Last Updated: April 18, 12:20
Thursday, April 18, 2024
ކުޅިވަރު

ފާލަންޑް މެންޑީ ވެސް ރެއާލް އަށް

ލިޔޯން އަށް ކުޅެމުން އައި ފްރާންސްގެ ހުނަރުވެރި ޑިފެންޑަރު ފާލަންޑް މެންޑީ ރެއާލް މެޑްރިޑަށް ސޮއިކޮށްފިއެވެ.

އުމުރުން 24 އަހަރުގެ މެންޑީ ރެއާލް އަށް ސޮއިކޮށްފައިވަނީ 47.1 މިލިއަން ޕައުންޑުގެ އަގަކަށް ހަ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

2017 ވަނަ އަހަރު ލިޔޯންއާ ގުޅުނު މެންޑީ ވަނީ މިދިޔަ ސީޒަނުގައި މޮޅު ކުޅުމެއް ދައްކާފައެވެ. މިދިޔަ ސީޒަނުގައި ދެއްކި މޮޅު ކުޅުމާއެކު މެންޑީ އަށް މިދިޔަ ނޮވެމްބަރު މަހު ވަނީ ފްރާންސްގެ ގައުމީ ޓީމުން ވެސް ޖާގަ ލިބިގެން ގޮސްފައެވެ.

ލިޔޯންގައި ހޭދަކުރި މުއްދަތުގައި މެންޑީ ވަނީ އެޓީމަށް 79 މެޗު ކުޅެދީފައެވެ.

މެންޑީގެ އިތުރުން ރެއާލް އިން ވަނީ އަންނަ ސީޒަނަށް ސްކޮޑު ވަރުގަދަ ކުރުމުގެ ގޮތުން ޗެލްސީ އަށް ކުޅެމުން އައި އެޑެން ހަޒާޑް އާއި ފްރެންކްފާޓަށް ކުޅެމުން އައި ސާބިޔާގެ އިތުބާރު ފޯވާޑް ލޫކަ ޖޮވިޗް ޕޯޓޯ އަށް ކުޅެމުން އައި ބްރެޒިލްގެ ޑިފެންޑަރު އެޑާ މިލިޓާއޯ ގެނެސްފައެވެ.

މީގެއިތުރުން ވެސް ރެއާލް އިން މިފަހަރުގެ ޓްރާންސްފާގައި އިތުރު ކުޅުންތެރިންތަކެއް ގެންނާނެ ކަމަށް ބެލެވޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.