Last Updated: April 24, 16:21
Wednesday, April 24, 2024
މުނިފޫހިފިލުވުން

ދީވާނާ 2 ( ފަންސަވަންނަ ވަނަބައި)

****
ފަތިހުގެ ވަގުތެވެ. އެންމެންވެސް ގޭތެރޭގައި ހޭލަމޭލަވަމުން ދިޔައީ މިއަދު ދާންއުޅޭ ދަތުރުގެ ކަންކަމުގައެވެ. ދަތުރު ގެންދަންޖެހޭ ތަކެތި ޕިކަޕަކަށް އަރުވައިގެން ބަނދަރާދިމާއަށް އަހުސަން މިސްރާބުޖެހުމުން ފަހުދު އަވަސްވެގަތީ މީހުން ގޮވައިގެން ދިއުމަށެވެ. އެންމެން ބަނދަރަށް ގެންދިއުމަށްޓަކައި ފަހުދަށް ދެތިން ދަތުރުކުރަން ޖެހުނެވެ. ފުރަން ތައްޔާރުވެފައިވާ ދޯންޏަށް އެންމެން އަރާނިމުނުއިރު، އިރުގެ ރަންދޯދިތަކުން އުދަރެސްވަނީ ދޮންކޮށްފައެވެ. އިރުއަރައިފި ކަމުގެ ނިޝާނެއްގެ ގޮތުންނެވެ. ފަހުދުއާއި އަހުސަންގެ އާއިލާގެ އިތުރުން އިމާދުގެ އާއިލާވެސް އެދަތުރުގައި ބައިވެރިވިއެވެ.
އުފަލާއި މަޖަލުގައި ދަތުރު ކުރިޔަށް ދިޔައިރު، ޝައުންއާއި އާއިންގެ މެދުގައި އެއްވެސް މުއާމަލާތެއް ނުކުރެވެއެވެ. ނަމަވެސް، ޝައުންގެ ހަރަކާތްތަކަށް އަހުސަން ދިޔައީ ފާރަލަމުންނެވެ. ޝައުން ފެނުނު ފުރަތަމަ ދުވަހުން ފެށިގެންވެސް އޭނާއަށް ޝައުން ކަމުދިޔައެވެ. މިދަތުރުގައި އޭނާ ގަސްތުކޮށްގެން ހުރީ ޝައުންއާ ގުޅުން ބަދަހިކުރުމަށެވެ. އެގޮތުން އޭނާ ނުސީދާގޮތެއްގައި ޝައުންއާއި ގާތްވަމުން ދިޔައެވެ. ކެއުމުގެ ވަގުތުގައި އެހީތެރިވުމާއި، ކުޅުމުގައި ބައިވެރިވުމާއި މިކަހަލަ އެތައްކަމެއްގައި ޝައުންގެ ގާތުގައި އޭނާ ހުރެއެވެ. ޚުދު ޝައުންއަށްވެސް އަހުސަންގެ އެގާތްކަން އިހުސާސްކުރެވި އުނދަގޫވާގޮތްވިއެވެ. ނަމަވެސް އޭނާ އެއީ މާބޮޑު ކަމަކަށް ނުހަދައި އެކުވެރިއެއްގެ ހައިސިއްޔަތުން އަހުސަންއަށް އެފުރުސަތު ދިނެވެ.
އާއިން ޝައުންއާއި ދުރުގައި ހުރުމަށް މަސައްކަތްކުރި ނަމަވެސް ޝައުންއާއި އަހުސަންގެ ހަރަކާތްތަކަށް ނުބަލައެއްވެސް އޭނާއަކަށް ނުހުރެވެއެވެ. ދޭތެރެ ދޭތެރެއިން އެމީހުންގެ ހަރަކާތްތަކަށް އޭނާގެ ނަޒަރު ހުއްޓެވެ. އަދި އަހުސަން އެގޮތަށް ޝައުންއާއި ގާތްވާން އުޅޭކަން އެނގޭތީ އޭނާގެ ގާތަށް ރުޅިވެސް އައެވެ. އޭނާ އެންމެ ރުޅިއައީ ޝައުންވެސް އަހުސަންއަށް އެފުރުސަތުދީގެން ހުރީތީއެވެ. އޭނާގެ އަނތްބެއްގެ ގޮތުގައި ހުރިހާ ހިނދަކު ޝައުން އެކަން ދަންނަން ޖެހޭނެ ނޫން ހެއްޔެވެ؟ ފެންނަމުން ދިޔަ މަންޒަރުތަކުން އޭނާގެ ހިތަށް އުނދަގޫވީ ނަމަވެސް ބޭރުފުށުން އެކަން ނުދައްކާ އާއިން ދަތުރު ނިމޭންދެން ކެތްކުރިއެވެ.
