Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

އައްޑޫއިން ވެލިނަގާ ފަރާތްތަކުގެ އަތުން އަގެއް ނަގަނީ

އައްޑޫ ސިޓީގެ އަވަށްތަކުގެ ފަޅުން ވެލި ނަގާ ފަރާތްތަކަކީ ހުއްދަ ދީފައިވާ ފަރާތްތަކަކަށްވުމުގެ އިތުރުން އެފަރާތްތަކުން ނަގާ ވެލީގެ ތެރެއިން ކޮންމެ ބަސްތާއަކަށް އަގު ނެގުމަށް އައްޑޫ ސިޓީ ކައުންސިލުން ހުށަހަޅައިފިއެވެ.

އައްޑޫގެ ފަޅުން ވެލި ނެގުމާ ގުޅޭ އުސޫލެއްގެ ދެލިކޮޕީއެއް އެކުލަވާލާފައިވާއިރު، އެ އުސޫލުގައިވާ ގޮތުން ވެލި ނެގޭނީ ތިމާވެށި ޙިމާޔަތްކުރުމާބެހޭ ގަވާއިދުގެ ދަށުން އައްޑޫ ސިޓީ ކައުންސިލުން ކަނޑައަޅާ ސަރަޙައްދުތަކުން ޤާނޫނާއި ގަވާއިދާއި އެއްގޮތްވާ ގޮތުގެމަތިން ވެލި ނެގުމަށް ހުއްދަ ދޫކުރުމުންނެވެ.

މި އުސޫލަށް ޢަމަލު ކުރަން ފަށާނީ މި އުސޫލު ކައުންސިލުން ފާސްކޮށް ކައުންސިލްގެ ވެބްސައިޓްގައި ޝާޢިއު ކުރާތާ 60 ދުވަހުގެ ތެރޭގައެވެ.

އައްޑޫ ސިޓީގެ ފަޅުން ވެލި ނެގޭނެ ސަރަޙައްދުތައް އައްޑޫ ސިޓީ ކައުންސިލުން ކަނޑައަޅާނެއެވެ. އަދި ކައުންސިލުން ކަނޑައަޅާފައިވާ ސަރަޙައްދުތައް ފިޔަވައި އެހެނިހެން ސަރައްދުތަކުން ވެލި ނެގުމަކީ މަނާކަމެއް ކަމަށްވެސް އުސޫލުގައި ބުނެފައިވެއެވެ.

އަދި ކައުންސިލުން ކަނޑައަޅާފައިވާ ސަރަހައްދުތަކުން ވެސް ވެލި ނެގޭނީ ކައުންސިލުން ކަނޑައަޅާ ފޯމަކުން ވެލި ނެގުމުގެ ހުއްދައަށް އެދި ހުށަހެޅުމުން އެހުއްދަ ކައުންސިލުން ދޭ ފަރާތްތަކަށް އެކަންޏެވެ.

އައްޑޫ ސިޓީ ކައުންސިލްގެ އިޙްތިޞާޞް ހިނގާ ސަރަޙަދުތަކުން ވެލި ނެގޭނީ އައްޑޫ ސިޓީގައި ޢިމާރާތްކުރުމަށާއި އެހެނިހެން ބޭނުންތަކަށް އެކަނި ކަމަށާއި އަދި ވެލި ނަގައިގެން މި އުޞޫލާއި އެއްގޮތަށް ވިއްކޭނީ އައްޑޫއަށް އެކަންޏެވެ.

އަދި ރާއްޖެއިން ބޭރު ޤައުމަކަށް ވެލި ނަގައިގެން ވިއްކުމަކީ މަނާކަމެކެވެ. އަދި ވެލި ނެގުމަށް ހުއްދަ ދެވޭނީ 01 އަހަރުގެ މުއްދަތަކަށެވެ. އައްޑޫ ސިޓީގައި ޢިމާރާތްކުރުމަށާއި އެހެނިހެން ބޭނުންތަކަށް ވެލިނެގުމަށް ހުއްދަ ދޫކުރެވޭ ހުއްދައިގެ ފީ އަކީ 100 ރުފިޔާއެވެ.

