Last Updated: March 29, 11:09
Friday, March 29, 2024
ޚަބަރު

ރާއްޖޭގައި މިހާރު މިއޮތީ އާއިލީ ވެރިކަމެއް: ޖާބިރު

އަބްދުﷲ ޖާބިރު - ފޮޓޯ: ރައީސް އޮފީސް

ވެރިކަމުގައި އާއިލީ ވެރިކަމެއް އޮތް ފަދައިން މަޖިލީހުގައި ވެސް އޮތީ އާއިލީ ވެރިކަމެއް ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު މިހެން ވިދާޅުވިއިރު މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ޓްރެފިކް ކުރުމާގުޅޭ ކަންކަން ވިލަރެސްކުރާ ކޮމިޓީއަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދުގެ ނަންވަނީ ހުށަހަޅާފައެވެ.

ޖީހާންއަކީ ރައީސް އިބްރާހީމް މުޙައްމަދު ޞޯލިހުގެ އާއިލާއަށް ނިސްބަތްވާ ބޭފުޅެކެވެ.

އެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ޖާބިރު ވިދާޅުވީ މީހުން ޓްރެފިކް ކުރުމުގެ މައްސަލައަކީ ގައުމަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު މައްސަލައެއްކަމަށާއި އެކަން ކުރިއަށްދަނީ ސަރުކާރުތަކުގެ ބައިވެރިވުން ވެސް އޮވެގެން ކަމަށެވެ.

ނަމަވެސް މިހާރު ރާއްޖޭގައި މިއޮތީ އާއިލީ ވެރިކަމެއް ކަމަށާއި، މަޖިލީހުގައި ވެސް ހަމަ އަދި ކޮމިޓީތަކަށް މީހުން ކަނޑައެޅުމުގައިވެސް ފެނިގެންދަނީ އާއިލީ މީހުން އިސްކުރައްވާތަން ކަމުގައެވެ. އަދި މިކަމުގެ ސަބަބުން ސަރުކާރު ޖަވާބުދާރީ ކުރަން މަޖިލީހުގައި ގިނަ ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށާއި، އެކަން އެގޮތަށް ނުކުރެވެންޏާ މަޖިލީހުގައި އެހެން ބަޔަކު ތިބުމުގެ ބޭނުމެއް ވެސް ނެތް ކަމަށް ޖާބިރު ވިދާޅުވިއެވެ.

"މިހާރު ރާއްޖޭގައި މިއޮތީ އާއިލާ ވެރިކަމެއް. މަޖިލީހުގައި ވެސް ހަމަ އެކަން ފެނިގެން މިދަނީ" ޖާބިރު ވިދާޅުވިއެވެ.

ޖާބިރުގެ ވާހަކަތަކަށް ރައްދު ދެއްވަމުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު ވިދާޅުވީ، ޖީހާންގެ ނަން އެ ކޮމިޓީއަށް ހުށަހެޅީ ވަކި އާއިލާއަކަށް ނިސްބަތްވާތީ ނޫން ކަމަށާއި، މަޖިލީހުގައި ތިއްބެވި މެންބަރުންގެ އެ މަގާމަށް އެންމެ ގާބިލު މެންބަރުކަމަށް ވާތީ ކަމަށެވެ.

ޖީހާން އަކީ ހިއުމަން ރައިޓްސް ކޮމިޝަނުގެ މެމްބަރުކަން ވެސް މީގެކުރިން ކުރައްވާފައިވާ ފަރާތެކެވެ.