Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

އަދީބުގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަންޖެހޭ: މެންބަރުން

މިއަދުގެ މަޖިލިސް ޖަލްސާގައި ޅ. އަތޮޅަށް ނިސްބަތްވާ މެންބަރުން މަޖިލީހުގެ ތަޅުމުގައި --- ފޮޓޯ / މަޖިލިސް

ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބު ކުއްލި ގޮތަކަށް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވާލުމުގެ ހުއްދަ ދިން މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަންޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ މެންބަރުން ވިދާޅުވެއްޖެއެވެ.

އަހްމަދު އަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވާލުމުގެ ހުއްދަ ދީފައިވާތީ އެކަމާއި ގުޅިގެން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު ނަސީމް މިއަދު މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވީ މި މައްސަލައަކީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށެވެ. އަދި ވިދާޅުވީ މި މައްސަލައަކީ ސީދާ ގައުމީ ސަލާމަތަށް ނުރައްކާ އޮތް މައްސަލައެއް ކަމަށެވެ. އެހެންކަމުން މަޖިލީހުގެ އެހެން މަސައްކަތްތަކަށްވުރެ ބޮޑަށް މި މައްސަލައަށް ސަމާލުކަން ދޭންޖެހޭ ކަމަށެވެ.

"އަދި މިކަމުގެ ސަބަބުން އެތައް ދުވަހަކު އަޅުގަނޑުމެން އިންތިޒާރު ކުރަމުންދިޔަ މަރާލާފައިވާ އެތައް ބައެއްގެ ތަހުގީގުތައް ކުރުމާއި މިފަދަ އެތައް ކަމަކަށް ބޮޑެތި ހުރަސްތަކެއް އެޅޭނެ ކަމަށް ފެންނާތީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި މައްސަލާގައި މަޖިލިސް ތަޅުމުގައި ބަހުސް ކުރުމަށް ވުރެވެސް މުހިއްމު ކަމަކަށްވާނީ މިކަމާއި ގުޅޭ ކޮމެޓީން މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި އަވަހަށް ބައްލަވާ ފިޔަވަޅު އެޅުން ކަމަށް އަޅުގަނޑު ދެކެން،" އާދަމް ޝަރީފު ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ އެފަދަ މައްސަލަތައް ޙައްލު ކުރެވޭނީ މެންބަރުން އިޚްލާސްތެރިވެގެން ކަމަށެވެ.

މި މައްސަލައަށް ބަހުސް ކުރައްވަމުން ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ވިދާޅުވީ މި ރާއްޖޭގެ ކަންކަން ދަނީ ގޯހުން ގޯހަށް ކަމަށާއި އަދީބު ރާއްޖެއިން ބޭރަށް ފޮނުވާލުމަށް ހުއްދަ ދިނުމުގެ މައްސަލައަކީ ސީރިއަސް މައްސަލައެއް ކަމަށެވެ. އޭނާ ވިދާޅުވީ މިފަދަ ހުރިހާ ކަމެއް ރައްޔިތުންގެ މަޖިލީހުން ބަލަންޖެހޭ ކަމަށެވެ. މި ރާއްޖޭގައި ގޮތް ނޭނގޭ އެތައް މަރުތަކެއް ހިނގާފައިވާއިރު އެފަދަ އާއިލާތަކަށް އިންސާފު ހޯދައި ދިނުމަކީ މި މަޖިލީހުން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކަމަށެވެ.

"މި ރާއްޖޭގެ ވަރަށް ގިނަ ގައިދީން ވަނީ ރާއްޖެއިން ބޭރަށް ގޮސްފައި. ވަރަށް ގިނަ ގައިދީން. އަނބުރާ ނާންނާނެ ކަމުގެ ވިސްނުން އޮތީ ކަމަށް ވަންޏާ އެފަދަ ކަމެއް ކޮށްގެނެއް ނުވާނެ މި މަޖިލީހުގައި ވަރަށް ފުޅާ ދާއިރާއެއްގައި މިކަމަށް ބަހުސް ކުރެވެން ޖެހޭނެ. މީހަކަށް ޝަރުއީ ކޯޓަކުން އެއީ ކުއްވެރިއެއް ކަމަށް ކަނޑަނާޅާ ހިނދެއްގައިވެސް ބައިވަރު ކުއްތައް ހުއްޓާ އެކަން އެގޮތަށް ދޫކޮށްލައިގެން ނުވާނެ،" ޖާބިރު ވިދާޅުވިއެވެ.

މި މައްސަލައަށް ބަހުސް ކުރައްވަމުން ރައްޔިތުން މަޖިލީހުގެ ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ވިދާޅުވީ މި ރާއްޖޭގައި މިފަދަ މައްސަލަތައް ބެލުމަށް މުއައްސަސާތައް އެބަހުރި ކަމަށެވެ. އަދި ރާއްޖެއިން ބޭރަށް އޭނާ ފުރުވާލާއިރު އަދީބު ހިފެހެއްޓޭނެ ގޮތްތައް އޮތީ ސަލާމަތީ ބާރުތަކާއި ކަމާ ގުޅުންހުރި މުޢައްސަސާތަކުގެ އަތް މަތީގައި ކަމަށް ހަސަން އަފީފު ވިދާޅުވިއެވެ.

މައްސަލަ މަޖިލީހަށް ހުށަހެޅުއްވި މީކާއިލް އަހްމަދު ނަސީމް ވިދާޅުވީ ދައުލަތުން ގެއްލިފައިވާ ފައިސާތައް ކޮންމެވެސް ޒަމާނަކުން ހޯދިދާނެ އެވެ. އެކަމަކު އަދީބު ފިލައިފި ނަމަ، ގޮތް ނޭނގޭ މަރުތަކާ ގުޅޭ ހަގީގަތް ނުހޯދޭނެ ކަމަށް މީކާއިލް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އަދީބު ރާއްޖެއިން ބޭރަށް ގޮސްފި ކަމަށްވާނަމަ އޭނާ އަނބުރާ ރާއްޖެއަށް ނުގެނެވޭނެ ކަމަށެވެ.