Last Updated: April 25, 22:42
Thursday, April 25, 2024
މުނިފޫހިފިލުވުން

ދީވާނާ 2 (ސައުރަވަންނަ ވަނަބައި)

ޝައުންގެ ކޮޓަރި ހުރަސްކޮށް ކާކޮޓަރިއަށް ދަމުން އޭނާއަށް އިޚްތިޔާރަކާ ނުލައި ހުއްޓިލެވުނެވެ. މިދޮރުގެ އެތެރޭގައި ހިނގަނީ ކޮންފަދަ ކަމެއްބާއޭ އޭނާގެ ހިތަށްއެރިއެވެ. ދޮރުންބޭރުގައި ހުރެގެން އެތެރެ ފެންނަ ކަހަލަ ބާރެއް އޭނާއަށް ލިބިފައިވާނަމައޭ އެވަގުތު އޭނާގެ ހިތަށްއެރިއެވެ. އެހެންނަމަ އޭނާގެ ހިތުގައިވާ ޝައްކުތަކާއި ވަސްވާސްތަކަކީ ބޭކާރު އެއްޗެއްކަން ނުވަތަ ނޫންކަން އޭނާއަށް އެނގުނީހެވެ. އެއްވެސް ބިރެއްނެތި ހަމަޖެހިލައިގެން އޭނާއަށް ނިދާލެވުނީހެވެ. ދޮރާދިމާއަށް ބަލަހައްޓައިގެން ހުރިއިރު، އޭނާގެ ޚިޔާލުގައި އާއިންއާއި ޝައުންގެ ގައިގޯޅި މަންޒަރު ސިފަކުރެވެމުން ދިޔައެވެ. އޭނާއާ ދިމާ އާއިން ބަލާފަދަ ލޯބިވެތި ނަޒަރަކުން ޝައުންއަށް ބަލާނޭ ހިތަށްއެރުމުންވެސް އޭނާގެ ހިތަށް ނުބައިގޮތެއް ވެގެންދިޔައެވެ.
ބޭރުގައި ހުރެގެން ފަރަހަނާޒްގެ ޚިޔާލީ ލޮލަށް މަންޒަރު ސިފަކުރަމުން ދިޔައިރު، ހަޤީޤަތުގައިވެސް އެފަދަ މަންޒަރެއް އެކޮޓަރިތެރޭގައި ހިނގަމުންދިޔައެވެ. އާއިންގެ އަތުތެރޭގައި ހައްޔަރުވެފައި އިން ޝައުންގެ ހިތްއެދި ގޮވަމުންދިޔައީ އާއިންގެ އަތުތެރޭގައި އުމުރަށް އެގޮތަށް ވުމަށެވެ. ހިނދުކޮޅަކަށް އޭނާގެ ނަފުސުވެސް އެކަމުގައި ބެހިގެން ދިޔައެވެ. އާއިންގެ ހޫނުނޭވާތައް އޭނާގެ ކަނދުރާއަށް އެޅެންފެށުމުން އިޚްތިޔާރަކާއި ނުލައި އޭނާއަށް ލޯމަރާލެވުނެވެ. އާއިންގެ ތުންފަތް އޭނާގެ ކަނދުރާގައި ބީހިލުމާއެކު އިކްތިޔާރަކާއި ނުލައި އޭނާއަށް ތެޅިގަނެވުނެވެ. ނަމަވެސް އާއިން ހިފަހައްޓަފައިހުރިލެއް ބާރުކަމުން އަތުތެރެއިން ލޫދިގެން ދެވޭގޮތެއްނުވިއެވެ. އޭނާގެ ހިތުގެ ތެޅުންވެސް އިންތިހާއަށް ގަދަވެގެން ދިޔައެވެ. އާއިންގެ ހިތުގައި އުތުރިއަރަމުން ދިޔަ ޖަޒްބާތުގެ މަސްތީ އަސަރުތައް އޭނާގެ ލޮލުންވެސް ފާޅުވަމުން ދިޔައެވެ. ޝައުންގެ މަޑުމަޑު ހަށިގަނޑުގެ ހޫނުކަމުން އޭނާގެ ޖިސްމުގައި ހުޅުރޯވެއްޖެއެވެ. އޭނާގެ ކޮންމެ ބީހިލުމެއްގެ އަސަރު އެޒުވާން ހަށިގަނޑަށް ހަލަބޮލިކަން ގެންނަމުން ދިޔައެވެ. ޝައުންގެ ދުލުން ނުބުނިނަމަވެސް އޭނާވެސް އާއިންގެ ބީހިލުންތަކަށް ބޭނުންވެފައިވާކަން އާއިންއަށް ގަބޫލުކުރެވުނެވެ. އެހެންކަމުން އޭނާ ދެވަނަފަހަރަށްވެސް އޭނާގެ ހަރަކާތް ތަކުރާރުކުރިއެވެ. މިފަހަރުވެސް ޝައުންއަށް ސިހުންލިބި ތެޅިގަނެވުނެވެ. އޭނާގެ ހިތުގެ ތެޅުން ހިނދެއް ހިނދަކަށް އަވަސްވަމުންގޮސް އޭނާގެ ހަށިގަނޑުގައި މަޑު ތުރުތުރު އުފެދިއްޖެއެވެ.
