Last Updated: April 26, 11:19
Friday, April 26, 2024
ޚަބަރު

ފަތުރުވެރިކަމުގެ ދާއިރާގައި ތިމާވެއްޓާއި ގުޅުންހުރި ކަންކަމުގައި އިޙުމާލުވާ ފަރާތްތަކާއިމެދު ފިޔަވަޅު އަޅަނީ

ފަތުރުވެރިކަމުގެ ދާއިރާގައި ތިމާވެއްޓާއި ގުޅުންހުރި ކަންކަމުގައި އިޙުމާލުވާ ފަރާތްތަކާއިމެދު ފިޔަވަޅު އެޅުމަށް ޓޫރިޒަމް މިނިސްޓްރީއިން ނިންމައިފިއެވެ.

މިކަމާއި ގުޅިގެން ޓޫރިޒަމް މިނިސްޓްރީއިން 10 ޖޫން 2019 ވަނަ ދުވަހު ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކުން ތިމާވެއްޓާއިމެދު އިޙުމާލުވެ ދިވެހިޜާއްޖޭގެ ޤާނޫނުތަކާއި ޤަވާޢިދުތަކާއި ޚިލާފަށް އަމަލުކުރަމުންދާ ކަމުގެ ޝަކުވާ އެ މިނިސްޓްރީއަށް ލިބެމުންދާ ކަމަށެވެ. މިނިސްޓްރީއިން ވަނީ ފަތުރުވެރިން ބައިތިއްބާ އެންމެހައި ތަންތަނަށް ޤާނޫނުތަކާއި ޤަވާއިދުތަކާއި އެއްގޮތަށް އަމަލުކުރަން އަންގައި 2019 އޭޕްރީލް 16 އަދި މޭ 28ގައި ސަރކިއުލަރ ފޮނުވާފައި ކަމަށެވެ. ނަމަވެސް އަދިވެސް ބައެއް ފަރާތްތަކުން މިފަދަ ކަންކަމުގައި އިޙުމާލުވާތި މިކަމާއިމެދު ފިޔަވަޅު އެޅުމަށް އެ މިނިސްޓްރީން ނިންމާފައިވާ ކަމަށް އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ފަތުރުވެރިކަމުގެ ބޭނުންތަކަށް ދޫކޮށްފައިވާ ތަންތަނުގެ ގޮނޑުދޮށްތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަށާއި، ވެލިން މުއްސަނދިކުރުމަށް ވެލިނެގުމުގެ އުސޫލު އުވާލުމަށް ނިންމާފައިވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. އެއީ، ރިސޯޓްތަކުގެ ގޮނޑުދޮށް ރީތިކުރުމަށް އެ ރިސޯޓުގެ އިޙްތިޞާޞުން ބޭރުގައިވާ ފަޅުތަކުން ވެލިނެގުމަށް ހުއްދަ ދިނުމުގެ ގޮތުން 2017ގައި އެކުލަވާލެވިފައިވާ އުސޫލެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. ނަމަވެސް، ފަޅުތަކުގެ ތިމާވެއްޓަކީ ކަނޑުގެ ދިރުންތައް އާލާވުމަށް މުހިއްމު މާޙައުލެއް ކަމުން ފަޅުތައް ހިމާޔަތް ކުރުމުގެ ގޮތުން އެ ފިޔަވަޅު މުހިއްމު ވެގެންދާނެ ކަމަށް މިނިސްޓްރީއިން ދެކިވަޑައިގަންނަވާ ކަމަށް ވެސް ބުނެފައިވެއެވެ.

ތިމާވެއްޓާއި ގުޅުންހުރި ކަންކަމަށް އިސްކަންދީގެން ގައުމު ތަރައްޤީ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙްގެ ސަރުކާރުގެ މައިގަނޑު އެއް ފަލްސަފާ ކަމުގައި ވުމުން އެފަދަ ކަންކަމުގައި މިނިސްޓްރީއިން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅާނެކަމުގެ ޔަގީންކަން އެންމެހާ ރައްޔިތުންނަށް އަރުވާ ކަމަށްވެސް މިނިސްޓްރީން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވެއެވެ.