Last Updated: April 26, 11:19
Friday, April 26, 2024
ކުޅިވަރު

އެމްއެންޑީއެފްގެ "ރަން 127" މިއަދު ހަވީރު އައްޑޫގައި

އެމްއެންޑީއެފް ސަދަން އޭރިއާގެ ފަރާތުން ބާއްވާ "ރަން 127" މިއަދު ހަވީރު ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

މިއަދު ހަވީރު 16:00 ގައި މި ދުވުން ފަށާނީ އައްޑޫ ސިޓީ މަރަދޫ ވެންބޮޅޮފިށި ސްޓޭޑިއަމް ކައިރިންނެވެ. ނަމަވެސް ދުވުމުގެ ބައިވެރިން ބިބާއި ޓީޝާޓު ހޯދުމަށް އެ ސަރަހައްދަށް މެންދުރު 15:00 ގައި ދިޔުމަށް އެމްއެންޑީއެފުން ވަނީ އެދިފައެވެ.

މި ދުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ ފަސް ކިލޯމީޓަރު އަދި 10 ކިލޯމީޓަރުގެ ކެޓެގަރީއެވެ. ކޮންމެ ކެޓަގަރީއަކުން ވެސް އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޮވުމަށް ވަނީ ހަމަޖެހިފައެވެ. ވަނަތަކަށް ހޮވޭ ފަރާތްތަކަށް މެޑަލް އާއި ފައިސާގެ އިނާމު ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

އެމްއެންޑީއެފް ސަދަން އޭރިއާ އިން ބުނީ ފަސް ކިލޯ މީޓަރުގެ ކެޓަގަރީގައި ބައިވެރިވެވޭނީ 13 އަހަރު ނުވަތަ އެއަށް ވުރެ މަތީ އުމުރުގެ މީހުންނަށް ކަމަށެވެ. އަދި 10 ކިލޯ މީޓަރުގެ ކެޓަގަރީގައި ބައިވެރިވެވޭނީ އުމުރުން 16 އަހަރު ނުވަތަ އެއަށް ވުރެ މަތީ އުމުރުގެ މީހުންނަށް ކަމަށެވެ.

މިއީ އެމްއެންޑީއެފްގެ 127 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ބާރު އެޅުމުގެ ގޮތުން ބާއްވާ ދުވުމެއް ކަމަށް އެމްއެންޑީއެފް ސަދަން އޭރިޔާ އިން މައުލޫމާތުދެއެވެ.