އެތައް ދުވަހަކުއްސުރެ އެލޯތްބަށް ކަރުހިއްކައިގެންފައިވާ އޭނާގެ ނަފްސުގެ ކަރުހިއްކުން އޭގެ އިންތިހާއަށް ނުދަނީސް ކުއްލިއަކަށް އޭނާގެ ޒަމީރު އޭނާ ހޭލައްވާލިއެވެ. މިކުރެވެނީ ރަނގަޅުކަމެއް ނޫންކަން އޭނާއަށް ބުނެދިނެއެވެ. އާއިންގެ ކުރިމަތީގައި ބަލިކަށިވެގެން ނުވާނެއެވެ. މުޅި އުމުރަށް އާއިންގެ މީހަކަށް ވެވެން ނެތްއިރު، ވަގުތީ އުފފަލަކަށްޓަކައި އޭނާގެ ޒުވާންކަން ޤުރުބާން ކުރުމުގެ ބޭނުމަކީ ކޮބާހެއްޔެވެ؟ އާޚިރުގައި އެކަމުން ލިބޭނީ ވޭނާއި ހިތްދަތިކަމެވެ. އާއިން ޖަޒްބާތުގައިޖެހި އޮޔާބެހެމުން ދަނިކޮށް ކުއްލިއަކަށް އޭނާއަށް ސިހުންގެނުވީ ޝައުން އޭނާގެ އަތުގައި ދަތްއެޅުމުންނެވެ.
" އައުޗް" ވީތަދުން އާއިންއަށް އަޑެއް ލައްވާލެވުނެވެ. އަދި ބޭއިޚްތިޔާރުގައި ޝައުންގެ ގައިން ދޫކޮށް ލެވިއްޖެއެވެ. ދަނޑިވަޅު ބަލާފައި ޝައުން ދުވެގޮސް ފާޚާނާއަށްވަދެ ދޮރުތަޅުލިއެވެ. އޭރު އޭނާއަށް މާނޭވާ ލެވެމުންދިޔައެވެ. ހީވަނީ އެތައްމޭލަކަށް ދުވެފައި އައުމުގެ ސަބަބުން ހަށިގަނޑަށް ލޮޑުކަން ލިބިފައިވާ ހެންނެވެ. އޭނާ ދެލޯމަރައިގެން ހުރެފައި އާއިންގެ ތުންފަތުގެ ބީހުންތައް އިހުސާސްވަމުން ދިޔަހެން އޭނާއަށް ހީވެފައި ސިހިފައި ދެލޯހުޅުވާލެވުނެވެ. އާއިންއާއި ގާތްވުމުން އޭނާގެ ހިތަށް މިވާގޮތާއިމެދު ޚުދު އޭނާވެސް ހައިރާންވެއެވެ.
