Last Updated: April 27, 09:13
Saturday, April 27, 2024
ޚަބަރު

ކުރީގެ ނައިބުންނާއި ފަނޑިޔާރުންނަށް އިނާޔަތް ދިނުމުގެ ބިލު ބޭރުކޮށްލައިފި

ނާއިބު ރައީސްކަން ކުރައްވާފައި ތިއްބެވި ފަރާތްތަކަށް އިނާޔަތް ދިނުމުގެ ބިލާއި ފަނޑިޔާރުންނަށް އިނާޔަތް ދިނުމާ ގުޅޭ ބިލު ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލައިފިއެވެ.

މީގެތެރެއިން ނައިބު ރައީސްކަން ކުރައްވާފައިވާ ފަރާތްތަކަށް އިނާޔަތް ދިނުމުގެ ބިލު ބޭރުކޮށްލީ 74 މެމްބަރުންގެ ވޯޓާއެކުއެވެ. އަދި އަނެއް ބިލު ބޭރުކޮށްލީ 77 މެމްބަރުންގެ ތާއީދާއެކުއެވެ.

މި ދެ ބިލަކީ ވެސް 18 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ދެ ބިލެވެ. ނަމަވެސް މި ދެ ބިލު ވެސް ތަސްދީގު ނުކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އަނބުރާ މަޖިލީހަށް ފޮނުވާލާފައެވެ.

18 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ކުރީގެ ނައިބުންގެ އިނާޔަތް ދިނުމުގެ ބިލުގައިވާ ގޮތުން ނާއިބު ރައީސްކަން ކުށްވެރިނުވެ އަދާކުރައްވައިފި ކޮންމެ މީހަކަށް ދައުލަތުން 35000 ރުފިޔާ ދޭންޖެހޭނެ ކަމަށާއި އަދި އެމީހަކު ބޭނުންވެއްޖެ ހިނދެއްގައި އެކަށީގެންވާ ރަނގަޅު ފެންވަރަކަށް ސަލާމަތީ ޚިދުމަތް ފޯރުކޮށްދޭންވާނެ ކަމަށް ބުނެފައިވެއެވެ.

ފަނޑިޔާރުންނަށް އިނާޔަތް ދިނުމާ ގުޅޭ ގޮތުން 18 ވަނަ މަޖިލިހުގައި ފާސްކުރި ބިލުގައިވާ ގޮތުން، ޝަރަފުވެރިކަމާއެކު ފަނޑިޔާރުކަމުގެ މަގާމުން ވަކިވާ ކޮންމެ މީހަކަށާއި، އެ މަގާމުން ނިމުމަކަށް ގެނެވޭ ކޮންމެ މީހަކަށްވެސް ދައުލަތުގެ ފަރާތުން ހާއްސަ އިނާޔަތްތަކާއި އިމްތިޔާޒްތަކެއް ދޭންޖެހޭނެއެވެ.

އެގޮތުން އާ ގާނޫނު އަސާސީގެ ދަށުން ފަނޑިޔާރުކަމުގެ މަގާމު ނިމުމަކަށް ގެނެވުނު އުއްތަމަ ފަނޑިޔާރަކީ ދިގު މުއްދަތަކަށް ދައުލަތަށް ހިދުމަތްކުރުމުގައި ދެމި ހުރި ބޭފުޅެއް ކަމަށްވެސް އެ ބިލުގައި ބުނެފައިވެއެވެ.

2008ވަނަ އަހަރު ތަސްދީޤުކުރި ޤާނޫނު އަސާސީއާއެކު މަޤާމު ނިމުމަކަށް ގެނެވުނު އުއްތަމަ ފަނޑިޔާރަކީ، ދިގު މުއްދަތެއްވަންގެން ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމްގެ ވެރިކަމުގައި އުއްތަމަ ފަނޑިޔާރުގެ ގޮތުގައި ހުންނެވި، ކުރީގެ އުއްތަމަ ފަނޑިޔާރު އައްޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމެވެ.