Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކޮށްފި

ފަނޑިޔާރު އަބްދުﷲ ދީދީ

ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) އިން ނިންމައިފިއެވެ.

ޖޭއެސްސީން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަނުގެ ސެކެޓްރީ ޖެނެރަލް ހަސަން ޒަހީން ވިދާޅުވީ ކޮމިޝަނުގެ މިއަދުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑްކުރަން ނިންމީ ފުލުހުން ބަލަމުންދާ ޖިނާއީ މައްސަލައަކާ ގުޅިގެން ކޮމިޝަނަށް ހުށަހެޅުނު ހުށަހެޅުމާ ގުޅިގެން ކަމަށެވެ.

"ކޮމިޝަނުގެ ގާނޫނުގައި އެބަ ބުނޭ ތަހުގީގީ އެއްވެސް އިދާރާއަކުން މައްސަލަ ބަލަމުންދާ ކަމަށްވާނަމަ އެކަމާ މެދު ގޮތެއް ނިންމަން. އެހެންވީމަ އެކަމާ ގުޅިގެން މިއަދު ވަނީ ގޮތެއް ނިންމިފައި" އޭނާ ވިދާޅުވިއެވެ.

ޒަހީން ވިދާޅުވީ ފަނޑިޔާރު ދީދީ ސަސްޕެންޑް ކުރަން ކޮމިޝަނުގައި ހިމެނިވަޑައިގަންނަވާ ހުރިހާ މެމްބަރުން ވޯޓު ދެއްވާފައިނުވާ ކަމަށާއި އެކަން ފާސްވީ ކޮމިޝަނުގެ އަޣުލަބިއްޔަތުން ކަމަށެވެ.

ފަނޑިޔާރު ދީދީގެ މައްސަލަ ޖޭއެސްސީ އަށް ހުށަހެޅުއްވީ އެ ކޮމިޝަނުގައި އިންނަވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ. އެގޮތުން އެ މައްސަލާގައި އެދިފައިވަނީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ހިލާފުވެފައިވާތީ ދީދީގެ މައްސަލަ ބަލައިދިނުމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ދީދީއާ ގުޅޭގޮތުން ޖޭއެސްސީ އަށް ހުށަހަޅާފައިވަނީ އެއް މިލިއަން ޑޮލަރުގެ ރިޝްވަތުގެ މައްސަލައެކެވެ. 2015 ވަނަ އަހަރުތެރޭ އެ ފައިސާ ޖަމާކޮށްފައިވަނީ ފަނޑިޔާރު ދީދީގެ އަނބިކަނބަލުންގެ ނަމުގައި މެލޭޝިއާގައި ހުޅުވާފައި ހުރި ޑޮލަރު އެކައުންޓަކަށް ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

އަދި އެ ފައިސާ އަކީ ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި 13 އަހަރުގެ ޖަލު ހުކުމާ ގުޅިގެން ފަނޑިޔާރު ދީދީ ނެންގެވި ރިޝްވަތެއް ކަމަށް ތުހުމަތު ކުރެވިފައިވެއެވެ. ފަނޑިޔާރު ދީދީ އަކީ ނަޝީދަށް ހުކުމް އިއްވި ކްރިމިނަލް ކޯޓުގެ ބެންޗުގައި ހިމެނިވަޑައިގެންނެވި ފަނޑިޔާރެކެވެ.

ނަޝީދަށް 13 އަހަަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ 2015 ވަނަ އަހަރުގެ މާޗް މަހުގެ 13 ވަނަ ދުވަހުއެވެ.