ޝައުން ކަންތައްކުރިގޮތުން ހައިރާންކަން ލިބިފައި ފާޚާނާއިގެ ދޮރާދިމާއަށް ބަލަން އާއިންއަށް އިނދެވުނެވެ. އޭނާގެ ކޮންމެ ބީހިލުމާއެކު ޝައުންގެ ހަށިގަނޑަށްވަމުން ދިޔަގޮތްތައް އޭނާ ރަނގަޅަށް ފެނުނެވެ. އަދި އޭނާއެކޭ އެއްފަދައިން ޖަޒްބާތުގައި ޝައުންވެސް ބެހިގެންދިޔަކަން އޭނާއަށް ޔަޤީންވެސް ވެއެވެ. ވީއިރު، ހަމަކުއްލިއަކަށް ޝައުން ދުވެފިލީ ކީއްވެގެން ހެއްޔެވެ؟ އޭނާގެ ބީހިލުންތަކަށް ޝައުން ނުރުހެނީ ހެއްޔެވެ؟ ނޫންނަމަ ބިރުގަންނަނީ ހެއްޔެވެ؟ އޭނާގެ ލޯތްބަށް އަދިވެސް ޝައުންއަށް އިތުބާރު ނުކުރެވެނީ ހެއްޔެވެ؟ އޭނާއާ އެއްވެސް ގުޅުމެއްބާއްވަން ހަޤީޤަތުގައިވެސް ޝައުން ބޭނުން ނުވަނީ ހެއްޔެވެ؟ އޭނާ ކުރިން ހީކުރަމުން އައީ ޝައުން އެގޮތަށް ޝަރުތުކުރީ ހަމައެކަނި އޭނާ ތަޅުވަން ކަމަށެވެ. އޭނާގެ ކެތްތެރިކަމުގެ އަޖުބަ ބަލާލުމަށް ކަމަށެވެ. ނަމަވެސް މިހާރު އޭނާގެ ހިތުގައި ސުވާލު އުފެދިއްޖެއެވެ. ޝައުން ހަޤީޤަތުގައިވެސް އޭނާގެ ލޯތްބަށް އިންކާރު ކުރަނީ ހެއްޔެވެ؟ ނޫންނަމަ އަދިވެސް އޭނާ ތަޅުވަނީ ހެއްޔެވެ؟
އާއިން އެގޮތުގައި ވިސްނަން އެތައްއިރަކު އިނެވެ. ޝައުން ނުކުންނާނެ ކަމުގެ އިންތިޒާރުގައި އިނދެ އިނދެވެސް ޝައުންގެ ޚަބަރެއްނުވުން އޭނާ އެނދުން ތެދުވިއެވެ. އަދި ފާޚާނާ ކައިރިއަށް ގޮސް ޝައުންއަށް ގޮވިއެވެ. ދެތިން ފަހަރު ގޮވުމުންވެސް ޝައުން ޖަވާބެއް ނުދިނެވެ. އެންމެފަހުން މާޔޫސްވެގެން އޭނާ ދަނީކަމުގައިބުނެ ކޮޓަރިން ނުކުތެވެ.
ޝައުންގެ ކޮޓަރި ދޮރުހުޅުވުމާއެކު، ސޯފާގައި އިން ފަރަހަނާޒްއަށް ސިހިފައި ތެދުވެވުނެވެ. ދެމީހުންގެ ހަތަރުކަވީ ވަގުތު އާއިން ބަލަންހުރިގޮތުން ފަރަހަނާޒަށް ކުށްވެރިކަމުގެ އިހުސާސެއް ކުރެވި އިސްޖަހާލެވުނެވެ. ޚުދު އާއިންއަށްވެސް ކުރެވުނީ އެފަދަ އިހުސާސެކެވެ. ފަރަހަނާޒް އެތާނގައި އިނީތީ އާއިން ހިތުގައި ސުވާލު އުފެދުނު ނަމަވެސް ބަހެއް ނުބުނެ އައިސް އޭނާވެސް ސޯފާގައި އިށީނެވެ.
" ކޮފީއެއް ހަދަންތަ؟…." ޖެހިލުންވެހުރެ ފަރަހަނާޒް އެހިއެވެ.
" ހޫމް" އާއިން ކުރުގޮތަކަށް ޖަވާބުދިނުމުން ފަރަހަނާޒް އަވަސް އަވަހަށް ގޮސް ކޮފީއެއް ހަދާލައިގެން އައެވެ.
" ނާޒް ނުނިދަންތަ؟.." ކޮފީތަށީގައި ހިފަމުން އާއިން އަހާލިއެވެ.
