Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ހައްޖަށް ދާން ޕެންޝަނުން ނެގޭވަރު 80 ޕަސެންޓަށް ބޮޑުކުރަން ފާސްކޮށްފި

ހައްޖަށް ދިޔުމަށް ޕެންޝަން ފަންޑުން ނެގޭ ފައިސާގެ އަދަދު 50 ޕަސެންޓުން 80 ޕަސަންޓަށް ބޮޑު ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ޕެންޝަނާބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅުއްވީ، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާއެވެ. މި އިސްލާހު ފާސްވީ 67 މެންބަރުންގެ ވޯޓާއެކުއެވެ.

މި އިސްލާހު ފާސްކުރިއިރު ޕެންޝަން ފަންޑުން ހައްޖަށް ދެވޭ ގޮތަށް ޕެންޝަނާބެހޭ ގާނޫނަށް ބަދަލު ގެންނަން މަޖިލީހުގެ ފުރަތަމަ ދައުރުގައި ވަނީ ފާސްކޮށްފައެވެ. އަދި ޕެންޝަން އޮފީހުން ހެދި ގަވައިދުގައި ވަނީ ޝަރުތުތަކެއް ވެސް ހިމަނާފައެވެ.

އޭގައިވާ ގޮތުން ޕެންޝަން ފަންޑުން ފައިސާ ދޫކުރަނީ ފަރުޟު ޙައްޖުވުމަށެވެ. ޢަދި ފައިސާ ދޫކުރާނީ އެ އަހަރަކު ޙައްޖަށް ގެންދިޔުމަށް ކަނޑައަޅާ އަގުގެ ދެބައިކޮށްފަ އެއްބައެވެ.

މީގެއިތުރުން ޙައްޖުވުމަށް ޕެންޝަން ފަންޑުން ފައިސާ ދޫކުރާނީ އެކައުންޓްގައި ތިންލައްކަ ތިރީސް ހަ ހާސް ރުފިޔާ ހުންނަ ފަރާތްތަކަށެވެ. ޕެންޝަން ސްކީމުން ކަނޑައަޅާފައިވާ މިންވަރަށް ފައިސާ އެ ފަންޑުގައި ހުރީ 6000 މީހުންކަމަށް ޕެންޝަން އޮފީހުން ވަނީ ބުނެފައެވެ.

ގެދޮރު ގަތުމަށް ޕެންޝަން ފަންޑުގައި ހުރި ފައިސާ ކޮލެޓަރައިޒްކޮށްފައިވާ ބައިވެރިއެއް ނަމަ އެ އަދަދު ނުހިމަނާ ގަވައިދުގައި ބުނާ އެންމެ މަދު މިންވަރުގެ ފައިސާ ރިޓަޔަމަންޓް ސޭވިން އެކައުންޓްގައި ހުންނަން ޖެހޭކަށްވެސް މި ޤަވައިދުގައި ވެއެވެ. ޢަދި ޙައްޖަށް ދާން އެއަހަރަކު އެދޭ ހުރިހާ އެންމެނަށް ފައިސާ ދޫކުރަންޖެހޭނެކަމަށާއި ފައިސާ ދޫކުރާނީ ޙައްޖަށް ގެންދާކަމުގެ ލިޔުމެއް ލިބުމުންކަމަށްވެސް ޤަވާއިދުގައި ވެއެވެ.

ޙައްޖަށް ފައިސާ ނެގި ބައިވެރިޔަކު އެއްވެސް ސަބަބެއް ދިމާވެ އެ އަހަރަކު ހައްޖަށް ނުދެވިއްޖެ ނަމަ އެ އަހަރެއްގެ ހައްޖު ދުވަހުގެ ފަހުން 30 ދުވަހުގެ ތެރޭގައި ހައްޖަށް ދާން ލިބުނު ފައިސާ އަނބުރާ ޕެންޝަން އޮފީހަށް ރައްދު ކުރަން ވާނެއެވެ.