Last Updated: April 24, 19:12
Wednesday, April 24, 2024
ކުޅިވަރު

ސްވިޑެން ބަލިކޮށް ސްޕެއިން އެއްވަނައިގައި ހަމަޖެހިލައިފި

އަންނަ އަހަރު އޮންނަ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކޮލިފިކޭޝަންގައި ރޭ ސްވިޑެންގެ މައްޗަށް 3-0 އިން ކުރި ހޯދާ ސްޕެއިން އިން ގްރޫޕްގެ އެއްވަނައިގައި ހަމަޖެހިލައިފިއެވެ.

މި މޮޅާއެކު ގްރޫޕް އެފްގެ އެއްވަނައިގައި ސްޕެއިން މިހާރު އޮތީ 12 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި އޮތް ރުމޭނިޔާ އަދި ތިންވަނައިގައި އޮތް ސްވިޑެން އަށް ހަތް ޕޮއިންޓު ލިބޭއިރު، ރުމޭނިޔާ އަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. ރުމޭނިޔާ އިން ރޭ ވަނީ މަލްޓާގެ މައްޗަށް 4-0 އިން ކުރި ހޯދާފައެވެ.

ސްޕެއިންގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވާއިރު މެޗުގެ 64 ވަނަ މިނެޓްގައި ސްޕެއިން އިން ވަނީ ލީޑު ނަގާފައެވެ. ސްޕެއިން އަށް ލިބުނު ޕެނަލްޓީ އަކުން މި ގޯލު ކާމިޔާބުކޮށްދިނީ ކެޕްޓަން ސާޖިއޯ ރާމޯސްއެވެ.

ސްޕެއިންގެ ދެވަނަ ގޯލަކީ ވެސް އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ގޯލެކެވެ. އެގޮތުން މެޗުގެ 85 ވަނަ މިނެޓްގައި މި ޕެނަލްޓީ ކާމިޔާބުކޮށްދީ ސްޕެއިންގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ އަލްވަރޯ މޮރާޓާއެވެ. ސްޕެއިންގެ ފަހު ގޯލު އޭގެ ދެ މިނެޓްފަހުން ކާމިޔާބުކޮށްދިނީ އޮޔާޒަބާލްއެވެ. މިއީ އޭނާ ގައުމީ ޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ގޯލުވެސް މެއެވެ.

ކޮލިފިކޭޝަންގައި ސްޕެއިން އިން މިހާތަނަށް ހަތަރު މެޗު ކުޅެފައިވާއިރު، އެ ހަތަރު މެޗުން ވެސް އެޓީމު ވަނީ މޮޅުވެފައެވެ. ކޮލިފިކޭޝަންގައި ސްޕެއިން ދެން ބައްދަލުކުރާނީ ރޮމޭނިޔާއާއެވެ.