Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ރާޅުގުޑީގެ ބައިވެރިންނާއި ރައީސް ސޯލިހު ބައްދަލުކޮށްފި

ރާޅުގުޑި ބައިވެރިންނާއި އެކު ރައީސް -- ފޮޓޯ / ރައީސް އޮފީސް

ރާއްޖޭގެ ދެކުނުން އުތުރަށް ދަތުރު ކުރަމުންދާ ރާޅުގުޑީގެ ޙަރަކާތުގައި ބައިވެރިންނާއި ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިހު ބައްދަލު ކުރައްވައިފިއެވެ.

މާފުށިން މާލެއަށް މިއަދު ދަތުރުކުރި ރާޅުގުޑީގެ ބައިވެރިންނާއި ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު ބައްދަލުކުރެއްވީ ރަސްފަންނުގައެވެ.

މި މަހުގެ 18ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައި އޮތް ރާޅުގުޑި ޙަރަކާތް ފެށުމުގައި ލަސްތަކެއް ކުރިމަތިވި ނަމަވެސް މިކަމުގައި ގިނަބައެއްގެ ތަރުޙީބު އަންނަނީ ލިބެމުންނެވެ.

މި ޙަރަކާތް އިންތިޒާމް ކުރާ ސްލޯޓެޕްއިން ބުނީ މިމަހުގެ 18ވަނަ ދުވަހު މި ޙަރަކާތް ފެށުމަށް ތައްޔާރުވި ނަމަވެސް ދިމާވި ބައެއް ކަހަލަ ކަންތައްތަކާއި ގުޅިގެން އެދުވަހު އެ ޙަރަކާތް ނުފެށުނު ކަމަށެވެ. އަދި ރާޅުގުޑި ފެށުމަށް ނިންމި ދުވަހަކީ ވައިވެސް ވަރަށް ރަނގަޅަށް ޖެހުނު ދުވަހެއް ކަމަށާއި ނަމަވެސް ރާޅުގުޑި އައްޑޫއިން ނައްޓާލިއިރު ވަރަށް ވައި މަޑުކަން ސްލޯޓެޕްއިން ހާމަކުރެއެވެ. އެފަރާތުން ބުނީ ރާޅުގުޑިއަށް ވައި ލިބެން ފެށީ މ އަތޮޅުން ކަމަށެވެ.

މާދަމާ ހެނދުނު އަނެއްކާވެސް ރާޅުގުޑި ބަންޔަންޓްރީއަށް ދަތުރުކުރާނެ އެވެ. އޭގެފަހުން ކ. ގާފަރަށް ދަތުރު ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި ޙަރަކާތުގައި އެކި އުމުރު ފުރައިގެ ކުދިން ބައިވެރިވަމުން އަންނައިރު މި ޙަރަކާތުގައި މިއަދު މާލެއަށް އައި ބައިވެރިންގެ ތެރޭގައި އުމުރުން 13 އަހަރުގެ ކުއްޖަކުވެސް ހިމެނެއެވެ.

ރާޅުގުޑި ކައިޓް ފެސްޓިވަލްއަކީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށާއި ތިމާވެށީގެ މައްސަލަތައް އާންމުންނާއި ހަމައަށް ގެނެސް މި މައްސަލަތަކަށް ޒުވާނުން ހޭލުންތެރިކުރުމަށް ކުޅިވަރާއެކު ކުރިއަށްގެންދާ ހަރަކާތެކެވެ. މިމަހުގެ 18 އިން ފެށިގެން 15 ދުވަހުގެ ނިޔަލަށް ދެމިގެންދާ މި ހަރަކާތް އައްޑޫއިން ފެށިގެން ހއ. ތުރާކުނާއި ހަމައަށް ކުރިއަށްދާނެއެވެ.