Last Updated: April 26, 05:51
Friday, April 26, 2024
ޚަބަރު

މަތީ ތައުލީމާ ބެހޭ ގާނޫނެއް އެކުލަވާލަނީ

މިނިސްޓާ އޮފް ހަޔާ އެޑިއުކޭޝަން، ޑރ.އިބްރާހިމް ހަސަން

މަތީ ތައުލީމާ ބެހޭ ގާނޫނެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ރޭ ވާހަކަދައްކަވަމުން މިނިސްޓަރު ހަސަން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުތަކުގެ ތެރެއިން އެ މިނިސްޓްރީއާ ހަވާލުކުރި ވައުދުތައް ނިމުމާ އެކު މިހާރު އެ މިނިސްޓްރީން އަމާޒު ހިފާފައި ވަނީ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ އެކްޝަން ޕްލޭންގައި ހުރި ކަންތައްތައް ފުރިހަމަ ކުރުމުގެ މަސައްކަތަށް ކަމަށެވެ.

"ރާއްޖޭގެ މަތީ ތައުލީމާ ތަމްރީނުގެ ކަންތައްތައް ބައްޓަންވެގެން ދާނީ އަމްބްރެއްލާ ގަވާއިދެއް އޮންނަ އެބަޖެހޭ. އެ ނެތި ކަންތައް ކުރަންވީމަ ބައެއް ފަހަރު އެޑް ހޮކްކޮށް ކަންތައް ކުރަމުންދަނީ. އެހެންވީމާ އަޅުގަނޑުމެން ހަޔަރ އެޑިއުކޭޝަން އެކްޓެއްގެ މަސައްކަތް އެބަ ކުރަން" މިނިސްޓަރު ވިދާޅުވިއެވެ.

މީގެއިތުރުން ރާއްޖޭގެ މަތީ ތައުލީމު ކަންތައްތައް ފުރިހަމަ ކުރުމަށްޓަކައި އިތުރު މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން މަތީ ތައުލީމު ފޯރުކޮށްދޭ ފަރާތްތަކަށް ގަވަނެންސްގެ ދާއިރާއިން އެކި ޓްރެއިނިން ފުރުސަތު ފަހިކޮށްދިނުމާއި މަތީ ތައުލީމަށް ކިޔަވާ ކުދިންނަށް އޮންލައިން ލައިބްރަރީ ސާވިސް ފޯރުކޮށްދިނުމަށް އެ މިނިސްޓްރީން މަސައްކަތް ކުރާނެކަން މިނިސްޓަރު ހަސަން ފާހަގަކުރެއްވިއެވެ.

އަދި ނެޝަނަލް ރިސަރޗް ކައުންސިލެއް ގާއިމް ކުރުމާއި ޖޫނިއަރ ކޮލެޖް ހެދުމުގެ މަސައްކަތް ވެސް ކުރަމުންދާކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.