Last Updated: April 26, 10:52
Friday, April 26, 2024
ކުޅިވަރު

ކޮލަމްބިއާ އަތުން އާޖެންޓީނާ ބަލިވެއްޖެ

މިހާރު ބްރެޒިލްގައި ކުރިއަށްދާ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ރޭ އާޖެންޓީނާގެ މައްޗަށް 2-0 އިން ކޮލަމްބިއާ އިން ކުރި ހޯދައިފިއެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވާއިރު ދެވަނަ ހާފްގައި އާޖެންޓީނާ އަށް ލީޑު ނަގައިދޭން އެޓީމުގެ ކެޕްޓަން ލިއޮނަލް މެސީ އަށް ވަނީ ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފައެވެ. ނަމަވެސް ކޮލަމްބިއާގެ ޕެނަލްޓީއޭރިއާތެރޭ ހުރެ މެސީ ބޮލުން ފޮނުވާލި އެ ހަމަލާ ދިޔައީ ގޯލުގެ ކުޑަތަންކޮޅެއް ބޭރުންނެވެ.

މި ފުރުސަތުގެ ބޭނުން މެސީ އަށް ނުހިފުނުއިރު މެޗުގެ 71 ވަނަ މިނެޓްގައި ރޮޖާ މާޓިނޭޒް ވަނީ ހިތްގައިމު ގޯލެއް ކާމިޔާބުކޮށްދީ ކޮލަމްބިޔާ އަށް ލީޑު ނަގާދީފައެވެ. އަދި މެޗުގެ 86 ވަނަ މިނެޓްގައި ޑުވާން ޒަޕާޓާ ވަނީ ކޮލަމްބިޔާގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީ އެޓީމަށް މި މެޗުން ތިން ޕޮއިންޓު ކަށަވަރުކޮށްދީފައެވެ.

ރޭގެ މެޗަށްފަހު އާޖެންޓީނާގެ ކެޕްޓަން މެސީ ބުނީ މިއީ އެންމެ ބޭނުންވި ފެށުން ނޫން ކަމަށާއި މި މެޗުން ބަލިވި ނަމަވެސް އަދި ހިތްވަރު އެލުވާލަން ނުޖެހޭ ކަމަށެވެ.

"މިއީ އަދި މުބާރާތުގެ ފެށުން. އަދިވެސް ކުރިއަށް މެޗުތައް އެބަހުރި" މެސީ ބުންޏެވެ.

އާޖެންޓީނާ އާއި ކޮލަމްބިޔާއާ އެކު ދެން ގްރޫޕް ބީ ގައި ހިމެނެނީ ގަތަރާއި ޕެރަގުއާއޭއެވެ. މުބާރާތުގައި އާޖެންޓީނާ ދެން ނިކުންނާނީ ޕެރަގުއޭއާ ދެކޮޅަށެވެ.