންގެ އެހީލުމުގެ ސަބަބުން ހިނދުކޮޅަކަށް ގަނޑުވެފައި ޝައުންއަށް އިނދެވުނެވެ.
" ދާންވީތަ ހަމަ؟…ކީއްވެތަ އެހާވަރަކުން އަހަރެން ފޮނުވާލަން ތިއުޅެނީ؟…އަހަރެންނަށް އެނގޭ އަހަރެން ގޮސްފިނަމަ ޝައުން އޮންނާނީ ހޭލާކަން….އޭރުން މާދަމާ ހުންނާނީ މޫޑީވެފަ…" ސީރިއަސްރާގެގައި އާއިން ބުނެލިއެވެ.
" އާން ހުއްޓަސް އަހަރެންނަކަށް ނުނިދެއެއްނު…" ތުންއޫކޮށްލަމުން ކުޑަކުއްޖަކު ފަދައިން ޝައުން ބުނެލިއެވެ.
" ކީއްވެ އަހަރެންހުރީމަ ނުނިދެނީ؟….އަހަރެން ކަމެއްކޮށްފާނެތީ ބިރުގަންނަނީތަ؟…ތިހެން އުޅެންޏާ ހަމަ ހަޤީޤަތުގަވެސް ކަމެއްކުރާނީ…" ޝައުންގެ އަތުގައި ހިފާ އާއިންގެ ގާތަށް ދަމާލަމުން ބުންޏެވެ. އެއާއެކު ޝައުން ސިހިފައި އޭނާގެ އަތްދަމައި ގަންނަން މަސައްކަތްކުރިއެވެ.
" ހާދަވަރެއްވެސް ނެތް ކުއްޖެކޭ….ހަމައެކަނި އިސްކޮޅުން ބޮޑީ…އެއްވެސްބާރެއްނެތްދޯ.." އާއިން ޝައުންއާ ދިމާކޮށްލުމުން އޭނާ ރަކިވިއެވެ.
" އާން….ސަކަރާތްނުޖަހާ ދޫކުރޭ!…" އާއިންގެ އަތްދަށުން ސަލާމަތްނުވޭނެހެން ހީވުމުން ނުރުހިފައި ބުންޏެވެ.
" ދޫނުކޮށްފިއްޔާ ކީއްކުރާނީ؟…" ހިނިއައިސްފައި އިނދެ އާއިން އަހާލީ ޝައުން އިތުރަށް ރުޅިއަރުވާލުމަށެވެ. އާއިންގެ މޫނުގައިވި ލާނެތްކަން ނިދާބޮކީގެ ފަނޑުއަލީގެ ތެރެއިންވެސް ފާޅުވަމުން ދިޔައެވެ. ޝައުން ދޭނެ ޖަވާބެއް ނޭނގިފައި ހައިރާންކަމާއެކު ބަލަން އިންދައި، އާއިން ޖެހިލަތްކަކާއެކު ޝައުންއޮތީ އާއިންގެ އަތުތެރޭގައެވެ. ޝައުން ސަލާމަތްވާނެ ފުރުސަތުނުދީ އަވަސް ހަރަކާތަކާއެކު ޝައުންގެ ގައިގާ ދެއަތުން ވަށާލައި ރަނގަޅަށް އޭނާގެ އަތުތެރޭގައި ހައްޔަރުކޮށްލިއެވެ.
ދެލޯމަރައިގެން އެތައްއިރަކު އޮތުމުންވެސް ފަރަހަނާޒްގެ ލޮލަކަށް ނިންޖެއްނައެވެ. އާއިން ޝައުންއާއެކުގައި ވާހައި ހިނދަކު އޭނާއަކަށް ނުނިދޭނެއެވެ. އޭނާގެ ސިކުނޑީގެ ސްކްރީންއަށް އާއިންއާއި ޝައުންގެ ގައިގޯޅި މަންޒަރުތައް ސިފަވަނީއެވެ. އެދެމެދުގައި ހިނގާފާނެހައި ކަމަކާމެދު އޭނާއަށް ވިސްނެނީއެވެ. އެމަންޒަރުތައް ސިފަވިވަރަކަށް އޭނާގެ ހިތަށް ތަކުލީފު ލިބެމުން ދިޔައެވެ.
" އަސްތަޣްފިރުﷲ….ކީއްވެތަ މިފަދަ ނުބައި ވިސްނުމެއް މިވިސްނެނީ؟…ކީއްވެތަ އަހަރެންގެ ފިރިމީހާއަށް އިތުބާރު ނުކުރެވެނީ؟…އޭނާ އަހަރެންނަށް އޮޅުވާލަނީއޭ ހިތަށްއަރަނީ ކީއްވެތަ؟…އަހަރެންގެ ހިތަށް މިހާބޮޑަށް ތަދުމިވަނީ ކީއްވެތަ؟…" ފަރަހަނާޒް ހިތާ ހިތާ ވިސްނަމުން ދިޔައެވެ. އެންމެފަހުން ކެތްނުކުރެވިގެން އޭނާ ކޮޓަރިން ނުކުތެވެ. ބަނޑުހައިވެފައި ހުރުމާއެކު އޭނާ ގަސްތުކުރީ ކޮފީއެއް ބޯލުމަށެވެ. ޝައުންގެ ކޮޓަރި ހުރަސްކޮށް ކާކޮޓަރިއަށް ދަމުން އޭނާއަށް އިޚްތިޔާރަކާ ނުލައި ހުއްޓިލެވުނެވެ. މިދޮރުގެ އެތެރޭގައި ހިނގަނީ ކޮންފަދަ ކަމެއްބާއޭ އޭނާގެ ހިތަށްއެރިއެވެ. ދޮރުންބޭރުގައި ހުރެގެން އެތެރެ ފެންނަ ކަހަލަ ބާރެއް އޭނާއަށް ލިބިފައިވާނަމައޭ އެވަގުތު އޭނާގެ ހިތަށްއެރިއެވެ. އެހެންނަމަ އޭނާގެ ހިތުގައިވާ ޝައްކުތަކާއި ވަސްވާސްތަކަކީ ބޭކާރު އެއްޗެއްކަން ނުވަތަ ނޫންކަން އޭނާއަށް އެނގުނީހެވެ. އެއްވެސް ބިރެއްނެތި ހަމަޖެހިލައިގެން އޭނާއަށް ނިދާލެވުނީހެވެ.
ނުނިމޭ