އަނެއްކޮޅުން އިމާދުވެސް އާއިންމެންގެ ގާތަށް އައިސް ކުރީގައި އޮތް އެކުވެރިކަން ބަދަހިކުރުމުގެ ނަމުގައި ގާތްކަން އުފައްދަން މަސައްކަތްކުރަމުން ދިޔައެވެ. އިމާދުގެ ދަރިންނާއެކު ހީހީފައި އަޔާނާ ކުޅެމުން ދިޔައިރު، އިމާދުގެ އަންހެނުންވެސް ހިތްހެޔޮކަމާއެކީ ފަރަހަނާޒްއާ ވާހަކަދެއްކިއެވެ. ނަމަވެސް އިމާދު ބަލާލާ ކޮންމެ ފަހަރަކު ފަރަހަނާޒްއަށް އުނދަގޫވަމުން ދިޔައެވެ. އިމާދު ކައިވެންޏެއް ކޮށްގެން ހުރިނަމަވެސް އަދިވެސް އޭނާ އިމާދުދެކެ ޖެހިލުންވެއެވެ. އިމާދުގެ ބަލާލުންތަކުގައި ބިރުވެރިގޮތެއް ހުންނަކަމުގެ އިހުސާސްވެސް އޭނާއަށް ކުރެވެއެވެ. ނަމަވެސް އޭނާ މަސްލަހަތަށްޓަކައި އިމާދުގެ އާއިލާއާއި ވާހަކަދައްކައި ހެދިއެވެ.
ވަރަށް އުފާވެރިކަމާއި ހަމަޖެހުމާއެކު ދަތުރު ނިމިގެން ދިޔައެވެ. އެދަތުރުގެ ސަބަބުން އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބުނު އެކަކީ އަހުސަންއެވެ. އޭނާ ވިސްނައިގެން ހުރީ ޝައުންމެން ރަށުން ދިއުމުގެކުރިން ޝައުންއާއެކު ގުޅުމެއް އުފެއްދުމަށެވެ. އެހެންކަމުން އޭނާ ގިނަގިނައިން ޝައުން ފެންނަ ހިސާބަށް ދާންފެށިއެވެ. ޝައުންއާ ވާހަކަ ދެއްކުމަށް އެކިގޮތްގޮތުން މަސައްކަތްކުރިއެވެ. އާއިންއަށް އެކަންވީ ވަރަށްވެސް އުނދަގޫދެނިވި ކަމަކަށެވެ. އަހުސަންއާއި ޝައުންގެ މެދުގައި އެކުވެރިކަމެއް އުފެދިދާނެ ކަމުގެ ބިރުވެރިކަން އޭނާގެ ހިތުގައި އުފެދުމުން ދަތުރު ނިންމާލާފައި މާލެދިއުމަށް އޭނާ ގަސްތުކުރިއެވެ. އެހެންކަމުން އޭނާ ދެދުވަސްފަހުން މާލެދާނެކަމަށް އަންގައި އެންމެންވެސް ދަތުރަށް ތައްޔާރުވުމަށް އެންގިއެވެ. އާއިންގެ މިއެންގުމުގެ ސަބަބުން އަހުސަން މާޔޫސްވާގޮތްވިއެވެ. ނަމަވެސް އޭނާ ހިތްވަރު އެލުވައެއް ނުލައެވެ. އާއިން މާލެދާން ނިންމި ޚަބަރު ލިބުމުން އިމާދުވެސް އެކަމާ ވަރަށްދެރަވެގެން ވާހަކަދެއްކިއެވެ. އަދި އާއިންމެން ދިއުމުގެކުރިން އޭނާގެ އާއިލާގެ ފަރާތުން ކެއުމެއްދޭން ނިންމިއެވެ. އެކެއުމުގައި ބައިވެރިވާން ފަރަހަނާޒް ބޭނުންނުވި ނަމަވެސް އާއިން އެދުނީތީ ބައިވެރިވިއެވެ.
" ދެން މާއަވަހީ ވިއްޔަ ދާން ތިއުޅޭލެއް….މިހާރު މޫސުންވެސް މިއޮތީ ނުލާހިކު ރަނގަޅަށް…އަދި ދެތިން ދުވަހު މަޑުކޮށްލާފަ، މަސްދަތުރެއް ކޮށްލާފަ ދާންވީނު…." އިމާދުމެން ގެޔަށް ދިއުމުން އޭނާ އެދުނެވެ.
" ނޫނޭ…އަސްލު ވަރަށްގިނަ ކަންކަން ހުންނާނެ އޮފީހުގަވެސް…އަހަރެން ނެތިއްޔާ ވަރަށް ގިނަ ކަންކަން ނުނިންމިފަ ހުންނާނެ…އެހެންވީމަ މަޑުކުރެވެން ނެތީ…" އާއިން ބަހަނާއެއް ދެއްކިއެވެ.
" އެހެންތަ؟…މަހީކުރީ ނާޒް ލިބުނީމަ ދެން މާބޮޑުކަމެއް ޕްލޭންކޮށްފަ ނޯންނާނެކަމަށް…އެހެންނެއްނޫންދޯ މިވީ…އަދި ވަރަށްގިނަ ކަންކަންއެބަހުރިދޯ އާންގެ ޕްލޭންގަ…" ނުސީދާގޮތެއްގައި އިމާދު އާއިންއާ ދިމާކޮށްލިއެވެ.
" އިމާދުވެސް ތިއުޅެނީ މިހާރު ކައިވެނިކޮށްގެންނެއްނު…އެކަމު އަދިވެސް އަނބިމީހާގާތުގަ ހުރެވޭވަރަށްވުރެ ބިޒީއެއްނު…" އާއިންވެސް އިމާދުއަށް ބުނެލިއެވެ.
