Last Updated: May 27, 17:26
Friday, May 27, 2022
ޚަބަރު

ބޮޑުތިލަދުންމަތީގެ 11 ސަރަޙައްދެއް ޙިމާޔަތްކުރަން ނިންމައިފި

ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ ޙިމާޔަތް ކުރުމުގެ ޕްރޮގްރާމެއްގެ ދަށުން ކޮންމެ އަތޮޅެއްގައި މަދުވެގެން 1 ރަށާއި، 1 ފަރާއި، 1 ކަނޑޫފާ ރައްކާތެރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވެވަޑައިގެންފައިވާ ރިޔާސީ ވަޢުދާ އެއްގޮތަށް ބޮޑުތިލަދުންމަތިން ފާހަގަ ކުރެވޭ 11 ސަރަޙައްދެއް ޙިމާޔަތްކޮށްފައިވާ ސަރަޙައްދުތަކެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ މިއަދު ނިންމަވައިފިއެވެ.

ޤާނޫނު ނަންބަރު 4/93، (ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ޤާނޫނު)ގެ ދަށުން ހއ، ހދ، ށ އަދި ނ އަތޮޅު ހިމެނޭ، ބޮޑުތިލަދުންމަތިން ޙިމާޔަތް ކުރެވިފައިވާ ސަރަޙައްދު ތަކުގެ ގޮތުގައި ހަމަޖެއްސެވުމަށް މިއަދު ނިންމެވި 11 ސަރަޙައްދަކީ ހއ. ގައްލަންދޫ ތިލަ، ހއ.ކެލާ ޗަސްބިން، ހއ.ބިލެތްދޫ ތިލަ، ހދ.ފިނޭ ތިލަ، ހދ.އިންނަފުށި، ށ.ބޮލިއްސަފަރު، ށ.ނާލާހުރާ، ނ.ފޮއްދިއްޕަރު، ނ.ބޮޑުޅައިމެންދޫ، ނ.ކެނދިކުޅުދޫ ކަނޑޫފާ، އަދި ނ.އޮރިމަސްތިލައެވެ.

މި ސަރަޙައްދުތައް ކަނޑައެޅުއްވުމުގައި ބައްލަވާފައިވަނީ އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީން ބަލަހައްޓަމުންދާ، ތިމާވެށީގެ ގޮތުން ޚާއްޞަ ސިފަތައް ލިބިގެންވާ ސަރަޙައްދުތަކުގެ ލިސސްޓާއި، ޒަމާނުއްސުރެ މީހުންގެ ފަރާތުން ވާރުތަވަމުން އައިސްފައިވާ މަޢުލޫމާތާއި، މިހާރަށް ލިބެންހުރި ދިރާސާ ރިޕޯޓްތަކާއި މަސްވެރިންނާއި ދަނޑުވެރިންނާއި އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކާއި ތިމާވެށީގެ ދާއިރާގެ ތަޖުރިބާކާރުންގެ ފަރާތުން ލިބިފައިވާ މަޢުލޫމާތަށެވެ.

މިހާތަނަށް ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު މިއިން ކޮންމެ ސަރަޙައްދަކީވެސް ދިރޭތަކެތީގެ ނަސްލުން މުއްސަނދި ވެފައިވާ ޤުދުރަތީ ރީތި މަންޒަރުތަކެއް ހިމެނޭ ތިމާވެށީގެ ޚާއްޞަ ޚިދުމަތްތަކަކާއި ވަސީލަތްތަކެއް ފޯރުކޮށްދޭ ސަރަޙައްދުތަކެކެވެ. މިގޮތުން ކަނޑޫފާގެ މުއްސަނދިކަމާއި، ވެލާކަހަނބު ބިސްއަޅާ ސަރަޙައްދުތަކާއި، ޙިމާޔަތްކުރެވިފައިވާ އަދި ހިޖުރަކުރާ ގިނަ އަދެއްގެ ދޫނީސޫފާސޫފީގެ ވަގުތީ އަދި ދާއިމީ މަންޒިލުތަކާއި، އެންމަޑި، ވެލާކަހަނބު، މާހުޅުނބު ލަނޑާ އަދި މިޔަރުގެ އިތުރުން މުރަކައާއި ފަރުގެ މުއްސަނދި ސަރަޙައްދުތައް ހިމެނެއެވެ.

މި ސަރަޙައްދުތައް ޙިމާޔަތް ކުރުމަށްޓަކައި އެ ސަރަޙައްދުތައް ހިމެނޭ އަތޮޅު ކައުންސިލްތަކާއި، މިނިސްޓްރީ އޮފް ޓޫރިޒަމް، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ، މިނިސސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއާ މަޝްވަރާކުރެވިފައި ވެއެވެ.

މި ސަރަޙައްދުތަކަކީ ޙިމާޔަތްކުރެވިފައިވާ ތަންތަނުގެ ގޮތުގައި ސަރުކާރުން ހަމަޖައްސަވައިފިކަން ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރެއްވުމާއެކު ޓީވީ، ރޭޑިޔޯ އަދި ނޫހުގެ ޒަރީޢާއިން ޢާއްމުކޮށް އިޢުލާން ކުރުމާއެކު އެސަރަޙައްދުތަކުގައި ކުރުން ހުއްދަ އަދި ކުރުން މަނާކަންކަން އިޢުލާން ކުރުމަށްވެސް ވަނީ ނިންމަވާފައެވެ. މީގެ އިތުރުން ޢާއްމުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކެއް، ޚާއްޞަކޮށް އެސަރަޙައްދުތައް ބޭނުންކުރާފަރާތްތަކަށް އަމާޒުކޮށްގެން ހިންގެވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.