Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ޖޯން އަބްރަހަމް އަދި އިމްރާން ހާޝިމީ އެކުގައި ފިލްމަކަށް ތައްޔާރުވަނީ

ޖޯން އަބްރަހަމް އަދި އިމްރާން ހާޝިމީ އެކުގައި ފިލްމަކަށް ތައްޔާރުވާން ފަށައިފިއެވެ.

ފިލްމް އުފައްދާ ފަރާތެއް ކަމަށްވާ ސަންޖޭ ގުޕްތާ 80 އަދި 90ގެ އަހަރުތަކުގައި ހިނގާފައިވާ ބައެއް ހަގީގީ ހާދިސާތަކަށް އަމާޒުކޮށް ތައްޔާރުކުރާ ގޭންގްސްޓާރ ފިލްމަށް، ފިލްމްގެ ޕްރޮޑިއުސަރު ބުޝަން ކުމާރު ގެންނަން ހަމަޖައްސާފައިވާ ތަރިންނަކީ އިމްރާން ހާޝިމީ އަދި ޖޯން އަބްރަހަމް ކަމަށް ރިޕޯޓްތައް ބުނެއެވެ.

އަދި މިކަމާއި ގުޅޭ އެއްވެސް ރަސްމީ ސްޓޭޓްމަންޓެއް ނެރެފައިނުވި ނަމަވެސް ދާދި އަވަހަށް މި ހަބަރު އިއުލާން ކުރެވޭނެ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

ޕްލޭނާއި އެއްގޮތަށް މަސައްކަތް ކުރިޔަށް ގެންދެވޭނަމަ ކުރިޔަށް އޮތް ދެ މަސްދުވަސްތެރޭ ފިލްމްގެ މަސައްކަތް ފެށޭނެ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ޖޯން އަބްރަހަމް ވަނީ މީގެ ކުރިން 2013 ވަނަ އަހަރު ސަންޖޭގެ ފިލްމެއް ކަމަށްވާ "ޝޫޓްއައުޓް އެޓް ވަޑާލާ" ކުޅެފައެވެ. އެހެން ނަމަވެސް މިއީ އިމްރާން ހާޝިމީ ޖޯން އަދި ސަންޖޭ އާއެކު މަސައްކަތް ކުރާ ފުރަތަމަ ފަހަރެވެ.

2013 ވަނަ އަހަރުގެ ފިލްމަށްފަހު ސަންޖޭ މިފަދަ ފިލްމަކާއިއެކު އެނބުރި އައުމަށް 6 އަހަރު މިވަނީ ހޭދަވެފައެެވެ.