Last Updated: April 26, 23:59
Saturday, April 27, 2024
ޚަބަރު

މާފުށީ ޖަލުގައި ހުންނަން ނުވާނެ ސާމާނުތަކެއް ހޯދައިފި

މާފުށި ޖަލް - ފޮޓޯ: ގޫގުލް

މާފުށީ ޖަލު ބަލާ ފާސްކުރުމުގެ އޮޕަރޭޝަން ކުރިއަށްދިޔައިރު ޖަލު ތެރޭގައި ހުންނަން ނުވާނެ ބައެއް ސާމާނު ހޯދިފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.

ހޯމް މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ މާފުށީ ޖަލުގައި ހިންގި ބަލައި ފާސްކުރުމުގެ އޮޕަރޭޝަން މިއަދަށް ނިންމާލާފައިވާ ކަމަށެވެ. އަދި އޮޕަރޭޝަން ކުރިއަށްދިޔައީ އަމާންކަމާއެކު ކަމަށެވެ. ނަމަވެސް ޖަލުގެ ތެރޭގައި ހުރެގެންނުވާނެ ސާމާނު މި އޮޕަރޭޝަނުގައި ހޯދިފައިވާ ކަމަށް ހޯމް މިނިސްޓްރީން ހާމަކުރެއެވެ. އަދި އެތަކެތި މިހާރު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށަށް ގެންދެވިފައި ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.

ހޯމް މިނިސްޓްރީން މިއަދު ބުނެފައިވަނީ މާފުށީ ޖަލުގައި މިދިޔަ ބުރާސްފަތި ދުވަހު އުފެދުނު ހަމަނުޖެހުންތަކުގެ ތެރޭގައި ރިމާންޑް މީހުން ބަންދުކުރާ ޔުނިޓުގެ ސެކިއުރިޓީ ކެމެރާތައް ތަޅާލާފައި ވާތީ އާއި އެ ޔުނިޓުގައި ޖަލުގެ ސަލާމަތަށް ނުރައްކާވެދާނެ ފަދަ ތަކެތި ގެންގުޅޭ ކަމަށް ބެލެވޭތީ އެ ޔުނިޓު ބަލާ ފާސްކުރާނެ ކަމަށެވެ.

އެތަން ބަލާ ފާސްކޮށްފައިވަނީ މިނިސްޓްރީގެ އިރުޝާދާ އެއް ގޮތަށް ކޮމިޝަނާ އޮފް ޕްރިޒަންސް އާއި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕްރިޒަންސްގެ އިތުރުން އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސްގެ ހާޒިރުގައި ފުރިހަމަ އަށް ވީޑިއޯ އަދި އޯޑިއޯ ރިކޯޑް ކުރެވިގެންނެވެ.

އޭގެ އިތުރުން މިނިސްޓްރީގެ އެ އޮޕަރޭޝަން ގާތުން ބެލުމުގެ ފުރުސަތު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން ބޭނުންވާނަމަ އެފުރުސަތު ވެސް ހޯމް މިނިސްޓްރީން ވަނީ ފަހިކޮށްދީފައެވެ.