Last Updated: April 26, 11:19
Friday, April 26, 2024
ޚަބަރު

މަސްތުވާތަކެއްޗާއެކު ފިރިހެނަކާއި ކުޑަކުއްޖަކު ހައްޔަރުކޮށްފި

ފޮޓޯ- ޕޮލިސް

ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މާލޭގެ ގެއެއް ބަލައިފާސްކޮށް މަސްތުވާތަކެތި ހޯދައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 18 އަހަރުގެ ފިރިހެނަަކާއި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖެއްކަމަށް ފުލުހުން ބުނެއެވެ.

މި ދެމީހުންވެސް ހައްޔަރުކޮށްފައިވަނީ މާލޭގެ ގެއެއްގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ބޭނުންކޮށް، ވިޔަފާރިކުރަމުންދާކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ފުލުހުންގެ އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް ގުޅިގެން މި މަހުގެ 14 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ގެއެއް ބަލައިފާސްކޮށް، އެގޭތެރެއިން ކަމަށް ފުލުހުން ބުނެއެވެ.

މި އޮަޕަރޭޝަނުގައި ފުލުހުން އެގެއަށް ވަދެ އެގޭ ކޮޓަރިއެއްގައި ޓަކި ޖެހުމުން އެދެމީހުން ވަނީ ދޮރުގައި ހަރުކޮށްފައިހުރި ޑޯވިއު އިން ބެލުމަށްފަހު ކޮޓަރި ތަޅުލާފައެވެ. އަދި ދޮރު ތަޅުލުމުން ފުލުހުންވަނީ ގަދަކަމުން ކޮޓަރީގެ ދޮރު ހުޅުވައިގެން ވަދެ އެދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

މިދެމހުންގެ ހާޒިރުގައި ފުލުހުން އެކޮޓަރި ބަލައިފާސްކުރިއިރު ފާޚާނާ ކުރިމަތީ ތަޅުންގަނޑުމަތީގައި އޮތް ރަބަރު ޕެކެޓެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 13 ސެލޯފިންކޮޅު ފެނިފައިވެއެވެ. އަދި ފުލުހުން އެކޮޓަރިއަށް ވަތްއިރު ކޮޓަރީ ފާޚާނާ ކައިރީގައި ހުރި މީހާގެ އަތުގެ މުލައްދަނޑިއާ ހިސާބަށް ތެމިފައިހުރުމުން، އޭނާ ފާޚާނާއަށް ވަދެ އެއްޗެއް ފޮރުވާފައިވާކަމަށް ބެލެވިގެން ފުލުހުން ވަނީ ފާޚާނާ ތަށި ނައްޓާލައިގެން ބަލާފައެވެ.

އެގޮތުން ފާޚާނާ ތަށި ތެރެއިން ރަބަރު ޕެކެޓެއްގެ ކޮޅު ފެންނަން ހުރުމުން ފާޚާނާ ތަށި ހަލާކުކޮށްލައިގެން ބަލައިފާސްކުރިއިރު ތަށީގެ ގުދު ތެރެއިން ފެނުނު ރަބަރު ޕެކެޓެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 39 ރަބަރު ޕެކެޓް ފެނިފައިކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.