" އާނ….އަހަރެންވެސް އުމުރު ދުވަހު ހުސްކޮށް ނުހުންނަންވެގެން ކައިވެނިކުރީ….ނާޒް ނުލިބުނަސް ނާޒްއަކަށްވުރެ ވަކީން ދެރައެއްނުވާނެ މަގޭ އަންހެނުންވެސް…." އިމާދު ފަޚުރުވެރިކަމާއެކު ބުނެލިއެވެ.
" އަހަރެން ވަރަށް އުފާވެއްޖެ އިމާދުއަށްވެސް ރަނގަޅު ބައިވެރިއަކު ލިބުނީތީ…" އާއިން ބޭނުންވީ އެހިސާބުން އެވާހަކަ ކުރުކޮށްލާށެވެ.
" އާނ ދެން ނާޒް ނޫން ކޮންމެ މީހަކާ އަހަރެން އިންނަމަވެސް އާން އުފާވީސް…..އާން ހީކުރީ އަހަރެންނަށް އާންގެ ރޭވުން ނޭނގޭކަމަށްތަ؟…އަހަރެންނަށް ޝާލީ ހުރިހާ އެއްޗެއް ކިޔައިދިން…އަހަރެން އޭނަޔާ އިންނަންވެސް ބޭނުންވި، އެކަމު އޭނަބޭނުންނުވީ….އާން އެހާބޮޑަށް ނާޒްއާ ހިތާވެފަ ހުރެދާނެކަމަށް އަހަރެން ހިއެއްނުކުރަން…ކުރިން ބުނެލިނަމަތާ…" މަލާމާތުގެ ހިނިގަނޑެއް ޖަހާލަމުން އިމާދު ބުންޏެވެ.
" އިމާދު…މިހާރު އެއީ މާޒީ…ދެން އެންމެ ރަނގަޅުވާނީ މާޒީ ހަނދާން ނައްތާލާފަ ދިރިއުޅުމައިގެން ކުރިޔަށް ދިޔައީމަ…" އިމާދުގެ ކޮނޑުގައި އަތްބާއްވާލަމުން ސީރިއަސްކަމާއެކު އާއިން ބުނެލިއެވެ.
" އާނ…މާޒީ ދެން ބަދަލެއް ނުކުރެވޭނެ…އެހެންވެތާ އަހަރެން މިގޮތަށް އާންއާ އެކުވެރިކަން އަލުން ޤާއިމްކޮށްގެން މިއުޅެނީ…." ހިނިތުންވެލަމުން އިމާދު ބުނެލިއެވެ.
" ވެދިޔަތަނަށް އަހަރެން މާފަށް އެދެން…އަހަރެންނަށް އެނގޭ އަހަރެންނަށް ކަންތައްކުރެވުނީ ރަނގަޅަށްނޫންކަން….އެގޮތަށް އަހަރެން ކަންތައްކުރީ ކޮންމެހެން ނާޒް ހާސިލްކުރާކަށްނޫން…އެކަމު ނާޒްހުރީ އިމާދުއާ ކައިވެނިކުރަން ބޭނުންނުވެފަ..އެހެންވެ ނާޒް އެކަމުން ސަލާމަތްކޮށްދޭން އެގޮތަށް ކަންތައްކުރީ…." އާއިން ހަޤީޤަތް ހާމަކުރިއެވެ.
" އަހަރެން ނުކުރަމެއްނު ޝަކުވާއެއް…އަހަރެން މިހެން މިބުނީ އަހަރެންނަށް އެކަން އެނގުނުކަން އަންގާލަންވެގެން….ދެން އެވާހަކަ ބާއްވަމާދޯ…މިހާރު އެމީހުން ތިބޭނެ އަހަރެން މިކުރާ ބަހުސެއް ނޭނގިފަ…" ތަންކޮޅެއް ދުރުގައި ތިބި ފަރަހަނާޒްމެންނަށް ބަލާލަމުން އިމާދު ބުނެލިއެވެ.
