Last Updated: April 26, 17:02
Friday, April 26, 2024
ކުޅިވަރު

ބަރާބަރު މީހަކަށް ވުމަށް އިސްލާމްދީން އެހީވި: ޕޮގްބާ

ބަރާބަރު މީހަކަށްވުމަށް އިސްލާމްދީން އެހީވި ކަމަށް މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ފްރާންސްގެ މިޑްފީލްޑަރު ޕޯލް ޕޮގްބާ ބުނެފިއެވެ.

ޕޮގްބާގެ މަންމަ އަކީ މުސްލިމެއް ކަމަށްވީ ނަމަވެސް އޭނާގެ ތިން ދަރިން ބޮޑުކޮށްފައިވަނީ މުސްލިމުންގެ ގޮތުގައެއް ނޫނެވެ. ނަމަވެސް ވަރަށް ކުޑައިރު ޕޮގްބާ ވަނީ އިސްލާމްދީން އިހުތިޔާރުކޮށް ދީނުގެ ވާޖިބުތައް އަދާކުރަން ފަށާފައެވެ.

ދާދިފަހުން އުމްރާގެ އަޅުކަން އަދާކުރުމަށް ޕޮގްބާ މައްކާ އަށް ވެސް ގޮސްފައިވާއިރު "ލައިފް ޓައިމްސް ޕޮޑްކާސްޓް" އަށް ދިން އިންޓަވިއުއެއްގައި ޕޮގްބާ ބުނީ އިސްލާމްދީނުގެ ސަބަބުން އޭނާ އަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށާއި އެގޮތުން މި ހަޔާތުގެ މުހިއްމުކަން ވެސް އެނގިގެންދިޔަ ކަމަށެވެ.

"ވަރަށް ގިނަ ކަންކަމަށް އަހަރެންގެ ލޯ ހުޅުވާލައިދިން ދީނެއް އެއީ. އެއީ ބަރާބަރު މީހަކަށް ވުމަށް ވެސް ލިބުނު އެހީއެއް. މި ހަޔާތަށް ވުރެ ބޮޑަށް އަންނަން އޮތް ހަޔާތާ މެދު ވިސްނޭ. މި ހަޔާތަކީ މިއީ އިމްތިހާނެއް" ޕޮގްބާ ބުންޏެވެ.

ޕޮގްބާ ބުނީ ކުޑައިރު އޭނާއާއެކު ގިނައިން އުޅުނީ މުސްލިމް ރަހުމަތްތެރިން ކަމަށާއި އެމީހުންނާއެކު އުޅުމުން ވަރަށް ގިނަ ކަންކަމާމެދު ސުވާލު އުފެދި އެ ކަންކަމުގެ ހަގީގަތް ހޯދަން ބޭނުންވި ކަމަށެވެ.

"އަމިއްލަ ނަފްސާއި ވަރަށް ގިނަ ކަންކަމާ މެދު އަހަރެން ދިޔައީ ސުވާލު ކުރަމުން. ދެން އަހަރެން އަމިއްލަ އަށް އެ ކަންކަމާ ގުޅޭ ހޯދުންތައް ދިޔައީ ހޯދަމުން. އެގޮތުން އެއް ފަހަރު ރައްޓެހިންނާއެކު ނަމާދަށް އެރިން. ތަފާތު ކަމެއް އަހަންނަށް ފާހަގަކުރެވުނު. ވަރަށް ބަރާބަރު އިހުސާސެއް ކުރެވުނު" ޕޮގްބާ ބުންޏެވެ.

އެ ދުވަހުން ފެށިގެން އިސްލާމްދީނާއި ގުޅޭ ތަފާތު އެކި ވާޖިބުތައް އަދާކުރަމުންދިޔަ ކަމަށާއި އިސްލާމްދީނަކީ އެކަކު އަނެކަކަށް އިހުތިރާމް ކުރުމުގެ ދީންކަން ވެސް ޕޮގްބާ ފާހަގަކުރިއެވެ. އަދި އިސްލާމްދީނަކީ ޓެރަރިޒަމާ ގުޅުމެއް އޮތް ދީނެއް ނޫން ކަމަށާއި މިއީ އެއަށްވުރެ މާ ފުރިހަމަ ދީނެއްކަން ވެސް އޭނާ ފާހަގަކުރިއެވެ.