" ބަނޑުހައިވެގެން ކޮފީއެއްބޯން ނުކުތްގޮތަށް މިތާ އިނދެވުނީ…" އާއިން ހިތްހަމަ ނުޖެހުނީހެން ހީވެގެން ފަރަހަނާޒް ޖެހިލުންވިއެވެ.
" ދެން ކޮފީ ބޮއެފިންތަ؟…" އާއިން އެއިން ގޮތަށް އިނދެ އެހިއެވެ.
" ނޫން…އެކަނިވީމަ ކޮފީބޯހިތްނެތީ…" ފަރަހަނާޒް މަޑުމަޑުން ބުނެލިއެވެ.
" އެހެންވީމަ މިހާރު، އަހަރެންނާއެކީ ކޮފީބޯންވީނު…" އާއިން އެދުނެވެ. ފަރަހަނާޒް ގޮސް ކޮފީއެއް ހަދައިގެން އައިސް އާއިންގެ ގާތުގައި އިށީނެވެ. ހިމޭންކަމާއެކު ތިބެ ދެމީހުންވެސް ކޮފީބޮމުން ދިޔައިރު، ދެމީހުންވެސްވަނީ ވިސްނުމަކަށް ގެއްލިފައެވެ. އާއިން ވިސްނަމުން ދިޔައީ ފަރަހަނާޒް އެތަނަށް ނުކުމެ އިނީތީ އެކަމާއެވެ. އަނެއްކޮޅުން ފަރަހަނާޒް ވިސްނަމުން ދިޔައީ އާއިންއާއި ޝައުންގެ މެދުގައި ހިނގިކަމަކާމެދުގައެވެ. އިރުކޮޅެއްކުރިން އާއިން ޝައުންއަށް ގޮވާއަޑު އޭނާއަށް އިވުނެވެ. އެހެންކަމުން ޝައުން އަދިވެސް އުޅެނީ ހޭލާކަންވެސް އޭނާއަށް އެނގުނެވެ. އެހެންވެއްޖެނަމަ މިހުރިހާއިރު، އެދެމީހުންކުރީ ކީއްހެއްޔެވެ؟ ވާހަކަދައްކާ އަޑެއްވެސް ނީވެއެވެ. ހަމަހިމޭންކަމުގައި އެދެމެދުގައި ކަމެއް ހިނގީ ހެއްޔެވެ؟ ނަމަވެސް އާއިންގެ މޫނުމަތިން ފެންނަނީ ނުތަނަވަސްކަމެވެ. އެދެމެދުގައި ދެބަސްވުމެއް ހިނގީ ހެއްޔެވެ؟ ނަމަވެސް ބަސްމޮށުންތެރިކަމާނުލައި ހިނގާނެ ދެބަސްވުމެއް އޮންނާނެ ހެއްޔެވެ؟
ކޮފީބޮއެ ނިމުނުއިރު ހުރީ ފަތިސްވުމަކާއި ގާތްވެފައެވެ. އެހެންކަމުން އާއިންއާއި ފަރަހަނާޒްވެސް އިތުރަށް ނިދާކަށް ނުވިސްނައެވެ. އާއިން ކޮޓަރިއަށް ގޮސް ފެންވަރާލައި ތާޒާވެލުމުން ފަރަހަނާޒްވެސް ފާޚާނާއަށްވަދެ ވުޟޫކޮށްލައިގެން އައިސް ޤުރުއާން ކިޔަވަންފެށިއެވެ.
އަނެއްކޮޅުން ޝައުން އޭނާގެ އެނދުގައި އޮވެގެން އާއިންއާމެދު ވިސްނަމުން ދިޔައެވެ. އޭނާއަށް މިރޭ ކަންތައްކުރެވުނީ ރަނގަޅަށްބާއޭ ހިތަށްއަރަމުން ދިޔައެވެ. އެކަމުގެ ސަބަބުން އާއިން އޭނާދެކެ ރުޅި އަތުވެދާނެތީވެސް އޭނާ ދެރަވެއެވެ. ނަމަވެސް އާއިންއާއެކު ގުޅުމެއް ހިނގައިފިނަމަ ފަހުން ވާންޖެހޭދެރަ ބޮޑުވާނެއެވެ. ވީއިރު އޭނާ ކަންތައްކުރީ އެންމެ ރަނގަޅަށެވެ. މިވަގުތު ދެރަވިނަމަވެސް ފަހުން އެކަމުގެ ހިތާމަކުރާކަށް ނުޖެހޭނެއެވެ.