އިމާދު މަޖާ މޫޑެއްގައި އިނދެގެން އެވާހަކަތައް ދެއްކިނަމަވެސް ހަޤީޤަތުގައި އޭނާގެ ހިތްދިޔައީ ހަސަދައިގެ އަލިފާނުން އަނދަމުންނެވެ. އާއިން އޭނާއާމެދު ކަންތައްކުރިގޮތުން އޭނާ ދުވަހަކުވެސް އާއިންއަކަށް މާފެއް ނުކުރާނެއެވެ. އޭނާ އެތައް ދުވަހަކުއްސުރެ ވަނީ ފަރަހަނާޒްއާ އާއިންގެ ދިރިއުޅުމެ މައުލޫމާތުތައް ހޯދާފައެވެ. އެދެމީހުންނަކީވެސް ތެލެސީމިޔާ ދެކެރިއަރުންކަން އެނގުމުން އޭނާ އުފާކުރިއެވެ. އަދި އާއިން ފަރަހަނާޒް ވަރިކުރާނެ ދުވަހަކަށް އޭނާ އިންތިޒާރުކުރަމުން ދިޔައެވެ. ނަމަވެސް އެދެމީހުން ކުއްޖަކު އެޑޯޕްޓްކުރި ހިސާބުން، އާއިން ދުވަހަކުވެސް ފަރަހަނާޒް ދޫކޮށްނުލާނެކަން އޭނާއަށް އެނގުނެވެ. އެހެންކަމުން އޭނާވެސް ކައިވެންޏެއް ކުރިއެވެ. ނަމަވެސް އޭނާގެ ހިތުގައި އޮތް ރުޅިވެރިކަމަކަށް ބަދަލެއް ނާދެއެވެ. އެރުޅިވެރިކަން ބޭރުކޮށްލާނެ ފުރުސަތެއް ނުލިބިފައި ހުއްޓައި އާއިންމެން މިރަށަށް އައި ޚަބަރު އޭނާއަށް ލިބުމުން އޭނާ ވަގުތުން ރަށަށް އައީއެވެ. މިފުރުސަތުގެ ބޭނުން އޭނާ ރަނގަޅަށް ހިފާނެއެވެ.
****
ރޭގަނޑުގެ ވަގުތެވެ. މާދަމާގެ ދަތުރަށް ތައްޔާރުވުމަށް ޝައުން އަވަދިނެތި އުޅެމުން ދިޔައެވެ. އޭނާ ފޮށިތަކަށް އެއްޗެހިއަޅައި ނިމުނުއިރު، މެންދަމު ބާރަޖަހަން ގާތްވެއްޖެއެވެ. އެހެންކަމުން އޭނާބޭނުންވީ އަވަހަށް ނިދާލާށެވެ. އޭނާ ހެދުން ބަދަލުކޮށްގެން އައިސް އެނދުގައި އޮށޯތުމާއެކު، އޭނާގެ ފޯނަށް ވައިބައިން މެސެޖެއްއައެވެ. އޭނާ ބަލާލިއިރު، އެއީ ސަންގެ ނަމުގައިވާ އައިޑީއަކުން އައި މެސެޖެކެވެ. އޭގައިވާ ޕްރޮފައިލް ފޮޓޯބަލާލުމުން އެއީ އަހުސަންކަން އޭނާއަށް އެނގުނެވެ. ހަމައެކަނި " ހައި" ޖަހާލާފައި އޮތުމުން ކުޑަކޮށް ވިސްނާލަން އިނުމަށްފަހު އޭނާވެސް ހައިޖަހާލިއެވެ.
" މާދަމާ ފުރަނީދޯ؟." އަހުސަން ލިޔެލިއެވެ.
" ހޫމް" ޖަވާބުގައި ޝައުން ލިޔެލިއެވެ.
" އަހަރެން ވަރަށް މިސްވާނެ ޝައުންމަތިން" ޖެހިލުންވެހުރެ އަހުސަން ބުނެލިއެވެ.
" އެހެންތަ؟..އަހަރެންވެސް ތިއެންމެން މަތިން ވަރަށް މިސްވާނެ…މިރަށްމަތިން ވަރަށް މިސްވާނެ.." ސާދާކަމާއެކީ ޝައުން ޖަވާބުދިނެވެ.
" އަހަރެންމަތިން މިސްވާނެތަ؟.." އަހުސަން އޭނާގެ ހިތުގައިވާ ސުވާލުކުރިއެވެ.
އެސުވާލާމެދު ޝައުންއަށް ވިސްނާލަން މަޖުބޫރުވިއެވެ. އަހުސަން އެސުވާލުކުރަން ޖެހުނީ ކީއްވެބާއޭ އޭނާގެ ހިތަށއެރިއެވެ.
" އެންމެންގެ މަތިންވެސް މިސްވާނެ…" ވިސްނާލުމަށްފަހު ޝައުން ބުނެލިއެވެ.
" މާނައަކީ އަހަރެންނަކީ ވަކި ޚާއްސަމީހެއްނޫނޭދޯ؟…އެކަމު ޝައުންތީ އަހަރެންނަށް ވަރަށް ޚާއްސަކުއްޖެއް….ޝައުންއަށް އެކަން އެނގޭތަ؟…ޝައުންދާތީ ދެރަވެގެން ލޮލަށް ނިދިނައިސްގެން މިއޮތީ…ދެންނޭނގެ ބައްދަލުވާނެ ދުވަހެއްވެސް…" އަހުސަން އޭނާގެ ހިތް ޝައުންގެ ކުރިމަތީގައި ހުޅުވާލިއެވެ.
އަހުސަންގެ ވާހަކަތައްހުރިގޮތުން އެޔަށްދޭނޭ ޖަވާބެއް ޝައުންއަކަށް ނުވިސްނުނެވެ. އަހުސަން އޭނާއާ ގަޔާވަނީކަން އެނގުމުން އޭނާ ޖެހިލުންވިއެވެ. އަހުސަންއަށް އެފުރުސަތު ދެވުނީތީ އޭނާ ދެރަވެސްވިއެވެ.
