Last Updated: April 26, 22:31
Friday, April 26, 2024
ކުޅިވަރު

ގްރިޒްމަން ދެން ފެންނާނީ ބާސެލޯނާ އިން: އެތްލެޓިކޯ

އެތްލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރިޒްމަން އަންނަ ސީޒަނުގައި ކުޅޭނީ ބާސެލޯނާ އަށް ކަމަށް އެތްލެޓިކޯގެ ސީއީއޯ މިގޭލް އެންހެލް ގިލް މަރިން ވިދާޅުވެއްޖެއެވެ.

އެތްލެޓިކޯ ދޫކޮށްލަން ނިންމާފައިވާކަން މިދިޔަ މަހު ގްރިޒްމަން އިއުލާންކޮށްފައިވާއިރު، އޭނާ ދެން ދާނެ ކްލަބެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ރިޕޯޓުތައް ބުނާގޮތުން ގްރިޒްމަން ގެންނަން އެންމެ ބޮޑަށް މަސައްކަތް ކުރަމުންދަނީ ބާސެލޯނާ އާއި ފްރާންސްގެ ޕީއެސްޖީންނެވެ.

ގްރިޒްމަންގެ ކުރިމަގާ ގުޅޭގޮތުން ތަފާތު އެކި ވާހަކަތައް ދެކެވެމުންދާއިރު، ސްޕެއިންގެ ރޭޑިއޯ ސްޓޭޝަނަކަށް ދިން އިންޓަވިއުއެއްގައި އެތްލެޓިކޯގެ ސީއީއޯ ވަނީ ގްރިޒްމަން ދެން ފެންނާނީ ބާސާ އިން ކަމަށް ވިދާޅުވެފައެވެ.

"ގްރިޒްމަން ދެން ކުޅޭނެ ކްލަބު އަހަންނަށް ވަރަށް ސާފު. މިދިޔަ މާޗު މަހުން ފެށިގެން އެކަން އިނގޭ. އެއީ ބާސެލޯނާ އަށް" އޭނާ ވިދާޅުވިއެވެ.

އެތްލެޓިކޯގެ ސީއީއޯ މިހެން ވިދާޅުވިއިރު، ގްރިޒްމަން ގެންނަން ބާސާ އިން މިދިޔަ އަހަރުގެެ ހޫނު މޫސުމުގެ ޓްރާންސްފާގައި ވެސް މަސައްކަތް ކޮށްފައިވެއެވެ. ނަމަވެސް ގްރިޒްމަން ވަނީ އެފަހަރު އެތްލެޓިކޯގައި މަޑުކުރަން ނިންމާ އެ ކްލަބުގެ ކޮންޓްރެކްޓު ވެސް އާކޮށްފައެވެ.

2014 ވަނަ އަހަރު އެތްލެޓިކޯއާ ގުޅުނު ގްރިޒްމަން ވަނީ އެ ކްލަބަށް 256 މެޗު ކުޅެދީ 133 ގޯލު ކާމިޔާބުކޮށްދީފައެވެ. އެތްލެޓިކޯގައި ހޭދަކުރި މުއްދަތުގައި އޭނާ ވަނީ ޔޫރޮޕާ ލީގާއި ސްޕެނިޝް ސުޕަރ ކަޕްގެ އިތުރުން ޔޫއެފާ ސުޕަރ ކަޕެއް ކާމިޔާބުކޮށްފައެވެ.