Last Updated: April 20, 07:18
Saturday, April 20, 2024
ޚަބަރު

ހިންގަން ނޭނގޭ ބަޔަކު ވެރިކަމާ ހަވާލުވުމުގެ ނަތީޖާ އެބަފެނޭ: ނިހާނު

އަހްމަދު ނިހާން - ފޮޓޯ: ސަން

ގައުމުގެ އިގްތިސާދު ކުރިއަށް ގެންދަން ނުދަންނަ ބަޔަކު ވެރިކަމާ ހަވާލު ވުމުން ވާނެގޮތް ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިހްގެ ސަރުކާރަށް ވަމުންދާކަމަށް ޕީއެންސީގެ ނައިބު ރައީސް އަހްމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެއެވެ.

ނިހާން މިހެން ވިދާޅުވެފައިވަނީ ރާއްޖޭގެ އިގްތިސާދީ ދުވެލި ކުރިއަށްއޮތް ތިން އަހަރު ދަށަށް ދާނެކަމަށް ވޯލްޑް ބޭންކުން ލަފާކޮށްފައިވަނިކޮށެވެ.

ނިހާނު ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ، ގައުމުގެ އިގްތިސާދު ކުރިއަށް ގެންދަން ނުދަންނަ ބަޔަކާ ހަވާލު ކުރުމުން ވާނީ މިހެން ކަމަށެވެ.

ވޯލްޑް ބޭންކުން ރާއްޖޭގެ އިގްތިސާދީ ދުވެލި ދަށްވާނެ ކަމަށް ލަފާކޮށްފައި ވަނީ ކުރިއަށް އޮތް ތިން އަހަރުގައި ރާއްޖޭގައި އިންވެސްޓްމެންޓްތައް ކުރިއަށްދާނެ މިންވަރަށް ބެލުމަށްފަހުގައެވެ. ވޯލްޑް ބޭންކުން ބުނާ ގޮތުގައި ސައުތު އޭޝީޔާއަކީ މުޅި ދުނިޔޭގައި ވެސް އެންމެ ބޮޑަށް ކުރިއަރަމުން އަންނަ އިގްތިސާދުތައް ހިމެނޭ ސަރަހައްދު ކަމަށެވެ. މި ކުރިއެރުން ހިފެހެއްޓުމަށްޓަކައި އެކްސްޕޯޓް ކުރާ މިންވަރު ހުރިހާ ގައުމަކުން ވެސް އިތުރުކުރަންޖެހޭ ކަމަށް އެ ބޭންކުން ބުނެއެވެ.

ސައުތު އޭޝިޔާގެ އިގްތިސާދީ ކުރިއެރުމާ ގުޅޭ ގޮތުން ވޯލްޑް ބޭންކުން ހަމާކޮށްފައިވާ ގޮތުން މި އަހަރު ރާއްޖޭގެ އިގްތިސާދީ ދުވެލި ހުންނާނީ 5.7 ޕަސެންޓްގައިކަމަށެވެ. އަންނަ އަހަރު އިގްތިސާދީ ދުވެލި 5.2 ޕަސެންޓަށް އަރާނެ ކަމަށް އަންދާޒާކޮށްފައިވާ އިރު 2021 ވަނަ އަހަރު އިގްތިސާދީ ދުވެލި 5.3 ޕަސެންޓަށް އަރާނެ ކަމަށް ލަފާކޮށްފައިވެއެވެ. ނަމަވެސް މިދިޔަ އަހަރު ރާއްޖޭގެ އިގްތިސާދީ ދުވެލި ހުރީ 6.1 ޕަސެންޓްގައެވެ.
އެހެންކަމުން ކުރިއަށްއޮތް ތިން އަހަރު ރާއްޖޭގެ އިގްތިސާދަށް ބަލާއިރު 2018 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދު ރަގަޅުކަމަށް ވޯލްޑް ބޭނުގެ ތަފާސް ހިސާބުންތަކުން ދައްކައެވެ.