ފަތިސްނަމާދު ވަގުތުވީއިރު، ވާރެވެސް ހުއްޓާލައިފިއެވެ. އެހެންކަމުން އާއިން ދިޔައީ މިސްކިތަށެވެ. މަގުމަތީގައި ފެންގަނޑު ހެދިފައިވީނަމަވެސް ސައިކަލުގައި ނުދެވޭވަރެއް ނުވެއެވެ. ނަމާދުކޮށްގެން އާދެވުނުއިރު، އާއިންހުރީ ނިންޖަށް ބަލިވެފައެވެ. އެހެންކަމުން އޭނާ ހެދުން ބަދަލުކޮށްލައިގެން އެނދުގައި އޮށޯތެވެ.
****
ޝައުންއަށް ހޭލެވުނީ މީހަކު ދޮރުގައި ޓަކިދޭއަޑަށެވެ. ކަންނެތްކަމާއެކު ލޯހުޅުވާލަމުން އޭނާ ގަޑިބަލާލިއެވެ. އޭރުގަޑިން މެންދުރުން އަނބުރާ އެކެއްވެސް ޖަހައިފިއެވެ. ރޭގައި ނުނިދުމުގެ ސަބަބުން އޭނާއަށް މިއަދު މާގިނައިރު ނިދިއްޖެއެވެ. އޭނާ ތެދުވެގެން ގޮސް ދޮރުހުޅުވާލިއިރު، ދޮރުމަތީގައިހުރީ އައިރާއެވެ.
" އޭތް…އަވަހަށް ފެންވަރާލައިގެން އެއްޗެއް ކާންއާދެބަލަ!…ތިހެންނުކައި އޮއްވާ ބަލިވެދާނެ…" ޝައުން ފެނުމާއެކު އައިރާ ބުނެލިއެވެ.
" ހޫމް…ވަދޭ އެތެރެއަށް…އަހަރެން ފެންވަރާލާނަން…" އައިރާއަށް ތަންދައްކަމުން ޝައުން ބުނެލިއެވެ. އައިރާ އައިސް އެނދުގައި އިށީނުމުން ޝައުން ގޮސް ފާޚާނާއަށް ވަނެވެ.
އިރުކޮޅެއްފަހުން ދެކުދިންތިބީ ފަހުދުމެންގެ ކާކޮޓަރީގައެވެ. ޝައުން ނުކާތީ، އާއިންގެ އެދުމަށް އައިރާވެސް ކެއުން ފަސްކޮށްލީއެވެ. އާއިންއާއި ޝައުންގެ މެދުގައި ކޮންމެވެސް ކަހަލަ ދެބަސްވުމެއް ހިނގިކަމުގެ އަލާމާތް އައިރާއަށް އާއިންގެ ފުށުން ފެނުނެވެ. އެހެންކަމުން އޭނާ އާއިންއާ ސުވާލުކުރުމެއްނެތި އާއިންގެ ބުނުމަށް އެއްބަސްވިއެވެ.
" ޝައުން…މިރަށް ކަމުދޭތަ ޝައުންއަށް؟…" ކެއުމުގެ ތެރެއިން މައިރާ ސުވާލުކޮށްލިއެވެ.
" އަދި ނޭނގެ…އަދިޖެހޭނީ ރަށްއެއްކޮށް ބަލާލާކަށްނު….އޭރުންނެއްނު ކަމުދާކަމެއް އެނގޭނީވެސް…." އާދައިގެ ގޮތަކަށް ޝައުން ބުނެލިއެވެ.
" މިއަދު ހަވީރުން މަހަށްދާ ވާހަކަ ދޮންބެބުނި….ޝައުން ދާނަންތަ؟….އަހަރެން ބޭނުން އެމީހުނާއެކުދާން…" އައިރާ ޚިޔާލު ފާޅުކުރިއެވެ.
