Last Updated: July 12, 05:49
Saturday, July 12, 2025
ޚަބަރު

ޖޭއެސްސީގެ ނިންމުމަށް މަރުހަބާ ކިޔަން: އޭޖީ

އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު - ފޮޓޯ: ރައީސް އޮފީސް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި ނިންމުމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު މަރުހަބާ ވިދާޅުވެއްޖެއެވެ.

ޖޭއެސްސީން އިއްޔެ ބުނީ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑްކުރަން ނިންމީ ފުލުހުން ބަލަމުންދާ ޖިނާއީ މައްސަލައަކާ ގުޅިގެން ކޮމިޝަނަށް ހުށަހެޅުނު ހުށަހެޅުމާ ގުޅިގެން ކަމަށެވެ.

ޖޭއެސްސީގެ އެ ނިންމުމާ ގުޅިގެން އޭޖީ ރިއްފަތު ވިދާޅުވީ ފަނޑިޔާރެއްގެ ޖިނާއީ މައްސަލައެއް އިދާރާއަކުން ތަޙްޤީޤުކުރާނަމަ 48 ގަޑިއިރުގެ ތެރޭގައި އެ ފަނޑިޔާރާމެދު ކޮމިޝަނުން ގޮތެއް ނިންމުމަކީ ލާޒިމުކަމެއް ކަމަށެވެ. އަދި ތަޙުޒީބީ މުޖުތަމަޢުތަކުގައި ފަނޑިޔާރުގެ މައްސަލައެއް ބަލާނަމަ މަޤާމުން އަމިއްލައަށް ދުރުވާކަން އޭޖީ ފާހަގަކުރެއްވިއެވެ.

ފަނޑިޔާރު ދީދީގެ މައްސަލަ ޖޭއެސްސީ އަށް ހުށަހެޅުއްވީ އެ ކޮމިޝަނުގައި އިންނަވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ. އެގޮތުން އެ މައްސަލާގައި އެދިފައިވަނީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ހިލާފުވެފައިވާތީ ދީދީގެ މައްސަލަ ބަލައިދިނުމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ދީދީއާ ގުޅޭގޮތުން ޖޭއެސްސީ އަށް ހުށަހަޅާފައިވަނީ އެއް މިލިއަން ޑޮލަރުގެ ރިޝްވަތުގެ މައްސަލައެކެވެ. 2015 ވަނަ އަހަރުތެރޭ އެ ފައިސާ ޖަމާކޮށްފައިވަނީ ފަނޑިޔާރު ދީދީގެ އަނބިކަނބަލުންގެ ނަމުގައި މެލޭޝިއާގައި ހުޅުވާފައި ހުރި ޑޮލަރު އެކައުންޓަކަށް ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

އަދި އެ ފައިސާ އަކީ ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި 13 އަހަރުގެ ޖަލު ހުކުމާ ގުޅިގެން ފަނޑިޔާރު ދީދީ ނެންގެވި ރިޝްވަތެއް ކަމަށް ތުހުމަތު ކުރެވިފައިވެއެވެ. ފަނޑިޔާރު ދީދީ އަކީ ނަޝީދަށް ހުކުމް އިއްވި ކްރިމިނަލް ކޯޓުގެ ބެންޗުގައި ހިމެނިވަޑައިގެންނެވި ފަނޑިޔާރެކެވެ.

ނަޝީދަށް 13 އަހަަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ 2015 ވަނަ އަހަރުގެ މާޗް މަހުގެ 13 ވަނަ ދުވަހުއެވެ.