Last Updated: April 27, 08:54
Saturday, April 27, 2024
ޚަބަރު

އަދީބުގެ މައްސަލާގައި ޖަލުތަކުގެ ވެރިޔާ މަޖިލީހަށް ހާޒިރުކުރަނީ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ފުރަން ހުއްދަ ދިން މައްސަލާގައި ކޮމިޝަނަރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު ރައްޔިތުންގެ މަޖިލިހަށް ހާޒިރު ކުރަން ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމްއެވެ. މި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަތުމަށް 56 މެމްބަރުން ވޯޓު ދެއްވިއެވެ. މަޖިލީހުގައި މިހާރު ކުރިއަށްދަނީ މި މައްސަލައިގައި ބަހުސް ކުރުމެވެ.

މި މައްސަލަ ހުށަހަޅުއްވަމުން މީކާއިލް ވިދާޅުވީ އަދީބު ރާއްޖެ އިން ބޭރަށް ގޮސް ފިލިޔަނުދޭން ކަރެކްޝަންސް އިން އަޅާފައިވަނީ ކޮން ފިޔަވަޅުތަކެއްތޯ ސާފުކުރުމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ހާޒިރުކޮށް ސުވާލުކުރަންޖެހޭ ކަމަށެވެ.

ކަރެކްޝަނަލް ސާވިސް އިން އަދީބަށް މި ހުއްދަ ދީފައިވާއިރު އެކި މައްސަލަތަކުގައި އޭނާއަށް އިއްވި 33 އަހަރުގެ ޖަލު ހުކުމްތައް މިހާރުވަނީ ބާތިލުވެފައެވެ.

އަދީބު މިހާރު ތަންފީޒު ކުރައްވަމުން ގެންދަވަނީ ކޯޓު ހުރުމަތް ކަނޑައިގެން އިއްވާފައިވާ 15 ދުވަހުގެ ޖަލު ހުކުމެކެވެ. އެ ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ ގޭ ބަންދުގައި ހުންނަވައިގެން ކަމަށްވާއިރު، އެ ހުކުމް މާދަމާގެ ނިޔަލަށް ތަންފީޒުކޮށް ނިމޭނެއެވެ.

ބޭސްފަރުވާ އަށް ދިޔުމުގެ ހުއްދަ އަށް އަދީބުގެ ފަރާތުން މީގެކުރިން އެދުނު ނަމަވެސް، ކުރީގެ ސަރުކާރުން ވަނީ އަދީބު ރާއްޖެ އިން ބޭރަށް ފޮނުވައިފިނަމަ ފިލާނެ ކަމަށް ތުހުމަތުކޮށްފައެވެ. އަދި އަދީބަށް ރާއްޖެ އިން ބޭރަށް ދެވޭނީ ދައުލަތުން ގެއްލުނު ހުރިހާ ފައިސާއެއް އަނބުރާ ދެއްކުމުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ ވިދާޅުވެފައެވެ.

ޖަލުގައި އޮންނަވަނިކޮށް ސިއްޙީ ހާލު ދެރަވެގެން މާލެ ގެނެސް އަދީބަށް އެތައް ފަހަރެއްގެ މަތިން މީގެކުރިން ވަނީ ފަރުވާ ދީފައެވެ.