Last Updated: April 20, 08:59
Saturday, April 20, 2024
ޚަބަރު

ފަނޑިޔާރުންގެ ޖަމިއްޔާއެއް އުފައްދަނީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން

"ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޖަމްޢިއްޔާ" އުފެއްދުމަށް ޖުޑީޝަލް ކައުންސިލުން ނިންމައިފިއެވެ.

ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޖަމްޢިއްޔާގެ ނަމުގައި ޖަމްޢިއްޔާއެއް އުފެއްދުމަށް 2019 މޭ 21ވަނަ ދުވަހު ބޭއްވުނު ޖުޑީޝަލް ކައުންސިލްގެ ބައްދަލުވުމުގައި ނިންމެވުމާގުޅިގެން، މި ޖަމްޢިއްޔާ އުފެއްދުމަށްޓަކައި ހުށަހަޅަން ޖެހޭ އެންމެހާ ލިޔެކިޔުންތައް ވަނީ 2019 މޭ 26 ވަނަ ދުވަހު މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓަށް ހުށަހަޅާފައިކަމަށް މޯލްޑިވްސް ޖުޑީޝިއަރީން ވިދާޅުވެއެވެ.

ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 10ވަނަ މާއްދާއިން ފަނޑިޔާރުންނަށް ލިބިދީފައިވާ ޖަމްޢިއްޔާ ހެދުމުގެ ޙައްޤުގެ ދަށުން އުފެއްދުމަށް ކަނޑައަޅާފައިވާ މި ޖަމްޢިއްޔާގެ މައިގަނޑު މަޤްޞަދަކީ، ފަނޑިޔާރުންގެ މުސްތަޤިއްލުކަން ޙިމާޔަތް ކުރުމަށް މަސައްކަތް ކުރުމެވެ.

އަދި ފަނޑިޔާރުންގެ މިނިވަންކަމާއި މުސްތަޤިއްލުކަން ދެމެހެއްޓުމަށް މަސައްކަތްކުރުމާއި އެމީހުންގެ އިމްތިޔާޒުތައް ޙިމާޔަތްކުރުމަށް މަސައްކަތްކުރުމަކީ ވެސް ޖަމިއްޔާގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.