Last Updated: April 26, 20:24
Friday, April 26, 2024
ޚަބަރު

މި މަހު 26 ގައި އަދީބު އެނބުރި ވަޑައިގަންނަވާނެ: އިމްރާން

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ވަޑައިގެންނެވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގަންނަވާނީ މި މަހުގެ 26 ވަނަ ދުވަހު ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ބޭސްފަރުވާ އަށް ދިޔުމުގެ ހުއްދަ ކަރެކްޝަންސް އިން އަދީބަށް ދީފައިވާއިރު، އަދީބު ދިޔުމަށް ހަމަޖެހިފައިވަނީ އިންޑިޔާ އަށެވެ.

މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ވާހަކަދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ އަދީބުގެ ދެކޮޅު ޓިކެޓު މިހާރު ނަގާފައިވާ ކަމަށާއި އެގޮތުން ހުކުރު ދުވަހު އިންޑިޔާ އަށް ދިޔުމަށްފަހު މި މަހު 26 ގައި އެނބުރި ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

"މިހާރު އޮތް ޝެޑިއުލަށް ދާކަމަށްވާނަމަ، ޑޮކްޓަރުން އިތުރު ލަފަޔެއް ނުދެއްވާނަމަ އަޅުގަނޑު ގަބޫލުކުރަނީ 14 ގައި ފުރުމަށްފަހު 26 ގައި އެނބުރި ގެނެވޭނެ ކަމަށް. އަދި މުއްދަތު އިތުރު ކުރުމަށް އަތުވެއްޖެނަމަ، އެކަން ވެސް ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ހަމަޖެހޭނެ ކަމަށް ގަބޫލުކުރަން" އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ އަދީބާއެކު ކަރެކްޝަނަލް ސާވިސް އަދި ފުލުހުންގެ އޮފިސަރުން ވެސް ދަތުރުކުރާނެ ކަމަށާއި އަދި އެކަމާ ގުޅޭ މައުލޫމާތު އިންޑިއާގެ ކަމާބެހޭ ފަރާތްތަކަށް ވެސް ހިއްސާކުރެވިފައިވާ ކަމަށެވެ.

"ސަލާމަތީ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅި، އެކަމުގައި އެކަށީގެންވާ މިންވަރަކަށް ތައްޔާރު ވެވިފައިވާ ކަމަށް ގަބޫލުކުރަން" އިމްރާން ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި އިމިގްރޭޝަނުގެ ވަގުތީ ޒިންމާދާރުވެރިޔާ މޫސަ ޒަމީރު ވިދާޅުވީ އަދީބަށް ޕާސްޕޯޓު ދޫކޮށްފައިނުވާ ކަމަށާއި، އޭގެ ބަދަލުގައި ދޫކޮށްފައިވަނީ ހަމައެކަނި އިންޑިޔާ އަށް ދަތުރުކުރެވޭނެ ފަދަ ވަގުތީ ލިޔުމެއް ކަމަށެވެ.

ރާއްޖެ އިން ބޭރަށް ދިޔުމުގެ ހުއްދަ އަދީބަށް ދީފައިވާއިރު އެކި މައްސަލަތަކުގައި އޭނާއަށް އިއްވި 33 އަހަރުގެ ޖަލު ހުކުމްތައް މިހާރުވަނީ ބާތިލުވެފައެވެ. އަދީބު މިހާރު ތަންފީޒު ކުރައްވަމުން ގެންދަވަނީ ކޯޓު ހުރުމަތް ކަނޑައިގެން އިއްވާފައިވާ 15 ދުވަހުގެ ޖަލު ހުކުމެކެވެ. އެ ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ ގޭ ބަންދުގައި ހުންނަވައިގެންނެވެ.

ބޭސްފަރުވާ އަށް ދިޔުމުގެ ހުއްދަ އަށް އަދީބުގެ ފަރާތުން މީގެކުރިން އެދުނު ނަމަވެސް، ކުރީގެ ސަރުކާރުން ވަނީ އަދީބު ރާއްޖެ އިން ބޭރަށް ފޮނުވައިފިނަމަ ފިލާނެ ކަމަށް ތުހުމަތުކޮށްފައެވެ. އަދި އަދީބަށް ރާއްޖެ އިން ބޭރަށް ދެވޭނީ ދައުލަތުން ގެއްލުނު ހުރިހާ ފައިސާއެއް އަނބުރާ ދެއްކުމުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ ވިދާޅުވެފައެވެ.