Last Updated: May 11, 06:48
Saturday, May 11, 2024
ޚަބަރު

ޔާމީންގެ ވެރިކަން ސަލާމަތްނުވީ ބުނިގޮތަށް ނުހެދުމުން: އަބްދުﷲ ސައީދު

ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ރައީސް ޔާމީން އާއި އެކު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ސަލާމަތްނުވީ ބުނިގޮތަށް ނުހެދުމުން ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވެއްޖެއެވެ.

މިހާރު ސޯޝަލް މީޑިޔާގައި އާއްމުވެފައިވާ އޯޑިއޯގައި އަބްދުﷲ ސައީދު ވިދާޅުވީ ކުރީގެ ރައީސް މައުމޫން އަބްދުގައްޔޫމް އާއި ކުރީގެ ރައީސް ޑރ.ވަހީދު ވެސް އޭނާ ބުނުއްވި ގޮތް ހެއްދެވި ކަމަށާއި ނަމަވެސް ޔާމީން އޭނާ ދެއްވި ލަފަޔާ އެއްގޮތަށް އަމަލު ނުކުރެއްވި ކަމަށެވެ.

"އަޅުގަނޑުމެން ބުނިގޮތް ހެދިނަމަ ޔާމީން ސަލާމަތްވާނެ. ޔާމީން ހީކުރީ ޔާމީން ވަރުގެ ވަރުގަދަ މީހެއް ނެތް ކަމަށް. ޔާމީނަށް ނޭނގޭ މަގާމަށް އާދެވުނު ގޮތެއް ވެސް" އަބްދުﷲ ސައީދު ވިދާޅުވިއެވެ.

އަބްދުﷲ ސައީދު ވިދާޅުވި ގޮތުގައި އީވާން ނަސީމު މަރާލި މައްސަލައިގައި މައުމޫންގެ ވެރިކަން ނުވެއްޓުނީ ވެސް އޭރު އޭނާ ދެއްވި ލަފަޔާ އެއްގޮތަށް އަމަލު ކުރެއްވުމުންނެވެ. އެގޮތުން އޭރު ރިޔާސީ ކޮމިޝަނެއް އުފައްދަވައި ވަގުތުން ތަހުގީގެއް ފެށުމަށް ލަފާދެއްވި ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.

"ހަމަ ވަގުތުން ރިޔާސީ ކޮމިޝަނެއް އުފައްދައި މިތައް ދުވަހުގެ ތެރޭގައި ޝަރީއަތް ނުކޮށްފި ނަމަ ސަރުކާރު ވެއްޓޭނެއޭ މައުމޫން ގާތު ދެންނެވިން. މައުމޫން އަޅުގަނޑުމެން ބުނިގޮތަށް ހެދުމުން އެކަންކަން ނުވީ" އަބްދުﷲ ސައީދު ވިދާޅުވިއެވެ.

ފެބްރުއަރީ 1 ގެ އަމުރާ ގުޅިގެން ޔާމީނަށް ސުޕްރީމް ކޯޓުގެ ބެންޗާއި ކުޅުމުގެ ފުރުސަތެއް ވެސް ލިބިވަޑައިނުގެންނެވި ކަމަށާއި މިހާރުގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވި ފަދައިން ޔާމީން ހިނބަރު ވަދެއްގައި ޖެއްސީ ސީދާ އޭނާ ކަމަށްވެސް އަބްދުﷲ ސައީދު ވިދާޅުވިއެވެ.