Last Updated: April 20, 09:23
Saturday, April 20, 2024
ޚަބަރު

"ސާރޭގާމާޕާ ލިޓްލް ޗޭމްޕްސް 2019" ސުގަންދާ ކާމިޔާބު ކޮށްފި

ޒީޓީވީއިން ދެއްކި "ސާރޭގާމާޕާ ލިޓްލް ޗޭމްޕްސް 2019" ލަވަ މުބާރާތް ނާގްޕޫރުގެ 14 އަހަރުގެ ސުގަންދާ ދާތޭ ކާމިޔާބު ކޮށްފިއެވެ.

ސުގަންދާ މި މުބާރާތް ކާމިޔާބު ކޮށްފައިވަނީ އޭނާގެ އިތުރުން ގަދަ 6 ގައި ވާދަކުރި ޕްރީތަމް އާޗާރްޔާ، މުހައްމަދު ފެއިޒް، އަނުޝްކާ ޕަތްރާ، އާޔުޝް ކޭ.ސީ، އާސްތާ ދާސް، ގައި ވާދަކޮށެވެ. މި މުބާރާތް ކާމިޔާބު ކުރުމުން ސުގަންދާއަށް ވަނީ މުބާރާތުގެ ވާދައިގެ ޓްރޮފީގެ އިިތުރުން 5 ލައްކަ އިންޑިއަން ރުޕީސް ލިބިފައެވެ. މި މުބާރާތުގެ ދެވަނަ ލިބިފައިވަނީ މުހައްމަދު ފެއިޒް އަށެވެ. އަދި 3 ވަނަ ހާސިލްކޮށްފައިވަނީ ޕްރީތަމް އާޗާރްޔާއެވެ. މި ދެބައިވެރިންނަށްވެސް ވަނީ ޓްރޮފީގެ އިތުރުން ކޮންމެ ކުއްޖަކަށް 1 ލައްކަ އިންޑިއަން ރުޕީސް އިނާމެއްގެ ގޮތުގައި ލިބިފައެވެ.

މުބާރާތުގައި ބައިވެރިވި އެންމެ އުމުރުން ހަނގު ކުއްޖާ ކަމަށްވާ 5 އަހަރުގެ ސުވަރާންޝް ތިވާރީއަށް ވެސް ވަނީ ހާއްސަ އިނާމެއްގެ ގޮތުގައި އެއްލައްކަ އިންޑިއަން ރުޕީސް ދީފައެވެ.

މުބާރާތް ފެށުނީއްސުރެ ސުގަންދާގެ ފަރާތުން ފެނިފައިވަނީ ތަފާތު ހުށަހެޅުންތަކެކެވެ. ކޮންމެ ދުވަހެއްގެ ހުށަހެޅުން ވެސް ވެގެންދިޔައީ ތައުރީފް އޮހޭ ހުށަހެޅުމަކަށެވެ.

މި މުބާރާތުގެ ފަނޑިޔާރުކަން ކޮށްދީފައިވަނީ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ އަމާލް މާލިކް، ރިޗާ ޝަރްމާ އަދި ޝާންއެވެ. މި މުބާރާތް ހުށަހަޅާދީފައިވަނީ ރަވީ ދޫބޭއެވެ.