" އަހަރެންވެސް ދާހިތްވޭ…އެކަމު މިއަދު އެހާމޫޑެއްނެތް…" ޝައުން ބުނެލިއެވެ.
" އެހެންތަ….އެހެންވީމަ އަހަރެންވެސް ނުދާނަން….އަހަރެމެން ހިނގާ ކޮންމެވެސް އެހެންކަމެއް ރާވަން….ޝައުން ތިހުންނަނީ މިރަށަށް އައީއްސުރެ މޫޑީވެފަވިއްޔަ…އެހެންވީމަ މިއަދުޖެހޭނެ ކޮންމެވެސް ކަމެއްކޮށްލަން…" އައިރާ ބޭނުންވީ ޝައުންގެ ހިތްހަމަ ޖައްސައިދިނުމަށެވެ.
އެދުވަހުގެ ބާކީ އޮތްތާނގައި ޝައުން ވަގުތު ހޭދަކުރީ އައިރާއާއި އެކުގައެވެ. ހަވީރު ސައިގެ ވަގުތުގައި އޭނާއަށް އާއިން ފެނުނުނަމަވެސް އާއިން މާބޮޑަށް އޭނާއަށް އަޅައެއްނުލައެވެ. އާއިން އުޅުނީ އަޔާނާއާއެކު ކަމެއްގައި މަޝްއޫލުވެގެންނެވެ. ނަމަވެސް ފަރަހަނާޒް އޭނާއަށް ބަލާލީ ތަފާތުގޮތަކަށްހެން އޭނާއަށް ހީވިއެވެ. އެހެންނަމަވެސް އޭނާ އެކަމާމެދު މާބޮޑަކަށް ނުވިސްނައެވެ. އޭނާބެލީ ވީހާވެސް ބޮޑަށް އާއިންއާއި ފަރަހަނާޒާވެސް ދުރުގައި އުޅެވޭތޯއެވެ. އޭނާ މިރަށަށް އައީ ހަމައެކަނި ހިތްހަމަޖައްސާލުމަށެވެ. ވީއިރު ބޭކާރު ކަންމަކާއި ވިސްނައިގެން އޭނާގެ ހިތްނުތަނަވަސް ކުރާކަށް ބޭނުމެއްނޫނެވެ.
****
އެރަށުގައި ދެދުވަސް ހޭދަވެގެން ދިޔައިރު، ޝައުންހުރީ މުޅީން ހަމައަކަށް އެޅިފައެވެ. އައިރާއާއެކު އޭނާ ރަށުތެރެބެލުމާއި މޫދަށްއެރުމާއި ބައިސްކަލު ދުއްވުންފަދަ ކަންކަން ކޮށް ހިތްއުފާކުރަމުން ދިޔައެވެ. އަނެއްކޮޅުން އާއިންއާއި ފަރަހަނާޒްވެސް އެކީގައި ވަގުތު ހޭދަކޮށް ހިތަށް ތަސައްލީހޯދަމުން ދިޔައެވެ.
މޫސުންވެސް ރަނގަޅުވުމާއެކު ތިންވަނައަށްވީ ދުވަހު، އާއިންމެން އަނެއްކާވެސް މަދަތުރެއް ރޭވިއެވެ. އެދުވަހުގެ ދަތުރުގައި އަހުސަންއާއެކު ރަށުގެ ޒުވާނުންކޮޅެއްވެސް ބައިވެރިވިއެވެ. އެއީ ކުރިން އާއިން އެރަށަށް އައިސް އުޅުނުއިރު ރަހުމަތްތެރިވީ ކުދިންކޮޅެކެވެ. އެމީހުން ދަތުރުގެ ކަންކަން ރާވަމުން ދަނިކޮށް، އަންގާލުމަކާއި ނުލައި އިމާދު އައިސް ފަހުދުމެންގެ ގެޔަށް ވަނެވެ. އެއީ އިމާދު ރަށުން ބޭރުގައި އުޅެފައި ރަށަށް އައި ދުވަހެވެ. އޭނާއަށް މަގުމަތިން އާއިން ސައިކަލުގައި ދަނިކޮށް ފެނުމުން އެކަން ޔަޤީންކުރުމަށްޓަކައި އޭނާ އައީއެވެ. ކުއްލިއަކަށް އިމާދު ފެނުމުން އާއިންހުރީ ޖެހިލުންވާ ގޮތްވެފައެވެ. އިމާދުއާމެދު އޭނާއަށް ކަންތައް ކުރެވިފައިވަނީ އެންމެ ރަނގަޅަކަށް ނޫނެވެ. އިމާދު އެކަމާއި ނުރުހުންވެފައި ހުރެދާނެތީ އޭނާ ކަންބޮޑުވިއެވެ. ނަމަވެސް އިމާދުގެ މޫނުމަތިން ފެނުނީ އުފާވެރި ހިނިތުންވުމެކެވެ. ދެވަނަ ފަހަރު އެރަށަށް އައީތީ އާއިންއަށް މަރުޙަބާވެސް ކީ ހިނިތުންވެ ހުރެއެވެ.
