Last Updated: April 18, 06:09
Thursday, April 18, 2024
ދުނިޔެ

މިސްރުގެ ކުރީގެ ރައީސް މުރްސީ އަވަހާރަވެއްޖެ

މިސްރުގެ ކުރީގެ ރައީސް މުހައްމަދު މުރްސީ އަވާރަވެއްޖެއެވެ.

މިސްރުގެ ސްޓޭޓް ޓީވީން ބުނިގޮތުގައި މުރްސީ އަވަހާރަވީ މިއަދު އޮތް ޝަރީއަތުގެެ އަޑުއެހުމަކަށް ވަޑައިގެން ހުންނަވަނިކޮށެވެ. އެގޮތުން މުރްސީ އަވަހާރަވީ ކޯޓުގައި ބޭއްވި އަޑުއެހުމަށް ފަހު ހޭފުޅުނެތިގެން ވެއްޓިވަޑައިގެން ފަހުން ކަމަށް ވެސް ސްޓޭޓް ޓީވީން ބުނެއެވެ.

"ގާޒީއާ 20 ވަރަކަށް މިނެޓް ވަންދެން ވާހަކަދައްކަވަން ހުންނެވުމަށްފަހު، ކުއްލިއަކަށް ހޭފުޅުނެތިގެން ވެއްޓި ވަޑައިގެންނެވީ. ވަގުތުން މުރްސީ ހޮސްޕިޓަލަށް ގެންދެވުނު. އޭގެ އިރުކޮޅެއްފަހުން އަވާހަރަވީ" ކޯޓުގައި ހަރަކާތްތެރިވި އޮފިޝަލަކު ހާމަކުރިއެވެ.

ހުސްނީ މުބާރަކްގެ 30 އަހަރުގެ ވެރިކަން ނިމުމަކަށް ގެނައުމަށްފަހު، ޑިމޮކްރެޓިކް އިންތިހާބަކުން މިސްރުގެ ވެރިކަމަށް މުރްސީ ވަޑައިގެންނެވީ 2012 ވަނަ އަހަރުއެވެ. ނަމަވެސް 2013 ވަނަ އަހަރު އަސްކަރީ ބަޣާވާތެއް ގެނެސް މުރްސީ ވަނީ މަގާމުން ދުރުކޮށްފައެވެ.

އެއަށްފަހު މުރްސީގެ މައްޗަށް ގިނަ ދައުވާތަކެއް އުފުލާފައިވާއިރު، ފާއިތުވި ހަ އަހަރު ވަންދެން މުރްސީ އޮންނެވީ ޖަލުގައެވެ.

މީގެއިތުރުން މުރްސީ ނިސްބަތްވާ މުސްލިމް ބުރަދަހޫޑް ޖަމާއަތް ވެސް މިސްރުގައި ވަނީ މަނާކޮށްފައެވެ.