" އަހަރެން ވަރަށްބޮޑަށް ނިދިއައިސްފި….ގުޑްނައިޓް" ޝައުން އަވަސް އަވަހަށް އެހެންބުނީ އަހުސަން ވާހަކަދައްކަން އިތުރަށް ފުރުސަތު ނުދިނުމަށެވެ.
" ކުޑައިރުކޮޅަކު މަޑުކޮށް ނުލެވޭނެތަ؟…އަހަރެން ވަރަށް މުހިއްމު ވާހަކައެއް ބުނެލަން ބޭނުން…ހަމަ އެންމެ ފުރުސަތެއްދީ…" އާދޭހާއެކު އަހުސަން ބުނެލިއެވެ.
" ސޮރީ އަހުސަން…އަހުސަން ތިދައްކަން އުޅޭ ވާހަކަ އަހުސަން ހިތުގަ ބާއްވާ….އަހަރެންނަކަށް އަހުސަން ހިތްއެދޭ ކަހަލަ ޖަވާބެއް ދެވޭކަށްނެތް….ވަރަށްބޮޑަށް ސޮރީ…އަހަރެން ނިދަނީ.." ޝައުން އެހެންބުނުމަށްފަހު އަހުސަންގެ ޖަވާބަކަށްވެސް އިންތިޒާރުކުރުމެއްނެތި އަހުސަންގެ ނަމްބަރ ބްލޮކްކޮށްލިއެވެ. އަދި ފުންނޭވާއެއް ދޫކޮށްލަމުން ދެލޯމަރާލިއެވެ.
ފަތިސްގަނޑީގައި ޝައުންއަށް ހޭލެވުނީ އޭނާގެ ފޯނު އެލާމްވުމުންނެވެ. އޭނާ އަވަސް އަވަހަށް ތެދުވެ ފެންވަރައިގެން ބޭރަށް ނުކުތެވެ. އޭރު ހުރިހާ އެންމެންވެސް ތިބީ ދަތުރަށް ތައްޔާރުވެގެންނެވެ. އާއިން ފަތިސްނަމާދުކޮށްގެން މިސްކިތުން އައިއިރު ފަހުދުވެސް އޭނާއާ އެކުގަ އައެވެ.
" ހިނގާ ސައިބޯންދާން…މިހާރު ސައިހުރީ ތައްޔާރުވެފަ…" ފަހުދު ބުނެލިއެވެ.
" އާނ…ހިނގާ ކޮންމެވެސް ގޮތެއް ހަދާލަން ވާނެތާ" އާއިން ޖަވާބުދިނެވެ.
ސައިބޮއެ ނިމިގެން އެންމެން ބަނދަރަށް ދިޔައިރު، އަހުސަންވެސް ދިޔައެވެ. ރޭގައި ޝައުން އޭނާއާ ވާހަކަދައްކަން އިންކާރު ކުރުމުން މިއަދު ފުރުމުގެކުރިން ޝައުންއާ ވާހަކަދައްކާލަން އޭނާ ބޭނުންވިއެވެ. ނަމަވެސް ޝައުންވެސްހުރީ އެކަމަށް ވިސްނައިގެންނެވެ. އެހެންކަމުން އަހުސަންއާއެކު އެކަނިވުމަށް ފުރުސަތުނުދީ އައިރާގެ އަތުން ދޫކޮށްނުލައި އޭނާހުއްޓެވެ. އެހެންކަމުން އެމީހުން ފުރަން ލޯންޗަށް އެރުމުން މާޔޫސްކަމުގެ ނަޒަރަކުން ޝައުންއަށް ބަލަން އޭނާ ހުއްޓެވެ.
****
ދަތުރު ނިންމާފައި މާލެއައިތާ ދެވަނައަށްވީ ދުވަހު އާއިންއާއިން ޝައުންވެސް އޮފީހަށް ނުކުތެވެ. މަސައްކަތްތައް ފުނިޖެހިފައި ހުރުމުން ދެމީހުންވެސް ބެލީ އަވަހަށް މަސައްކަތްތައް ފެށޭތޯއެވެ. ނަމަވެސް ހަމަ ކުއްލިގޮތަށް ބައްދަލުކުރާ ކޮޓަރިއަށް ދެމީހުން އަންނަން އާޒިމް އެންގުމުން އެމީހުން ދިޔައެވެ. އޭރު އެކޮޓަރީގައި ތިބީ ސަލީމްއާއި އާޒިމް އެކަންޏެވެ.
" ދަރިފުޅުމެން މިގެނައީ ވަރަށް މުހިއްމު ވާހަކައެއް ދައްކަން….ބައްޕަ މިކުރާ ސުވާލަށް ތެދުތެދަށް ޖަވާބުދީބަލަ!….އަދްޔަންއާ ބެހޭގޮތުން އެއްވެސް އެއްޗެއް ތިދެމީހުންނަށް އެނގޭތަ؟…އެނގޭނަމަ އެނގިފަ އޮތްއެއްޗެއް ބުނެދީބަލަ!" އަދްޔަންގެ ނަން އިވުމުން ޝައުންއާއި އާއިންއަށް އެކަކު އަނެކެއްގެ މޫނަށް ބަލާލެވުނެވެ. އާޒިމްގެ ސުވާލަށް ޖަވާބުދޭނެ ގޮތަކާމެދު ދެމީހުންނަށްވެސް ވިސްނަން މަޖުބޫރުވިއެވެ.