" ނާޒްއާ ކައިވެނިކުރިއިރު އަންގާވެސް ނުލާ….އެހެންވީމަ އަހަރެންނަށް ކައިވެނި ސަޔަށްވެސް ދަރާފަ ތިހުރީ….މިފަހަރު ދާންވާނީ ދަރަނި އަދާކޮށްފަ…" ސަމާސާ ރާގެއްގައި އިމާދު ބުންޏެވެ.
އިމާދުއަށް ކެހިދިނުމަށްފަހު ފަރަހަނާޒްއާއި އާއިން ކައިވެނިކޮށްގެން ހުރީތީވެސް އިމާދުގެ ފަރާތު ރުޅިވެރިކަމުގެ އެއްވެސް އަސަރެއް ނުފެނުނެވެ. ވަށްބަހަކުން ޖަހާލާފައި ދިމާކޮށްލުމަކުން އިމާދު އެކަން ނިންމާލީތީ އާއިންހުރީ ރަނގަޅަށްވެސް ހައިރާންވެފައެވެ. ފަހަރެއްގައި ގިނަދުވަސްވުމުގެ ސަބަބުން އެކަމުގެ ރުޅި ފިލާފައި ހުރީކަމަށްވެސް ވެދާނެއޭ އާއިންގެ ހިތަށްއެރިއެވެ. ކޮންމެއަކަސް އިމާދުގެ އެހިތްހެޔޮކަމާއި ގާތްކަމުން އާއިންގެ ހިތަށް ހަމަޖެހުން ލިބުނެވެ. އިމާދު ފެނުމުން ބިރުގަނެފައިހުރި ފަރަހަނާޒްވެސް ހަމައަކަށް އެޅުނެވެ. އިމާދުވެސް އާއިންމެންގެ މަސްދަތުރުގައި ބައިވެރިވިއެވެ. ކުރިއެކޭ އެއްވެސް ތަފާތެއްނެތި އެންމެނާއި ގުޅިގެން އޭނާ މަސައްކަތްކުރިއެވެ.
ރޭގަނޑުގެ ވަގުތެވެ. ފަރަހަނާޒް އެނދުގައި އޮށޯވެލައިގެން އޮތީ ވިސްނުމަކަށް ގެއްލިފައެވެ. އޭނާގެ ޚިޔާލުގައި މާޒީގެ ސޮފްހާތައް އުކެމުން ދިޔައެވެ. އިމާދު އޭނާގެ ފަހަތުން އުޅުނު ދުވަސްވަރުގެ ބިރުވެރި ޚިޔާލުތައްވެސް އޭނާގެ ހިތަށް ވަންނަމުން ދިޔައެވެ. މާޔޫސްކަމާއި ބިރުވެރިކަމުގެ ކަނޑެއްގައި އޭނާ ގެނބެމުންދަނިކޮށް، އާއިން އޭނާ ސަލާމަތުގެ އައްސޭރިއަކަށް އޭނާ ގެންގޮސްދިނެވެ. އެއީ ކިހާ އުފާވެރި ހަނދާންތަކެއް ހެއްޔެވެ؟ އޭނާގެ ޙަޔާތުން ހުރިހާ ބިރުވެރިކަމެއް ފިލައި އޭނާގެ ހިތް އާއިންގެ ލޯބިން ފުރާލަދިނެވެ. އޭނާއަކީ ދުނިޔޭގައިހުރި އެންމެ އުފާވެރިމީހާއޭ ހިތަށްއަރާވަރަށް އޭނާއަށް އުފާލިބުނެވެ. ނަމަވެސް ވަގުތާއި ހާލަތާއިއެކުގައި އަނެއްކާވެސް އޭނާގެ ދިރިއުޅުން މިވަނީ ބަދަލުވެފައެވެ. ހަމައެކަނި