Last Updated: April 26, 23:00
Friday, April 26, 2024
ޚަބަރު

ރިލްވާންގެ މައްސަލާގައި ހިމެނޭ މީހަކު ދޫކޮށްލީ ދީދީގެ އަމުރަށް!

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޢަބްދުﷲ ދީދީ -- ފޮޓޯ / އައްޑޫލައިވް

ގެއްލިފައިވާ ނޫސްވެރިޔާ އަޙްމަދު ރިލްވާނު ގެއްލުވާލި މައްސަލާގައި ތުހުމަތު ކުރެވުނު މީހަކު ބަންދުން ދޫކޮށްލީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ދީދީ ވިދާޅުވެގެން ކަމަށް ފުލުހުންނާ ހަވާލާދީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފިއެވެ.

ފުލުހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ފަނޑިޔާރު ޢަބްދުﷲ ދީދީގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ދަނީ ބަލަމުންނެވެ. އަދި އެ މައްސަލަ ކުރިއަށް ގެންދަނީ އާއްމުކޮށް ހުޅުވާލައިގެން ދަރުބާރުގޭގައެވެ.

މިއަދު ބޭއްވި އެ މައްސަލައިގެ އަޑުއެހުމުގައި ޖޭއެސްސީން ވަނީ ރިލްވާން ގެއްލުވާލުމުގައި ތުހުމަތުވާ މީހަކު ބަންދުން ދޫކުރުމުގައި ވަކި ކޮޅަކަށް ދީދީ ޖެހިވަޑައިގެންފައިވާ ކަމަށް ފުލުހުން ފޮނުވި ސިޓީއަކާ ހަވާލާދީ ބުނެފައެވެ.

"މާފަންނު ޝައިނިންގ ސްޓާރ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލާގައި ތަހުޤީޤަށް ފުލުހުން ހައްޔަރުކޮށްފަހުރި ސ ހުޅުދޫ އަތިރީއާގޭ މުހައްމަދު ސުވެއިދާއި، ސ.މީދޫ އަބްދުﷲ ހައިޝަމް ބަންދުން ދޫކުރެވޭނެ އިންތިޒާމް ހަމަޖައްސަން މާލޭގެ ކުށުގެ މާހައުލުގައި އުޅޭކަމަށް ފާހަގަކުރެވިފައިވާ މީހަކު ސަސްޕެކްޓް 1 އާ މުއާމަލާތް ކުރަމުން އައިއިރު އެ ދެމީހުންގެ މައުލޫމާތު ސަސްޕެކްޓް 1، ފަނޑިޔާރު އަބްދުﷲ ދީދީއަށް ޓެކްސްޓް މެސެޖުކޮށްފައި ވަނިކޮށް އެދެމީހުންގެ ތެރެއިން ސ ހުޅުދޫ އަތިރީއާގެ މުހައްމަދު ސުއައިދު އެވަގުތު ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތް ކަމަށް ކަނޑައަޅާ ބަންދުން ދޫކޮށްލާފައިވަނީ ފަނޑިޔާރު އަބްދުﷲ ދީދީކަން ފާހަގަކުރެވިފައިވޭ،" ފުލުހުން ފޮނުވި ސިޓީގައި ބުނެފައިވެއެވެ.

މީގެއިތުރުން އެމްއެމްޕީއާރްސީގެ ކޮރަޕްޝަން ފައިސާތަކެއް ދީދީ އަށް ލިބުނު ކަމާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ކަންތައްތަކެއް ހިންގާފައިވާ ކަމުގެ ތުހުމަތު ވެސް ފުލުހުން ކޮށްފައިވާކަން ޖޭއެސްސީން ވަނީ ބުނެފައެވެ.

މި ތުހުމަތުތަކަށް ޖަވާބުދާރީވާން ފުރުސަތު ދެއްވުމުން ފަނޑިޔާރު ދީދީގެ ވަކީލުންގެ ޓީމުން މައްސަލައަށް ޖަވާބުދާރީވެފައެއް ނުވެއެވެ. އޭގެ ބަދަލުގައި ވަކީލުން ވިދާޅުވަމުން ގެންދެވީ ފަނޑިޔާރު ދީދީ ސަސްޕެންޑް ކުރުމުގެ އިޖުރާޢަތްތައް ކުރިއަށް ގެންގޮސްފައި އޮތީ ނުބައިކޮށް ކަމަށެވެ.

ދީދީ ވިދާޅުވީ އެއްވެސް ރިޝްވަތުގެ އަމަލެއް ހިންގަވާފައި މިހާތަނަށް ނުވާނެ ކަމަށާއި އަދި އޭނާ މަސައްކަތް ކުރައްވަނީ އިހުލާސްތެރިކޮށް ކަމަށެވެ. ދީދީ ވިދާޅުވީ، އޭނާގެ މައްސަލައެއް ފުލުހުން ބަލަމުން ނުދާ ކަމަށް އަންގާފައި އޮތް ކަމަށާއި އަދި އޭނާއާ ދެކޮޅަށް ފުލުހުން ހޯދައިގެން އުޅޭ ހެކިތައް އެއީ އުސޫލުތަކުގެ ތެރެއިން ހޯދި ހެކިތައްތޯ ބަލަން ޖެހޭ ކަމަށެވެ.

ފަނޑިޔާރު ދީދީ ސަސްޕެންޑްކުރުމާ ބެހޭގޮތުން ވަކީލުންގެޓީމުން ގިނަ ވާހަކަތައް ދައްކަން ފެށުމުން ޖޭއެސްސީންވަނީ އެކަންކުރީ ޖޭއެސްސީގެ ޤާނޫނާއި ޤަވާއިދުގެތެރެއިންކަމަށް އަދި މިއަދު މިކުރިއަށް ގެންދަނީ ސަސްޕެންޑްކުރި މައްސަލައައާ ގުޅޭ ކަމެއް ނޫންކަމަށް ބުނެފައެވެ.