Last Updated: April 27, 09:13
Saturday, April 27, 2024
ޚަބަރު

ދެ ކޮމިޝަނަށް ބާރުތައް ދިނުމުގެ ބިލު ތަސްދީގު ކުރައްވައިފި

ދައުލަތުގެ ފައިސާ އާއި މުދަލަށް ހިޔާނާތްތެރިވުމުގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ކޮމިޝަނާއި ގޮތް ނޭނގޭ މަރުތަކުގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ކޮމިޝަނަށް ބާރު ދޭ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފިއެވެ.

މި ބިލު ތަސްދީގު ކުރެއްވިކަން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

ކޮމިޝަންތަކަށް ބާރުތައް ދިނުމުގެ ބިލު މަޖިލީހުން ފާސްކުރީ މިދިޔަ ބުދަ ދުވަހު ބޭއްވި ޖަލްސާގައެވެ. އެ ބިލު ފާސްކުރީ 67 މެމްބަރުންގެ ވޯޓާއެކުއެވެ.

މި ބިލު ސަރުކާރު ފަރާތުން ހުށަހެޅުއްވީ އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެވެ.

މި ބިލުން ކޮމިޝަންތަކަށް ދިނުމަށް ނިންމާފައިވާ ބާރުތަކުގެ ތެރޭގައި މީހުން ހާޒިރު ކުރުމާއި ބަޔާން ނެގުމާއި ބަލާ ފާސް ކުރުމަށް ކަމާ ބެހޭ މުއައްސަސާތަކަށް އެންގުން ހިމެނެއެވެ.

ދެ ކޮމިޝަނަށް ބާރު ދިނުމުގެ ބިލް 18 ވަނަ މަޖިލީހަށް ވެސް ހުށަހެޅިއެވެ. ނަމަވެސް 18 ވަނަ މަޖިލީހުގައި ސަރުކާރަށް ތާއީދުކުރާ ޕާޓީތަކަށް މެޖޯރިޓީ އޮތް ނަމަވެސް ބައެއް މެމްބަރުންގެ ފަރާތުން އެއްބާރުލުން ނުލިބުމުގެ ސަބަބުން އެ ބިލު ވަނީ އޭރު ފާސްކުރެވޭ ގޮތް ނުވެފައެވެ.