Last Updated: April 26, 23:00
Friday, April 26, 2024
ޚަބަރު

އެމްޑީޕީން ހިންގަނީ ޖަރީމާއެއް، ނިޒާމު ފުނޑާލުން ބަލައެއް ނުގަނެވޭނެ: އަދުރޭ

ހަމަޔާއި އިންސާފު ހޯދައިދިނުމުގެ ނަމުގައި މުޅި ނިޒާމު ފުނޑާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އިދިކޮޅު ޕީޕަލްސް ނޭޝަނަލްސް ކޮންގްރެސް (ޕީއެންސީ) ގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޝަރުއީ ނިޒާމަށް މިއަދު ކުރިމަތި ކުރުވަމުން ގެންދާ ގޮންޖެހުންތަކަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ. އަދި ހަމަޔާ އިންސާފު ހޯދައިދިނުމުގެ ނަމުގައި މުޅި ނިޒާމު ފުނޑާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި މިއީ ބަދަލު ހިފުމުގެ މަގުސަދުގައި އެމްޑީޕީން ހިންގާ ޖަރީމާއެއް ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

އަދުރޭ މިހެން ވިދާޅުވެފައިވާއިރު ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅުއްވި މައްސަލައަކާ ގުޅިގެން އެ ކޮމިޝަނުން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރަން އިއްޔެ ނިންމާފައެވެ.

ނަމަވެސް ޖޭއެސްސީއެ ނިންމުމަށް އަމަލުކުރުން ފަސްކުރުމަށް ސުޕްރީމް ކޯޓުން މިއަދު ވަނީ ޖޭއެސްސީ އަށް އަމުރުކޮށްފައެވެ.

އަދި ޖޭއެސްސީ އަށް ހުށަހެޅިފައިވާ މައްސަލައާ ގުޅިގެން އެއްވެސް އިޖުރާއަތެއް އެއްވެސް ސިފައެއްގައި އެ ކޮމިޝަނުން ކުރިއަށް ނުގެންދިޔުމަށާއި، ޖޭއެސްސީގެ އެ ނިންމުމާ ގުޅިގެން ފަނޑިޔާރު ދީދީއާ މެދު އިތުރު އެއްވެސް ފިޔަވަޅެއް ނޭޅުމަށް ޖޭއެސްސީގެ މައްޗަށާއި ދައުލަތުގެ ކަމާބެހޭ އެންމެހައި ފަރާތްތަކުގެ މައްޗަށް އަމުރުކުރާ ކަމަށްވެސް ސުޕްރީމް ކޯޓުގެ އަމުރުގައި ބުނެފައިވެއެވެ.

ސުޕްރީމް ކޯޓުގެ މި ނިންމުމާ ގުޅިގެން އެމްޑީޕީގެ މަޖިލިސް މެމްބަރުންނާއި ބައެއް އާއްމު މެމްބަރުން އަންނަނީ ވަރަށް ބޮޑަށް އެ ކޯޓަށް ފާޑު ކިޔަމުންނެވެ.