Last Updated: April 26, 18:07
Friday, April 26, 2024
ޚަބަރު

ދެވަނަ ޔޫތް ލީޑާރސް ފޯރަމް މާދަމާރޭ ފަށަނީ

ޔޫތް ލީޑާރސް ނެޓްވޯކުގެ މިއަހަރުގެ ދެވަނަ ޔޫތް ލީޑާރސް ފޯރަމް މާދަމާރޭ ފެށުމަށް ނިންމައިފިއެވެ.

މާދަމާރޭ ހުޅުމާލެ ހުރަވީ ސްކޫލްގައި ބާއްވާ ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްއެވެ.

މިފަހަރުގެ ފޯރަމްގައި ކޮލެޖް ޔުނިވަރސިޓީތަކުން 150 ދަރިވަރުން ބައިވެރިވާނެއެވެ. ފޯރަމްގެ ސެޝަންތައް ކުރިއަށްގެންދާނީ ހުކުރު އަދި ހޮނިހިރު ދުވަހުއެވެ.

މިފަހަރުގެ ފޯރަމް އަމާޒުކޮށްފައިވަނީ " ތަހައްމަލުކުރުމުގެ ޘަޤާފަތް – މުޖުތަމަޢުގެެ ހަމަޖެހުން " މިޝިޢާރުގެ މައްޗަށެވެ. ޝިއާރާ ގުޅުންހުރި ތަފާތު ހަ ދާއިރާއަކުން ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި ބޭފުޅުން މައުލޫމާތު ޙިއްޞާކޮށް، މަޝްވަރާކުރާނެއެވެ. މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބްދުﷲ ވެސް ފޯރަމްގައި ސެޝަނެއް ކުރިއަށްގެންދަވާނެއެވެ.

ޔޫތް ލީޑާރސް ނެޓްވޯކަކީ ޒިންމާދާރު ރައްޔިތުން ބިނާކޮށް ޤައުމީ ރޫޙާއި އެއްބައިވަންތަކަން ދިރުވަން ޔުނިވަރސިޓީ އަދި ކޮލެޖް ދަރިވަރުން އެކުލެވޭ ކައުންސިލެއް އުފެއްދުމަށާއި، އެކައުންސިލް އެކުލަވާލެވި މަސައްކަތްކުރަމުންދަނީ މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ބެލުމުގެ ދަށުންކަމަށް 2014 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހު ސޯޝަލް ކައުންސިލްގެ ބައްދަލުވުމުގައި މަޝްވަރާކޮށް އުފައްދާފައިވާ ނެޓްވޯކެކެވެ.

ޔޫތް ލީޑާރސް ނެޓްވޯކުން ވަނީ މިހާތަނަށް އައްޑު އަތޮޅާއި، ފުވައްމުލަކާއި، ހދ.ކުޅުދުއްފުއްޓާއި، ލ.ގަމާއި، ދ.ކުޑަހުވަދޫއާއި، ގއ.ވިލިނގިލީގެ އިތުރުން ހޯރަފުށީގައިވެސް ފޯރަމް ކުރިއަށްގެންގޮސްފައެވެ. މިއަހަރުގެ ފުރަތަމަ ފޯރަމް ފެބްރުއަރީ މަހު ބޭއްވީ ހޯރަފުށީގައެވެ.