" ތިދެކުދިންނަށް ނޭނގޭނަމަ ބައްޕަ ބުނެދީފާނަން….އަދްޔަން ވަނީ ވަރަށްބޮޑު އޮޅުވާލުމެއް އޮޅުވާލާފަ…." އާޒިމް ޔަޤީންކަމާއެކު ބުނެލިއެވެ. އާއިންއާއި ޝައުންތިބީ އާޒިމް ދައްކަން އުޅޭ ވާހަކައެއްގެ އިންތިޒާރުގައި ޖެހިލުންވެފައެވެ.
" އަދްޔަން ވަނީ ފައިސާގެ ވަރަށްބޮޑު ޚިޔާނާތެއްވެފަ….އެކަން އަހަރެމެންނަށް އެނގުނީ ނިމުމުމަހުގެ ރިޕޯޓު ހުށަހެޅި ވަގުތު….ވަރަށްބޮޑު އަދަދެއްގެ ފައިސާވަނީ ކުންފުނީގެ ބަޖެޓުން ނަގާފަ….އޭނާ އެކަން ކޮށްފަވަނީ ވަރަށް ދުރާލާ ރާވައިގެން….މިކަމުގަ އޭނާއާ ދެފަރާތަކުން ބައިވެރިވެފަވޭ، ފައިނޭންސް ޑިޕާރޓްމެންޓްގަ މަސައްކަތްކުރާ އަރީޝް އަދި ހުސެން…ދެމީހުންވެސް އެކަން އޮޅުވާލަން ވަރަށް މަސައްކަތްކުރި….އެކަމަކު ފައިނޭންސް މެނޭޖަރ ޝަރަފުގެ އެހީގަ އެކަން ހޯދީ…އެދުވަސްވަރު ޝަރަފް ޗުއްޓީގަހުރީމަ އެމީހުންނަށް އެހާފަސޭހައިން އެކަންކުރަން ފުރުސަތު ލިބުނީ….މިއޮތީ ރިޕޯޓްތައް…" އާޒިމް އޭނާގެ އަތުގައިވާ ފައިލްތައް އާއިންއާ ހަވާލުކުރަމުން ބުނެލިއެވެ.
" އެކަމު ކިހިނެއް އޭނާއަށް ފައިސާ ނެގޭނީ….އަހަރެމެން ތިންމީހުންގެ ސޮއިވެސް ބޭނުންވާނެއެއްނު…." ފައިލުގައި ހިފަމުން އާއިން ސުވާލުކުރިއެވެ.
" އޭނަ ވަރަށް ދުވަހު އަހަރެމެން އުޅޭ ނޫޅޭގޮތް ބަލާ….އަހަރެމެން ޗެކްގަ ކުރާ ސޮއިވެސް ދަސްކުރި….އޭނަ ބޭނުންކުރި ޗެކްގެ ކޮޕީވެސް އެބައޮތް….ސޮއިތަކުގަ ނެތް އެއްވެސް ތަފާތެއް….އަދި އެންމެ މޮޅުކަމަކަށް އޭނާކުރި ކަމަކީ ހުސެންގެ އެހީގަ ޝަރަފްލައްވާ ޗެކްގަ ސޮއިކުރުވާފަ އޮތީމަ…ޝަރަފްއަކީ ވަރަށް އިޚްލާސްތެރި އަދި ވިސްނުންތެރި ކުއްޖަކަށްވީތީ މިކަން މިހާ ފަސޭހައިން ފަޅާއެރީވެސް….އޭނާ އޮފީހަށް ނުކުމެފަ ބެލިއިރު، ދެމިލިއަން….ރުފިޔާ ބަޖެޓުން އުނިވެފަހުރިއިރު، އެފައިސާގެ މުއާމަލާތުގެ އެއްވެސް ޑޮއިކްމެންޓެއް އެންޓްރީކޮށްފައެއްނެތް….އެހެންވެ އޭނާއަށް ޝައްކުވީ…" އާޒިމް އޮޅުން ފިލުވައިދިނެވެ.
" އަޅުގަނޑު ވަރަށްދެރަވެ ލަދުވެސް ގަނޭ އަޅުގަނޑުގެ ދަރިފުޅު މިފަދަ ވިޔާނުދާ ކަމެއްކުރީތީ….އަޅުގަނޑު ގަބޫލުކުރަނީ އަޅުގަނޑުގެ އިހުމާލުންވީ ކަމެއްކަމަށް….ތިކަން އެނގުނު ހިސާބުން އަޅުގަނޑު ގެވެސް ފާސްކުރިން…އޭނާ ގެންގުޅޭ ހުރިހާ ސާމާނެއް ބަލާފާސްކުރިން…އޭނާގެ ލެޕްޓޮޕްވެސް އާޒިމްއާ ހަވާލުކުރިން….ކުންފުންޏަށްވީ ގެއްލުމުގެ ބަދަލުދޭން އަޅުގަނޑު މިހުރީ ތައްޔާރަށް…އެކަމަކު އަޅުގަނޑު އެދެނީ އަޅުގަނޑުގެ ދަރިފުޅު ދޫކޮށްލަދިނުން…އޭނާ މިކުންފުނިން ވަކިކޮށްފަ ފޮނުވާލިނަމަވެސް އޭނާގެ މައްޗަށް އެއްވެސް ދައުވާއެއް ނުކުރުން އަޅުގަނޑު އެދެން…." ދެރަވެ ލަދުގަނެފައިވާ ހާލު ސަލީމް ވާހަކަދެއްކިއެވެ.
