މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހއ. އަދި ހދ. އަތޮޅުގައި ޤާއިމުކޮށްފައިވާ ސްޕީޑް ފެރީގެ ޙިދްމަތް ހައ. ހޯރަފުއްޓަށް ފުޅާކޮށްފިއެވެ.
ހއ. ހޯރަފުށީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި ޙިދްމަތް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ނައީބް ރައީސް ފައިސަލް ނަސީމެވެ. މި ރަސްމިއްޔާތުގައި ނައިބް ރައީސްގެ އިތުރަށް، މިނިސްޓަރ އޮފްސްޓޭޓް ފޮރ ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އަހުމަދު އާދިލް އަދި އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހް ބައިވެރިވެވަޑައިގެންނެވިއެވެ.
16 އޭޕްރީލް 2019ގައި ޙިދުމަތް ފެށުނު ހއ. އަދި ހދ. އަތޮޅުގެ ސްޕީޑް ފެރީގެ ދަތުރުތައް ފުރަތަމަ ފަށާފައިވަނީ ހއ. ދިއްދޫ، ހދ. ހަނިމާދޫ އަދި ހދ. ކުޅުދުއްފުށި، މި ތިން ރަށަށެވެ. މި ދަތުރުތަކުގެ ޓިކެޓު އަގުތަކަކީ ދިއްދޫއިން ހަނިމާދޫއަށް އަދި ހަނިމާދޫއިން ކުޅުދުއްފުއްޓަށް 150 ރުފިޔާ އަދި ދިއްދޫއިން ކުޅުދުއްފުއްޓަށް 200 ރުފިޔާގެ ރޭޓުންނެވެ.
އަދި 01 ޖޫން 2019ގައި، ގިނަބައެއްގެ އެދުމުގެ މަތިން ދަތުރުކުރަމުންއައި ތާވަލަށް ހދ. ނޮޅިވަރަންފަރު އިތުރުކޮށް، ނޮޅިވަރަންފަރަށް ޚިދުމަތްދޭން ފެށިފައިވާކަމަށް އެމްޓީސީސީއިން ބުނެއެވެ.
މި ދަތުރުތަކުގެ ޓިކެޓު އަގަކީ ހަނިމާދޫ- ނޮޅިވަރަންފަރު، ނޮޅިވަރަންފަ- ކުޅުދުއްފުށި 75 ރުފިޔާގެ ރޭޓުންނެވެ. ދި އިއްޔެ ޚިދުމަތް ފެށުނު ރޫޓުގައި ހިމެނޭ ހޯރަފުށި -ކުޅުދުއްފުށީގެ ޓިކެޓު އަގުވަނީ 250 ރުފިޔާއަށް ހަމަޖައްސައި އަދި މި ރޫޓުގެ ދެކުޅު ޓިކެޓުގެ އަގު 400 ރުފިޔާއަށް ހަމަޖައްސާފައިކަމަށް އެމްޓީސީސީއިން ބުނެއެވެ.