Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ބިގް ކުންފުނީގައި އަޅުގަނޑުގެ އެއްވެސް މަސްލަހަތެއް ނޯންނާނެ: ފައްޔާޒު

ބިޒްނަސް އިމޭޖް ގްރޫޕް (ބިގް) ގައި އެއްވެސް މަސްލަހަތެއް މިހާރު ނޯންނާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ބިގު ކުންފުންޏަކީ ސަރުކާރުގެ ކޮމިއުނިކޭޝަން ސެކްރެޓަރީ އަދި މިނިސްޓަރު ފައްޔާޒުއާ އާއިލީ ގޮތުން ގުޅުން އޮންނަ ހަސަން އިސްމާއިލްގެ 90 ޕަސެންޓު ހިއްސާ އޮންނަ ކުންފުންޏެކެވެ. ބިޒުނަސް އިމޭޖު ނުވަތަ (ބިގު) ކުންފުންޏަށް 30 މިލިއަން ރުފިޔާ ވަނީ ދީފައެވެ. އެއީ ބިޒްނަސް އިމޭޖް ގުރޫޕު (ބިގް) އާ އޭރު ދައުލަތުގެ މީޑިއާ ހިންގި އެމްއެންބީސީއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ބިގަށް 78 މިލިއަން ރުފިޔާ ދޭން ޖެހޭ ކަމަށް 2016 ވަނަ އަހަރު ސިވިލް ކޯޓުން ކުރި ހުކުމްގެ ތެރެއިން އެއްބައި ފައިސާއެވެ.

ބިގް ކުންފުންޏަކީ މިނިސްޓަރު ފައްޔާޒުގެ މަސްލަހަތު އޮތް ކުންފުންޏެއްތޯ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މަޖިލީހަށް ހާޒިރުވެ މިނިސްޓަރު ވިދާޅުވީ ބިގް ކުންފުންޏަކީ 2002 ވަނަ އަހަރު އެކުވެރިންތަކަކާއެކު ވަރަށް ބުރަ މަސައްކަތުން އުފައްދައިގެން ކުރިއަށް ގެންދަމުން އައި ކުންފުންޏެއް ކަމަށާއި ނަމަވެސް 2012 ވަނަ އަހަރު އޮތް އެމްޑީޕީގެ ސަރުކާރު ބަދަލުވުމުން އެ ކުންފުންޏަށް އެކި ގޮތްގޮތުން ގޯނާތައް އިތުރުވެގެންދިޔަ ކަމަށެވެ.

އަދި 2014 ވަނަ އަހަރު މަޖިލީހަށް އިންތިހާބުވެ އިސްލާހަށް ކުރެވުނު މަސައްކަތްތަކަކާ ގުޅިގެން އެ ކުންފުންޏަށް އަގު ނުކުރެވޭ ވަރުގެ ގެއްލުންތަކަކާ ކުރިމަތިލާން ފެށުމުން ސިޔާސީ ކަންކަން ދޫކޮށްލަން ނުވަތަ ކުންފުނި ބަންދުކުރަން އެހެން ހިއްސާދާރުން އެދުނު ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.

"2015 ވަނަ އަހަރު އެ ސަބަބަށްޓަކާ، އަޅުގަނޑުގެ ވެސް ވަރަށް ބުރަ މަސައްކަތުން އުފައްދާ ކުރިއަށް ގެންގޮސްފައިވާ ކުންފުންޏަކަށް ވާތީވެ، އަޅުގަނޑު ނިންމީ އެ ކުންފުނި އަށް ފުރުސަތެއް ލިބޭނީ އަޅުގަނޑު އޭގެއިން ވަކިވީމަ ކަމަށް. 2015 ވަނަ އަހަރުގެ މާޗު މަހުގައި އަޅުގަނޑު ވާނީ އެ ކުންފުނީގެ ހިއްސާދާރު ކަމާއި ޑިރެކްޓަރުންގެ ބޯޑުން ވަކިވެފައި" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ފައްޔާޒު ވިދާޅުވީ ސިވިލް ކޯޓުން އެ ހުކުމް ކުރިއިރު އޭނާގެ އެއްވެސް މަސްލަހަތެއް އެ ކުންފުނީގައި ނޯންނާނެ ކަމަށާއި އަދި މިހާރު އެ ކުންފުނީގެ ހިއްސާތައް އޮތީ ކިހިނެއްކަން ދަންނަވަން ވެސް ނޭނގޭ ކަމަށެވެ. ނަމަވެސް އޭނާގެ އެއްބަނޑު އެއްބަފާ ބޭބެގެ ހިއްސާ އެ ކުންފުނީގައި އޮތްކަން ޔަގީންކަމާ އެކު ދަންނަވަން ކެރޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.