" އަހަރެންވެސް ދަރިއެއް ފަދައިން ދުށްކުއްޖެއް އެއީ…އެކަމު މިހާ ވިޔާނުދާނެ ކަމެއް ކޮށްފާނެކަމަކަށް ހީއެއް ނުކުރަން….އަހަރެން އެންމެ ދެރަވީ ތިދެކުދިންނަށް އެނގިހުރެ އޭނާގެ ވިޔާނުދާކަން ސިއްރުކުރީމަ….އޭނާ ތިދެކުދިން ބްލެކްމެއިލް ކުރިކަން ސިއްރުކުރީ ކީއްވެ؟….ބޭނުން ނުވެތިބެ ދެމީހުން ކައިވެނިކުރީވެސް އޭނާގެ ސަބަބުންނެއްނު….ބައްޕައަށް ހުރިހާކަމެއް އެނގިއްޖެ….އޭނާގެ ލެޕްޓޮޕުން އެކަށީގެންވާ ހެކި ލިބިއްޖެ…" އާޒިމް އިތުރަށް އޮޅުން ފިލުވައިދިނެވެ.
" އަޅުގަނޑުވެސް މަސްލަހަތައްބެލީ….ސަލީމް ބޭބެއަށްޓަކާ މަޑުންހުރީ…އޭނަ މަސައްކަތްކުރީ ޝައުންއާ ކައިވެނިކުރަން…..އޭނާގެ ކިބައިން ޝައުން ސަލާމަތްކުރަން އަހަރެން މިގޮތަށް ކަންތައްކުރީ….މިހާރުދެން އޭނަގެ ނުބައިކަން މިއޮތީ ބައްޕަމެންނަށްވެސް ސާބިތުވެފައެއްނު…އެހެންވީމަ ބައްޕަބޭނުންގޮތަކަށް ކަންތައް ނިންމަންވީ….ބައްޕަ ބޭނުމިއްޔާ އަދަޔަންއަށް މާފްދީފަ ދޫކޮށްލިނަމަވެސް…އަހަރެން އޭނާއަށް މާފެއް ނުކުރާނަން…އެކަމު ސަލީމްބެއަށްޓަކާ އޭނަ ދޫކޮށްލަފާނަން…" އާއިން އޭނާގެ ވިސްނުން ހާމަކުރިއެވެ. މިއެނގުނު ހަޤީޤަތުގެ ސަބަބުން ޝައުންގެ ބޮލުންވެސް ބުރައެއް ލުއިވެގެން ދިޔައެވެ. އަދްޔަންގެ ކިބައިން އުމުރަށްވެސް ސަލާމަތްވެވޭނެ ކަމުގެ ޔަޤީންކަން ލިބުނެވެ.
ސަލީމްގެ ތެދުވެރިކަމާއި ވަފާތެރިކަމުގެ ސަބަބުން އާޒިމް ނިންމީ އަދްޔަންއާމެދު ދައުވާއެއްނުކޮށް ހަމައެކަނި ވަޒީފާއިން ވަކިކުރުމަށެވެ. އެހެންކަމުން އޭނާއާ ބައިވެރިވި ދެމީހުންވެސް ވަޒީފާއިން ވަކިކުރިއެވެ. ކުންފުނީގެ އެހެން މުއައްޒަފުންނަށް އެކަމުގެ ހަޤީޤަތް ސިއްރުކުރުމުގެ ގޮތުން އާޒިމް އެދުނީ އެމީހުން އަމިއްލައަށް އިސްތިޢުފާދިނުމަށެވެ. އޭރުން ކުންފުނީގެ ފަރާތުން އެކަމަށް ޖަވާދާރީނުވެ ސަލާމަތްވާނެއެވެ. މިގޮތުން ސަލީމްގެ އެހީގައި އަދްޔަންވެސް އޮފީހަށް ހާޒިރު ކުރުވައި އޭނާގެ ދުލުން އޭނާގެ ކުށަށް އިޢުތިރާފު ކުރުވިއެވެ.
އަދްޔަންގެ ކުރިމަތީގައި ކަރުނައަޅާ އޭނާގެ ބައްޕަ ރުއިމަންޒަރު ފެނުމުން އޭނާއަށް އޭނާގެ ކުށް އިހުސާސް ކުރެވުނެވެ. އޭނާއެކަންކުރި ސަބަބު ކިޔައިދީ އާއިންއާއި ޝައުންގެ ކިބައިންވެސް މާފަށް އެދުނެވެ. އަދި ދެން ދުވަހަކުވެސް ބަދަލު ހިފުމުގެ ގޮތުން އެފަދަކަމެއް ނުކުރާނެކަމަށްވެސް ބުންޏެވެ. ނަމަވެސް އާއިން އެވާހަކަތައް ގަބޫލެއް ނުކުރެއެވެ. އަދްޔަންއަށް އެހާފަސޭހައިން މާފްދިނުމަކީ އޭނާއަށް ވާނެކަމެއް ނޫނެވެ. ވަޒީފާއިން ވަކިކުރުމުން އަދްޔަން އެނބުރި ސިންގަޕޫރަށް ދިޔައެވެ.
