Last Updated: April 19, 22:45
Saturday, April 20, 2024
ޚަބަރު

އީޕީއޭ މިނިވަން ތަނަކަށް ހަދާނަން: ރައީސް

އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަކީ މިނިވަންކަމާއެކު މަސައްކަތްކުރެވޭ ތަނަކަށް ވާންޖެހޭ ކަމަށާއި ސަރުކާރުން އެކަމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ "ތާރީޚުގެ ތެރެއިން ތިމާވެށީގެ ވަޒީރުން" ނަމުގައި އިއްޔެ ނެޝަނަލް އާރޓް ގެލެރީގައި ކުރިއަށްދިޔަ ޖަލްސާގައި ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ތިމާވެށީގެ ދާއިރާއިން ސަރުކާރުން ކުރައްވަން ނިންމެވި ކަންތައްތަކުގެ ތެރެއިން އެންމެ އިސްކަމެއް ދެއްވި އެއްކަމަކީ އީޕީއޭ އަކީ ފުރިހަމަ ޤާނޫނީ ބާރާ އިޚްތިޔާރު ލިބިފައިވާ މިނިވަންތަނަކަށް ހެއްދެވުންކަމަށާއި އެކަމަށް އެކުލަވާލަންޖެހޭ ސިޔާސަތު އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން މިހާރު ކުރައްވަމުން ގެންދަވާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ޤައުމެއްގެ ހަޔާތުގައި ފާހަގަ ކުރާނެ އެންމެ މުހިންމު ދުވަހަކީ ތިމާވެށީގެ ދުވަސްކަން ފާހަގަކުރައްވައި މި ދުވަސް މުހިންމު ވަނީ އަންނަން އޮތް ޖީލުތަކަށް ރާއްޖެ މި އޮތް ގޮތަށް ގެންގޮސްދެވޭނީ މިއަދު ވެށި ހިމާޔަތްކުރުމަށް ކުރެވޭ މަސައްކަތްތަކުން ކަމުގައިވާތީކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން ތިމާވެށީގެ ދާއިރާއަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން ސަރުކާރުން ކުރައްވާފައިވާ ބައެއް މުހިންމު ކަންކަމުގެ މައްޗަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ. އެގޮތުން ތިމާވެށީގެ ދާއިރާއަށް ޚާއްޞަކޮށް މިނިސްޓްރީއެއް އުފައްދަވާފައި ވުމާއި، ގްރީންޓެކްސް ކުރިން ބޭނުންކުރެވެނީ ތިމާވެށި ރައްކާތެރިކުރުމާ ބެހޭ ކަންކަމަށް ޚާއްޞަކުރެވިގެން ނޫންކަމަށްވާތީ އެކަން އިސްލާހުކުރައްވައި އެ ފައިސާއަކީ ތިމާވެށި ހިމާޔަތްކުރުމާ ބެހޭ ކަންކަމަށް ބޭނުންކުރެވޭ އެއްޗެއްގެ ގޮތުގައި ކަނޑައަޅުއްވައި ގެންނެވި ބަދަލު ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ތިމާވެށި ހިމާޔަތްކޮށް އަންނަން އޮތް ޖީލުތަކަށް ރާއްޖެ މިގޮތުގައި ގެންގޮސްދޭން ޖެހޭއިރު، ރާއްޖެއަކީ ވެސް ތަރައްޤީވަމުން އަންނަ ޤައުމަކަށް ވާތީ ތަރައްޤީގެ މަޝްރޫޢުތައް ހިންގައި ރާއްޖެ ތަރައްޤީކުރަން ޖެހޭކަން ވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ރަށްރަށުގެ ބިންހިއްކުމާއި ހިއްކާފައިވާ ބިންތަކުގައި އިންދާނެ ރުއްގަސް ހޯދުންފަދަ ކަނންކަމަކީ ވެސް މިގޮތުން ކުރަންޖެހޭ ކަންތައްތައްކަން ފާހަގަކުރައްވިއެވެ. އެހެންކަމުން ތިމާވެށި ހިމާޔަތްކުރުމާ އެކުއެކީގައި ތަރައްޤީގެ މަސައްކަތްތައް ކުރިޔަށްގެންދެވޭނެ، ވެއްޓަށް އެންމެ ގެއްލުންކުޑަ ގޮތްތައް ހޯދަން ޖެހިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި މި މަސައްކަތުގައި ތިމާވެއްޓާބެހޭ ދާއިރާގެ ތަޖްރިބާކާރުންގެ ލަފަޔާ އިރުޝާދު ބޭނުންވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.