ކައުންސިލުން އެކުލަވާލި އުސޫލުގެ ދެލިކޮޕީގައިވާ ގޮތުން ވެލި ނެގުމަށް ހުއްދަދެވޭ ފަރާތްތަކަށް ފަޅުން ނަގާ ކޮންމެ ވެލި ބަސްތާއަކަށް ދިހަ ލާރި އާއި އެއް ރުފިޔާ އާއި ދެމެދުގެ އަގެއް ދައްކަންޖެހޭނެއެވެ. އަދި މިއަގާއި މެދު އާއްމުންގެ ހިޔާލެއް އޮތްނަމަ މި މަހުގެ 26 ވަނަ ދުވަހުގެ ކުރިން އައްޑޫ ސިޓީ ކައުންސިލަށް އެންގުމަށްވަނީ އެދިފައެވެ. ނުވަތަ މެއިލްގެ ޒަރިއްޔާއިން ހިޔާލެއް ހުށަހަޅަން ބޭނުންފުޅުވާ ފަރާތްތަކުން legal@adducity.gov.mv އަށް މެއިލް ކުރުމަށްވަނީ އެދިފައެވެ.

އައްޑޫ ސިޓީގެ ފަޅުން ކައުންސިލުން ކަނޑައަޅާ ސަރަޙައްދަކުން ވެލި ނެގުމަށް ހުއްދަ ދޫކުރެވޭނީ ވިޔަފާރިކުރުމުގެ ހުއްދަ އޮތް ފަރާތްތަކަށް އެކަންޏެވެ. އެއީ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ނުވަތަ ކުންފުނި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. ވެލި ނެގުމަށް ކައުންސިލުން ދޫކޮށްފައިވާ ހުއްދައިގެ ކޮޕީ ވެލި އުފުލާ ދޯންޏާއި، ވެލި އުފުލާ ޕިކަޕުގައި އޮންނަންވާނެއެވެ. އަދި މި ހުއްދައިގެ ދަށުން ވެލި ނެގޭނީ މި ހުއްދަ ދޫކުރެވޭ ފަރާތަށް އެކަންޏެވެ. ވެލި ނެގުމަށް ކައުންސިލުން ދޫކުރާ ހުއްދަ ނަހަމަ ގޮތުގައި ބޭނުންކޮށް ފިނަމަ -/1000 ރުފިޔާ އާއި -/5000 ރުފިޔާ އާ ދެމެދުގެ ޢަދަދަކުން އެ ހުއްދަ ދޫކުރެވުނު ފަރާތް ޖޫރިމަނާ ކުރުމަށްފަހު އެފަރާތައް ދޫކުރެވުނު ހުއްދަ ބާޠިލްކުރުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ. އައްޑޫ ސިޓީގެ އެއްވެސް ސަރަހައްދަކުން ގަލާއި އަކިރި ނެގުމަކީވެސް މަނާކަމެކެވެ.

ކައުންސިލުން ދޫކޮށްފައިވާ ހުއްދައިގެ ދަށުން ކޮންމެ މަހަކު އެއްފަހަރު ނަގާ ވެއްޔަށް ވެލި ނަގާ ފަރާތުން އަގު ދައްކަން ވާނެއެވެ. އަދި ކައުންސިލުން ދޫކޮށްފައިވާ ވެލި ނެގުމުގެ ހުއްދައިގެ ދަށުން ނަގާ ކޮންމެ ބަސްތާއަކަށް ދިހަ ލާރިގެ އަގުން ކައުންސިލް އިދާރާއަށް އަގުގެ ގޮތުގައި ދައްކަންވާނެކަމަށް އުސޫލުގައި ބުނެފައި ވެއެވެ.