" ދަރިފުޅުމެން ކީއްވެ ކުރިން އޭނާގެ ވާހަކަ ނުބުނީ….އެހެންނޫންނަމަ ވަގުތު އޮއްވާ ފިޔަވަޅު އެޅުނީހެއްނު….ނަސީބެއްނު ދެކުދީންގެ ފޮޓޯތައް ޝޯޝަލް މީޑިއާށް ދޫކޮށްނުލާހުރިކަން…އެހެންނޫންނަމަ ކޮންފަދަ ބޮޑު ބަދުނާމެއް ވާންޖެހުނީސް….ކުރިންވެފަ އޮތްކަމެއްގެ ބަދަލުހިފަންވެސް އެހާ މުޑުދާރުކަމެއް ކުރީމަ ހަމަ ހައިރާންވޭ…އެއީ ކުރިން ހާދަ ބަސްމަދު ކިޔަމަންތެރި ކުއްޖެކޭ…ކާކަށް ގަބޫލުކުރެވޭނީވެސް އެހާނުބައި ރޭވުމެއް ރާވަފާނެކަމަށް" އާޒިމަށް އަދިވެސް އެކަން ގަބޫލު ނުކުރެވޭ ފަދައެވެ.
" ބައްޕާ…ހަޤީޤަތުގަ އެއީ އަހަރެމެންގެވެސް ކުށް….އަހަރެމެންނަށް ނޭނގިނަމަވެސް ހާދަ އަނިޔާއެއް އޭނާއަށްވެސް އަހަރެމެންގެ ފަރާތުން ދެވިފަވާނޭ….އަހަރެމެން ބުލީކުރީމަ އޭނާވެސް ވަރަށް ދުވަހު އެކަމުގެ ހިތާމައިގަ އުޅޭނެ…." އާއިން ޚުދު އޭނާއަށް ކުރެވިފައިވާ ކުށަށް އިޢުތިރާފުވިއެވެ.
" އާނ..ތީ ވަރަށްބޮޑު ތެދެއް….ހަނގާކުރުމަކީ މުޖުތަމައުގަ އުފެދިފައިވާ ވަރަށް ނުބައި ބަލިމަޑުކަމެއް….އެންމެންވެސް ވިސްނަން ޖެހޭކަމެއް….ނޫންނަމަ އެފަދަ ކިތަންމެ އަދްޔަންގެ އުފެދޭނެ…މިފަދަ ކިތަންމެ ހިތާމަވެރި ހާދިސާތަކެއްވެސް ހިނގާނެ…" އާޒިމްވެސް ހިތާމަޔާއެކު ބުނެލިއެވެ.
" އެކަމު ބައްޕަގެ އެބައޮތް ސުވާލެއް….ދަރިފުޅުމެން ދެކުދިން ކައިވެނިކުރީ ހަމައެކަނި އަދްޔަންގެ ކިބައިން ސަލާމަތްވާންތަ؟ ނޫނީ ތިދެކުދިންގެ މެދުގަ ކުރިންވެސް ކަމެއް އޮތީތަ؟…" އާޒިމްހުރީ އޮޅުން ފިލުވަން ބޭނުންވެ، އެސުވާލު ކުރާނެ ފުރުސަތަކަށް ބަލަބަލައެވެ.
" އަހަރެން ޝައުންއާ ކައިވެނިކުރީ ހަމަ ބޭނުންވެގެން…ޝައުންވެސް އަހަރެންދެކެ ލޯބިވާތީ…" އެއްވެސް ޖެހިލުމެއްނެތި އާއިން ބުނެލިއެވެ.
" އެހެންތަ؟…ބައްޕަ ހަމަ އޮޅުން ފިލުވާލަން ބޭނުންވީ….ބައްޕަ އުއްމީދު ކުރަނީ ދެކުދިން އުފަލުގަ އުޅޭނެކަމަށް އަބަދުވެސް…." ހިނިތުންވެލަމުން އާޒިމް ބުނެލިއެވެ.
*****

އާއިންއާއި ޝައުންގެ ޙަޔާތުން އަދްޔަންގެ ސަފްހާ ނިމުނު ކަމުގެ ޔަޤީންކަން އަދްޔަން ދިނުމުން ޝައުންގެ ހިތަށް ލުއިވެގެން ދިޔައެވެ. އަދްޔަންގެ ސަބަބުން އޭނާގެ ހިތުގައި އުފެދިފައިވާ ބިރުވެރިކަން ފިލާދިޔަދިޔައެވެ. ނަމަވެސް އާއިންގެ ޙަޔާތުން ދުރަށްދާން ޖެހޭ ވަގުތު ޖެހުނުކަމުގެ އިހުސާސްވެސް ކުރެވުނެވެ.

ނުނިމޭ