Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

ޖޭއެސްސީގެ މެމްބަރުން ކޮމިޓީ އަށް ހާޒިރުކުރަން ނިންމައިފި

ޖުޑިޝަލް ސާވިސް ކޮމިޝަނުގެ މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރު ކުރުމަށް ނިންމައިފިއެވެ.

މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމަށް މި ހުށަހެޅުން ހުށަހަޅާފައިވަނީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު އެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖުއެވެ. މި ހުށަހެޅުމާ އެއްކޮޅަށް ކޮމިޓީގެ ހުރިހާ މެމްބަރުން ވޯޓު ދެއްވާފައިވެއެވެ.

ޖޭއެސްސީގެ މެމްބަރުން ކޮމިޓީ އަށް ހާޒިރުކުރަނީ ޖޭއެސްސީގެ މަސައްކަތްތައް ގޮސްފައިވާ ހިސާބު ސާފުކުރުމަށާއި، ކުރީގެ ނައިބު ރައީސް އަހުމަދު ކޯޓުން ދޫކޮށްލުމުން ރާއްޖެ އިން ބޭރަށް ފުރާވަޑައިގަތުމުގެ މައްސަލައާ ގުޅިގެން ކޮމިޓީން އިތުރަށް ސާފުކުރަން ބޭނުންވާ ކަންކަން ސާފުކުރުމަށެވެ.

މި ހުށަހެޅުން ހުށަހަޅުއްވަމުން ހަސަން ލަތީފް ވިދާޅުވީ އަދީބު ރާއްޖެ އިން ބޭރަށް ފުރުމުގެ ހުއްދަ ސަރުކާރުން ދީފައިވަނީ ކޯޓުން ނިންމި ނިންމުމަށް ބިނާކޮށް ކަމަށާއި ކޯޓުން ކުރި ހުކުމަކީ ނުރަނގަޅު ގޮތަކަށް ކޮށްފައިވާ ހުކުމެއް ކަމަށްވާނަމަ ސަރުކާރުން އެކަމުގައި ނިންމާފައިވާ ނިންމުން ބަދަލުވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

"އެކަން ބެލެން އަންނަނީ ޖޭއެސްސީގެ މެމްބަރުންނާއި މި ކޮމިޓީން ސުވާލުކޮށްގެން ލިބޭ މައުލޫމާތުގެ މައްޗަށް" ހަސަން ވިދާޅުވިއެވެ.

ކޮމިޓީގެ މުގައްރިރު އިމްތިޔާޒު ފަހުމީ ވިދާޅުވީ ޖޭއެސްސީގެ މެމްބަރުން ކޮމިޓީ އަށް ހާޒިރުކުރާނީ މާދަމާ ރޭ ކަމަށެވެ. އަދި މިކަމާ ގުޅޭ މައުލޫމާތު ސިޓީއަކުން މަޖިލީހުގެ އިދާރާ އިން ޖޭއެސްސީ އަށް ފޮނުވާނެ ކަމަށްވެސް އިންތި ވިދާޅުވިއެވެ.

ރާއްޖެ އިން ބޭރަށް ދިޔުމުގެ ހުއްދަ އަދީބަށް ދީފައިވާއިރު އެކި މައްސަލަތަކުގައި އޭނާއަށް އިއްވި 33 އަހަރުގެ ޖަލު ހުކުމްތައް މިހާރުވަނީ ބާތިލުވެފައެވެ. އަދީބު މިހާރު ތަންފީޒު ކުރައްވަމުން ގެންދަވަނީ ކޯޓު ހުރުމަތް ކަނޑައިގެން އިއްވާފައިވާ 15 ދުވަހުގެ ޖަލު ހުކުމެކެވެ. އެ ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ ގޭ ބަންދުގައި ހުންނަވައިގެންނެވެ.