Last Updated: April 26, 20:24
Friday, April 26, 2024
ޚަބަރު

މާފުށީ ޖަލުގެ މައްސަލަ ހާމަކަން ބޮޑު ގޮތެއްގައި ތަހުގީގު ކުރަން ގޮވާލައިފި

މާފުށީ ޖަލު-- ފޮޓޯ: ވީނިއުސް

މާފުށީ ޖަލުގައި ހިނގާދިޔަ ހަމަނުޖެހުން ތަހުގީގު ކުރަމުންދާއިރު ހާމަކަން ބޮޑު ގޮތެއްގައި ތަހުގީގު ކުރިއަށް ގެންދިއުމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ގޮވާލައިފިއެވެ.

ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތަށް މާފުށީ ޖަލުގައި އެކަންތައް ހިނގި ކަމަށްވާނަމަ އެއީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި، ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ މުއާހާދާތަކުގައިވެސް ކުށްވެރި ކޮށްފައިވާ ކަންތައްތައް ކަމަށެވެ.

ޓްރާންސްޕޭރަންސީގެ ބަޔާނުގައި ބުނެފައިވަނީ އެހެންކަމުން މި އަނިޔާވެރި އަމަލުތަކުގެ ސަބަބުން ޒަހަމްވެފައިވާ ފަރާތްތަކަށް ސިއްހީ ފަރުވާ ފޯރުކޮށްދިނުމާއި ހިނގާދިޔަ އެ ކަންތައް ތަހުގީގުކޮށް މިކަމުގައި ކުށްވެރިވާ ފަރާތްތަކާމެދު ފިޔަވަޅުއެޅުމާއި އަނިޔާ ލިބުނު ފަރާތްތަކަށް އިންސާފު ހޯދާދިނުމުގެ މަސައްކަތް ހާމަކަމާއެކު ދައުލަތުގެ ހުރިހާ ކަމާބެހޭ ހުރިހާ ފަރާތްތަކުން ގެންދިއުމަށް މިހާރުން މިހާރަށް ގޮވާލާ ކަމަށެވެ.

މީގެއިތުރުން މާޒީގައި ހިންގާފައިވާ އަނިޔާގެ އަމަލުތައް ބަލާ އެކަންކަމުގެ ޝިކާރައަކަށްވެފައިވާ ފަރާތްތަކަށް އިންސާފު ލިބިދޭންޖެހޭކަމަށް ގަބޫލުކުރާ ކަމަށާއި އެހެންކަމުން މާޒީގައި ހިންގާފައިވާ ކަންކަން ލަސްނުކޮށް ބެލުމަށްވެސް އެޖަމިއްޔާއިން ބުނެއެވެ.

ހަމައެއާއެކު މިފަދަ ކަންކަން ބެލުމަށް ގާނޫނުން ބާރުދީފައިވާ ހިއުމަން ރައިޓްސް ކޮމިޝަން އިހުމާލުވެފައިވާ މިންވަރު ބެލުމާއި އެ ކޮމިޝަން ޖަވާބުދާރީ ކުރުވުމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. އަދި މިކަމުގެ ތަހުގީގު ހާމަކަމާއެކު، އާންމުންނަށް އިނގޭނެހެން ކުރިއަށް ގެންދިއުމަށްވެސް ޓްރާންސްޕޭރަންސީގެ ބަޔާނުގައި ބުނެފައިވެެއެވެ.

ރާއްޖޭގެ ޖަލުތަކަކީ ޒަމާނުއްސުރެ ލާއިންސާނީ އަނިޔާ އާންމުވެ އެފަދަ އަނިޔާތަކުގެ ޝިކާރައަކަށްވެފައިވާ ފަރާތްތަކަށް މިއަދާ ހަމައަށްވެސް އިންސާފު ނުލިބި، އެފަދަ ދަށު ދަރަޖައިގެ އަމަލުތައް ހިންގި ފަރާތްތައް އަދާހަމައަށްވެސް ގާނޫނުގެ ކުރިމައްޗަށް ހާޒިރުކުރެވިފައި ނުވާ ގައުމެއް ކަމަށް ޓްރާންސްޕޭރަންސީގެ ބަޔާނުގައި ބުނެފައިވެއެވެ.

އެކަމުގެ ނަތީޖާއަކީ މިނިވަންކަން ގެއްލޭގޮތަށް ދައުލަތުގެ ބެލުމުގައި ބައިތިއްބާފައި ތިބޭ ފަރާތްތަކަށް ލިބެންޖެހޭ ހިމާޔަތާ ރައްކާތެރިކަން ނުލިބި، އެ ފަދަ އަނިޔާވެރި އަމަލުތައް ހިންގާފައިވާ ފަރާތްތައް، އެފަދަ މުއައްސަސާތަކުގައި އަދިވެސް ހަރަކާތްތެރިވަމުން ދިއުން ކަމަށްވެސް ޓްރާމްސްޕޭރެންސީއިން ބުނެއެވެ.

އަދި މުޖުތަމައުއިންނާއި، ސިޔާސީ ފަރާތްތަކުން، ޖަލުތަކުގެ ކަންކަން ރަނގަޅުކުރުމަކީ ކުރަން ނުޖެހޭކަމެއްގެ ގޮތުގައި ޒަމާނުއްސުރެ ދެކެމުން އައުމާއި، ކުށެއް ސާބިތުވެ ނުވަތަ ތުހުމަތުކުރެވިގެން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ފަރާތްތަކަކީ އިންސާނީ ކަރާމާތާއި ގަދަރު ނެތް އިންސާނިއްޔަތުކަމުގެ ނަޒަރުން އެބަޔަކާ ދޭތެރޭ ވިސްނަން ނުޖެހޭ ބައެއްގެ ގޮތުގައި ދުށުމަކީ މިފަދަ ލާއިންސާނީ އަނިޔާތައް ޖަލުތަކުގައި އާންމުވުމުގެ މުހިންމު އެއް ސަބަބެއް ކަމަށްވެސް ޓްރާންސްޕޭރަންސީއިން ބުނެފައި ވެއެވެ.