Last Updated: April 26, 10:52
Friday, April 26, 2024
ޚަބަރު

އަފްރާޝީމް އާއި ރިލްވާންގެ މައްސަލާގައި އަދީބާ ސުވާލުކޮށްފި

އަހުމަދު އަދީބު

މަރުގެ މައްސަލަތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ބަލާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހާޒިރުކޮށް ބަޔާން ނަގައިފިއެވެ.

އެ ކޮމިޝަނުން މިރޭ ކުރި ޓްވީޓެއްގައި ބުނީ އަދީބު ހާޒިރުކޮށް ސުވާލުކޮށްފައިވަނީ އަނިޔާވެރި ގޮތަކަށް އަވަހާރަކޮށްލާފައިވާ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު މަރުހޫމް ޑރ.އަފްރާޝީމް އަލީ އާއި ވީނުވީއެއް ނޭނގި ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލުވާނުގެ މައްސަލައާ ގުޅިގެން ކުރެވޭ ތުހުމަތުތަކާ ގުޅިގެން ކަމަށެވެ.

މަޝްހޫރު ދީނީ އިލްމުވެރިޔާ އަފްރާޝީމް އަލީ އަވަހާރަކޮށްލީ 2013 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ރޭ 1:30 ހާއިރު އޭނާ ދިރިއުޅުއްވި ގޭ، ހ. ފުންވިލުގެ ސިޑިގޮޅި ކައިރީގައެވެ. އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގައި ދައުލަތުން ދެމީހެއްގެ މައްޗަށް ދައުވާ ކުރި ނަމަވެސް އޭގެތެރެއިން ދައުވާ ސާބިތުވީ ހުސައިން ހުމާމްގެ މައްޗަށް އެކަންޏެވެ.

އުމުރުން 28 އަހަރުގެ ރިލްވާން ގެއްލިފައިވަނީ 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. ހުޅުމާލޭގައި ދިރިއުޅޭ ރިލްވާން 2014 ވަނަ އަހަރުގެ އޮގަސްޓު މަހުގެ މަހުގެ ހަތް ވަނަ ދުވަހުގެ ރޭ ދަންވަރު 12:45 އެހާއިރު، ހުޅުމާލޭ ފެރީ ޓާމިނަލުން ޓިކެޓު ގަނެގެން ފެރީއަށް އެރުމަށް ދާ މަންޒަރު މާލޭގައި ހަދާފައި ހުންނަ ހުޅުމާލެ ފެރީ ޓާމިނަލްގެ ސީސީޓީވީ މަންޒަރުތަކުން ވަނީ ފެނިފަ އެވެ. ނަމަވެސް އޭނާ އެރޭ ފެރީއަށް އެރި ކަމާއި އަދި އޭނާ ހުޅުމާލެއަށް ދިޔަކަން ޔަގީން ނުވާ ކަމަށް ފުލުހުން ބުނެ އެވެ. ރިލްވާން ފެނޭތޯ ރާއްޖޭގެ ހުރިހާ ރަށެއް ވެސް މިހާރު ބަލާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ރިލްވާންގެ މައްސަލައިގައި ބައެއްގެ މައްޗަށް ދައުވާ ކުރި ނަމަވެސް ކުށް ސާބިތުވެފައެއް ނުވެއެވެ.