އޭނާގެ މީހެއްގެ ގޮތުގައިހުރި އޭނާގެ ލޯބިވާ ފިރިމީހާ އެވަނީ އެހެންމީހަކާ ހިއްސާކުރަން ޖެހިފައެވެ. އޭނާއަށް ނޭނގޭ މާޒީއެއް ހިތުގައި ފޮރުވައިގެން ހުރެ އާއިން އޭނާގެ ޙަޔާތަށް އައީތީ އޭނާގެ ހިތްވަނީ ޝަކުވާއިން ފޯވެފައެވެ. ރޭގައި އާއިންގެ މޫނުމަތިން ފެނުނު އުދާސްކަމަކީ އޭނާގެ މާޒީއާއި ގުޅުންހުރި ކަމެއްކަން ޔަޤީނެވެ. އެދެމެދުގައިވީ ވިހި އަހަރުގެ ގުޅުމުގެ ވަރުގަދަކަމުގެ ދަދީލެކެވެ. އާއިން ފާޅުގައި ނުބުނި ނަމަވެސް އެހިތުގައި ޝައުންއަށްޓަކައި ޖާގައެއް ދެވިފައިވާކަން އަބަދުވެސް ފަރަހަނާޒަށް އެނގެއެވެ. އާއިންއަކީ ހަމައެކަނި އޭނާގެ މީހަކަށް ނުހެދޭނެކަން އޭނާ ޖެހޭނީ ގަބޫލުކުރާށެވެ. އޭނާ ގެނބެމުންދިޔަ ކަނު އަނދިރިކަމުން ސަލާމަތްކުރީތީ އުމުރަށްވެސް އޭނާވަނީ އާއިންއަށް ޝުކުރުވެރިވާންޖެހިފައެވެ. އާއިން އޭނާއަށްޓަކައި ވެދިން އިހުސާންތެރިކަމުގެ ބަދަލުގައި މިދިރިއުޅުންވެސް އޭނާ ހެޔޮހިތުން ޤަބޫލުކުރަން އޭނާއަށް ޖެހޭނެއެވެ. އާއިން ދެކެ އޭނާވީ ޠޯހިރު ލޯތްބަށްޓަކައި އޭނާ ޤުރުބާންވާންވެސް ހުރީ ތައްޔާރަށްކަށް އޭނާ ދައްކާނެއެވެ.
****
ފަތިހުގެ ވަގުތެވެ. އެންމެންވެސް ގޭތެރޭގައި ހޭލަމޭލަވަމުން ދިޔައީ މިއަދު ދާންއުޅޭ ދަތުރުގެ ކަންކަމުގައެވެ. ދަތުރު ގެންދަންޖެހޭ ތަކެތި ޕިކަޕަކަށް އަރުވައިގެން ބަނދަރާދިމާއަށް އަހުސަން މިސްރާބުޖެހުމުން ފަހުދު އަވަސްވެގަތީ މީހުން ގޮވައިގެން ދިއުމަށެވެ. އެންމެން ބަނދަރަށް ގެންދިއުމަށްޓަކައި ފަހުދަށް ދެތިން ދަތުރުކުރަން ޖެހުނެވެ. ފުރަން ތައްޔާރުވެފައިވާ ދޯންޏަށް އެންމެން އަރާނިމުނުއިރު، އިރުގެ ރަންދޯދިތަކުން އުދަރެސްވަނީ ދޮންކޮށްފައެވެ. އިރުއަރައިފި ކަމުގެ ނިޝާނެއްގެ ގޮތުންނެވެ. ފަހުދުއާއި އަހުސަންގެ އާއިލާގެ އިތުރުން އިމާދުގެ އާއިލާވެސް އެދަތުރުގައި ބައިވެރިވިއެވެ.
ނުނިމޭ