Last Updated: April 26, 23:59
Friday, April 26, 2024
ކުޅިވަރު

ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާކަމުގެ އިޝާރާތެއް ޕޮގްބާ ދީފި

މެންޗެސްޓަރ ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާކަމުގެ އިޝާރާތެއް އެ ކްލަބަށް ކުޅެމުން އަންނަ ފްރާންސްގެ މިޑްފީލްޑަރު ޕޯލް ޕޮގްބާ ދީފިއެވެ.

ޕޮގްބާ ޔުނައިޓެޑަށް ބަދަލުވީ 2016 ވަނަ އަހަރު ޔުވެންޓަސް އިން ކަމަށްވާއިރު، މީޑިޔާ ރިޕޯޓުތައް ބުނާގޮތުން މިފަހަރުގެ ޓްރާންސްފާ މާކެޓުގައި ޕޮގްބާ އަނބުރާ ގެންނަން ޔުވެންޓަސް އިން ބޭނުންވެއެވެ. މީގެއިތުރުން ޕޮގްބާ ގެންނަން މެންޗެސްޓަރ ޔުނައިޓެޑުން ވެސް ޝައުގުވެރިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި ކުރިއަށްދިޔަ ކޮމާޝަލް އިވެންޓެއްގައި ބައިވެރިވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ޕޮގްބާ ބުނީ ޔުނައިޓެޑްގައި ހޭދަކުރި ތިން އަހަރު ދުވަހުގެރޭ ރަނގަޅު އަދި ނުރަނގަޅު ކަންތައްތައް ވެސް ދިމާވެފައިވާ ކަމަށާއި އެއީ ކޮންމެ ތަނެއްގައި ވެސް ކަންކަން ހިނގާނެ ގޮތް ކަމަށެވެ.

އަދި މިދިޔަ ސީޒަނަކީ އޭނާގެ އެންމެ ބަރާބަރު ސީޒަން ކަމަށާއި ފަހަރުގައި މިއީ އާ ޗެލެންޖެއް ތަޖުރިބާކޮށްލަން އެންމެ ރަނގަޅު ވަގުތު ކަމަށް ގަބޫލުކުރާ ކަމަށްވެސް ޕޮގްބާ ބުންޏެވެ.

"އެހެން ތަނެއްގައި އާ ޗެލެންޖެއް ތަޖުރިބާ ކުރުމާ މެދު، ވިސްނަމުން މިދަނީ" ޕޮގްބާ ބުންޏެވެ.

ފްރާންސްގެ ގައުމީ ޓީމާއެކު ވޯލްޑް ކަޕް ވެސް ކާމިޔާބުކޮށްފައިވާ ޕޮގްބާ ވަނީ މިހާތަނަށް ޔުނައިޓެޑަށް 92 މެޗު ކުޅެދީ 24 ގޯލު ކާމިޔާބުކޮށްދީފައެވެ. އޭނާ ވަނީ ޔުނައިޓެޑާއެކު ޔޫރޮޕާ ލީގެއްގެ އިތުރުން އިނގިރޭސި ލީގު ކަޕެއް ކާމިޔާބުކޮށްފައެވެ.

އުމުރުން 26 އަހަރުގެ ޕޮގްބާ ޔުނައިޓެޑާ އެކު ހަދާފައިވާ ކޮންޓްރެކްޓު ހަމަވާނީ 2021 ވަނަ އަހަރުގެ ޖުލައި މަހުއެވެ.