Last Updated: April 24, 22:58
Wednesday, April 24, 2024
ތިމާވެށި

ޓްވިޓްސާފު އައްޑުއަށް މިސްރާބު ޖަހައިފި

މާލޭގައި ބޭއްވި ޓްވިޓްސާފު ހަރަކާތުގެ ތެރެއިން: ފޮޓޯ - ވިޝާހް ޒަރީރް

ވެށި ސާފުކުރުމަށް ބާރުއެޅުމަށް ޓުވިޓާ ތެރެއިން ފެށުނު "ޓްވިޓްސާފު" އައްޑޫގައި ކުރިއަށް ގެންދިއުމަށް ހަރަކާތް އިންތިޒާމް ކުރާ ފަރާތުން ހަމަޖައްސައިފިއެވެ.

ހުޅުމާލޭގެ ބައެއް ސަރަހައްދުތައް ނުސާފުވެ ކުނީގެ އަސަރު ކުރަން ފެށުމުން ސާފުކުރުމުގެ ޕްރޮގްރާމެއް އިންތިޒާމްކުރީ އަމިއްލަ ފަރާތެކެވެ. ނާ ސޯލިހް ޓުވިޓާގައި ދުވަހެއް ކަނޑައަޅައި ސާފުކުރަން ދާނެ ބަޔަކު ތިބިތޯ ބަލަން ޓުވީޓެއް ކުރުމުން ގިނަ ބަޔެއް ތަރުހީބު ލިބިގެން ދިޔައެވެ. އަދި އުރީދޫ، ބޭންކް އޮފް މޯލްޑިވްސް ފަދަ ބޮޑެތި ކުންފުނިތަކުން ވެސް ވަނީ މިހަރަކާތުގައި ބައިވެރިވެފައެވެ.

ހުޅުމާލެ ސާފުކުރަން ފުރަތަމަ ނިންމި ނަމަވެސް ނާގެ އިސްނެގުމަށް ލިބުނު ތަރުހީބު ބޮޑުކަމުން މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަނީ މިހަރަކާތް ކުރިއަށް ގެންގޮސްފައެވެ.

ޓްވިޓްސާފުން ވަނީ މާލޭގައި އެންމެ ދުވަހެއްގެ ތެރޭގައި 1.38 ޓަނުގެ ކުނި ނަގާފައެވެ. 200 އަށްވުރެ ގިނަ ރައްޔިތުން ވަނީ ފަރުދީ ޒިންމާ އަދާކުރުމުގެ ގޮތުން ހަރަކާތުގައި ބައިވެރިވެފައެވެ.

މިހަފްތާގައި ޓްވިޓްސާފު އައްޑޫގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު މިހާރުވެސް ގިނަ ބަޔެއްގެ ތަރުހީބު އަންނަނީ މިހަރަކާތަށް އޮހެމުންނެވެ. ކުނިން ސަލާމަތްވެފައި އޮންނަ މުޖުތަމައެއް ބިނާކުރުމަށް އައްޑޫގައި ކުރިއަށްގެންދާ މިހަރަކާތުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް ޓްވިޓްސާފުން ވަނީ އެދިފައެވެ.

އައްޑޫގައި ބާއްވާ ސާފުކުރުމުގެ ހަރަކާތް ކުރިއަށްދާނީ ޖޫން 29 ވާ ހޮނިހިރު ދުވަހުގައެވެ.