Last Updated: April 25, 11:25
Thursday, April 25, 2024
ޚަބަރު

އަދީބު ބޭރަށް ފުރުވާލާތީ އިދާރާތަކުގެ ވެރިން ކޮމެޓީއަށް ހާޒިރުކުރަނީ

އަހުމަދު އަދީބު

ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބު ކުއްލި ގޮތަކަށް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވާލުމުގެ ހުއްދަ ދިނުމާއި ގުޅިގެން ކަމާ ގުޅުންހުރި އިދާރާތަކުގެ ވެރިން ރައްޔިތުން މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާއި ބެހޭ ކޮމެޓީއަށް ހާޒިރު ކުރަން ނިންމައިފިއެވެ.

މިއަދު ކުރިއަށްދިޔަ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމެޓީގެ ބައްދަލުވުމުގައި މިގޮތަށް ނިންމީ ކޮމެޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.

އެހެންކަމުން ކޮމެޓީއަށް ކަމިޝަނަރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި އިމިގްރޭޝަން ކޮންޓްރޯލާ ހަސަން އަލީ (ހަނަފީ) ކޮމިޓީ އަށް ހާޒިރުކުރަން ވަނީ ނިންމާފައެވެ. އަދި މި ބޭފުޅުން މިއަދު ހަވީރު ބާއްވާ ކޮމެޓީ ބައްދަލުވުމަށް ހާޒިރު ކުރުމަށް ވަނީ ނިންމާފައެވެ.

އަދީބު ރާއްޖެއިން ބޭރަށް ފޮނުވާލުމާއި ގުޅިގެން އެކަމުގެ ކަންބޮޑުވުންފާޅުކޮށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް ވަނީ މަޖިލީހަށް ކުއްލި މައްސަލައެއް ވެސް ހުށަހަޅާފައެވެ.

ހޯމް މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ، އަހުމަދު އަދީބުގެ ސިއްހީ ހާލަތާ ގުޅިގެން، ރާއްޖޭގެ ސިއްހީ ޚިދުމަތްދޭ އެއްވެސް ތަނަކުން ލިބެން ނެތް ފަރުވާއެއް ހޯދުމަށް ޑޮކްޓަރުން ތަކުރާރުކޮށް ލަފާދިނުމާގުޅިގެން، ރާއްޖެއިން ބޭރުގެ ކަމާގުޅުންހުރި ސިއްހީ މާހިރުން ގެނެސްގެން ކުރެވުނު މަސައްކަތުންވެސް އިތުރުގޮތެއް ނުފެނުމުން ރާއްޖެއިން ބޭރަށް އޭނާ ފޮނުވާލަންޖެހޭ ކަމަށެވެ.

އަދި އޭގެ ސަބަބުން އަދުލުއިންސާފު ގާއިމުކުރުމުގައި އެއްވެސް ހުރަހެއް ނޭޅޭނެ ކަމަށާއި އަދި އިންސާފުގެ ކުރިމަށްޗަށް އޭނާ ހާޒިރުކުރުމަށް ހުރަސްއެޅޭނެ އެއްވެސްކަމެއް ވިޔަނުދިނުމަށްޓަކައި އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް ސަރުކާރުން އަޅާނެކަމުގެ ޔަގީންކަންދޭކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.

އަދި މެޑިކަލް ބޯޑުގެ ލަފާގެ މަތިން ބޭސްފަރުވާގެ ބޭނުމަށް އިންޑިއާއަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރުގައި ދިވެހި ފުލުހުންނާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގެ އޮފިސަރުން ބައިވެރިވާނެކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ.