Last Updated: March 29, 16:45
Friday, March 29, 2024
ޚަބަރު

އަދީބު ބޭރަށް ފޮނުވަނީ ފުލުހުންނާއި ކަރެކްޝަންސްގެ ބޭފުޅުންނާއެކު

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށްދާއިރު، ފުލުހުންނާއި ކަރެކްޝަންސްގެ ބޭފުޅުން ވެސް ދާނެކަން އަންގާފައިވާ ކަމަށް އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ވިދާޅުވެއްޖެ އެވެ.

އަދީބު ރާއްޖެ އިން ބޭރަށް ދިޔުމުގެ ހުއްދަ ކަރެކްޝަންސް އިން އިއްޔެ ދީފައިވާއިރު، ނަޝްވާ ވިދާޅުވީ ބޭސްފަރުވާ ކުރުމުގެ ހައްގަކީ އިންސާނީ ހައްގެއް ކަމަށާއި ޑޮކްޓަރުންގެ ލަފަޔަށް އިހުތިރާމު ކުރީތީ ކަމާ ގުޅޭ މުއައްސަސާ ތަކަށް ޝުކުރު އަދާކުރާ ކަމަށެވެ.

މި ދަތުރުުގައި އަދީބުގެ ލޮލަށް ބޭނުންވާ ފަރުވާގެ އިތުރުން ކުރިން ޑޮކްޓަރުން ލަފާ ދީފައިވާ ގޮތުގެ މަތީން ކެންސަރުގެ ޓެސްޓުތައް ވެސް ކުރެވޭނެ ކަމަށް ނަޝްވާ ވިދާޅުވިއެވެ. އަދި މި ދަތުރުގައި ފުލުހުންނާއި ކަރެކްޝަންސްގެ އޮފިސަރުން ވަޑައިގަންނަވާނެކަން އަންގާފައިވާ ކަމަށްވެސް ނަޝްވާ ވިދާޅުވިއެވެ.

ކަރެކްޝަނަލް ސާވިސް އިން އަދީބަށް މި ހުއްދަ ދީފައިވާއިރު އެކި މައްސަލަތަކުގައި އޭނާއަށް އިއްވި 33 އަހަރުގެ ޖަލު ހުކުމްތައް މިހާރުވަނީ ބާތިލުވެފައެވެ.

އަދީބު މިހާރު ތަންފީޒު ކުރައްވަމުން ގެންދަވަނީ ކޯޓު ހުރުމަތް ކަނޑައިގެން އިއްވާފައިވާ 15 ދުވަހުގެ ޖަލު ހުކުމެކެވެ. އެ ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ ގޭ ބަންދުގައި ހުންނަވައިގެންނެވެ.

ބޭސްފަރުވާ އަށް ދިޔުމުގެ ހުއްދަ އަށް އަދީބުގެ ފަރާތުން މީގެކުރިން އެދުނު ނަމަވެސް، ކުރީގެ ސަރުކާރުން ވަނީ އަދީބު ރާއްޖެ އިން ބޭރަށް ފޮނުވައިފިނަމަ ފިލާނެ ކަމަށް ތުހުމަތުކޮށްފައެވެ. އަދި އަދީބަށް ރާއްޖެ އިން ބޭރަށް ދެވޭނީ ދައުލަތުން ގެއްލުނު ހުރިހާ ފައިސާއެއް އަނބުރާ ދެއްކުމުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ ވިދާޅުވެފައެވެ.

ޖަލުގައި އޮންނަވަނިކޮށް ސިއްޙީ ހާލު ދެރަވެގެން މާލެ ގެނެސް އަދީބަށް އެތައް ފަހަރެއްގެ މަތިން މީގެކުރިން ވަނީ ފަރުވާ ދީފައެވެ.